ސިޔާސީ ވެރިންގެ ނުރައްކާތެރި ސިޔާސަތުތައް ދިފާޢުނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ގޮވާލައްވައިފިއެވެ.
މިފަދައިން ޑރ.ޖަމީލު ވިދާޅުވީ އުތުރުތިފަޅު ތަރައްޤީކުރުމާ ގުޅޭ ގޮތުން އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދުގައި ކުރެވުނު އެއްބަސްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިޔާގެ "ޓެކްނީޝަނުން" ނުވަތަ "އޮފިޝަލުން" ނިސްބަތްވަނީ އިންޑިޔާގެ ކޮން މުއައްސަސާއަކަށްކަން ސާފުކޮށްދިނުމަށް "ދިޔަރެސް"އިން އެދުމުން އެކަން އެމްއެންޑީއެފުން ސާފުކޮށްދީފައިނުވެއެވެ.
މި އެއްްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ ސިފައިންނަށް ދާއިމަށް ޤާއިމުވެ ތިބެވޭނެ ކަމަށް "ދިޔަރެސް"އަށް އިތުބާރު ހުރި މަޞްދަރަކުން މައުލޫމާތު ލިބިފައިވެއެވެ. އަކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމުވަނީ އެ އެއްބަސްވުން ރައްޔިތުންގެ މަޖިލިހާ ހިއްސާކުރަން ގޮވައިލާ ކުއްލި މައްސަލައެއް އިއްޔެ މަޖިލިހަށް ހުށަހަޅުއްވާފައެވެ.
މި މައްސަލައާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓުގައި ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެފައިވަނީ ސިޔާސީ ވެރިންގެ ނުރައްކާތެރި ޕޮލިސީތައް ދިފާޢުކުރާ ބަޔަކަށް ޤައުމީ ދިފާޢީ ބާރު ނުވުމަށް ގޮވައިލައްވާ ކަމަށެވެ. އަދި އޭގެ އިތުރަށް ޤައުމު ދިފާޢުކުރުމަށް ފުރާނައިން ޤުރުބާންވުމަށް ކުރި ހުވައި ދަމަހައްޓަން އިލްތިމާސްކުރައްވާ ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.
އޭގެ އިތުރަށް ޖަމީލު ވިދާޅުވީ ވެރިކަމަކީ ބަދަލުވާ ކަމެއް ކަމަށެވެ. މިއަދު ވެރިކަމުގައި އެމްޑީޕީ އޮތް ނަމަވެސް މާދަމާ އެހެން ބަޔަކު ވެރިކަމަށް އަތުވެދާނެ ކަން ފާހަގަކުރައްވައި ޑރ.ޖަމީލު ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް ޤައުމު ހިމާޔަތްކުރުމުގައި ތެދުވެރިވާންޖެހޭ ކަމަށެވެ.