މޯލްޑިވް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)އިން ހިންގި ޚިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގެ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް އެއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓުގެ ވެރިޔާގެ މަޤާމުގައި ހުންނެވި ޢާޠިފު ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާއާ ގުޅިގެން ދިފާޢީ ހެކި ހުށަހަޅަން 5 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
ޢާޠިފުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ކޯޓުގައި ކުރިއަށް ގެންދިޔައިރު، އެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާ ހެކިތައް ހާމަކޮށްފައިވެއެވެ. އެ ހެކި ހާމަކުރުމަށްފަހު ދިފާޢީ ހެކި ލިޔުމުން ހުށަހެޅުމަށް އާތިފަށް ފަސް ދުވަހުގެ މުހުލަތެއް މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު ދެއްވާފައިވެއެވެ.
ޢާޠިފުގެ މައްޗަށް ދައުވާކުރަނީ އެފްއައިޔޫގެ ވެރިއަކަށް ހުންނެވިއިރު އެމްއެމްޕީއާރުސީގެ ޗެކަކުން އެސްއޯއެފު ކުންފުނީގެ އެކައުންޓަކަށް ފައިސާ ޖަމާކުރި ކަމަށް ޝައްކުކުރެވޭ މުއާމަލާތެއް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުނުކުރުމުންނެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 10،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ޖޫރިމަނާކުރުމާއެކު 1 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޢާޠިފުގެ ފަރާތްޕުޅުން މި މައްސަލާގައި ހުށަހަޅާ ހެކި ހާމަކުރުމަށްފަހު ދެން އޮންނާނީ ޝަރީޢަތުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާއެެވެ. އެ މަރުހަލާގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށްޤާޟީ ނިންމަވައިފިނަމަ އެ ހިސާބުން ޝަރީޢަތުގެ މަރުހަލާ ފެށޭނެއެވެ.