އިދިކޮޅު އިއްތިޙާދުގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.އަޙްމަދު މުޢިއްޒަކީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި މާލެއާއި އަތޮޅު ތެރޭގައި ހިންގުނު އެންމެ ބޮޑެތި އަދި އެންގެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައި ވިލަރަސްވެރިއަކަށް ހުންނެވި ބޭފުޅާއެވެ. ރައީސް ޔާމީނުގެ ޒަޢާމަތުގައި މާލެއާއި ހުޅުމާލެ ގުޅުވައިލި ބުރިޖާއި، ހިޔާ މަޝްރޫޢުގެ ތެރެއިން ބިނާކުރެވުނު ފުލެޓުތަކާއި މާލޭގައި ތަރައްޤީކުރި މައިޒާންތަކާއި، ރަސްފަންނު ފަދަ އެތައް މަޝްރޫޢެއް ހިންގެވީ އެމަނިކުފާނުގެ ބެލުމުގެ ދަށުންނެވެ. ރައީސް ޢަބްދުﷲ ޔާމީނުގެ ތަޞައްވުރު ޙަޤީޤަތެއް ކަމުގައި ހެއްދެވުމުގައި ޑރ.މުޢިއްޒަކީ މުހިއްމު މަދަދުގާރެކެވެ. އެ މަސައްކަތްޕުޅުގައި ޑރ.މުޢިއްޒުގެ ހަތިޔާރަކީ، އެމަނިކުފާނުގެ ޢިލްމާއި ތަޖުރިބާއާއި ވަރުބަލިކަމެއް ނެތި ކުރެއްވި މަސައްކަތްޕުޅާއި ހީވާގިކަމެވެ.
ޑރ.މުޢިއްޒުގެ ބައްޕާފުޅަކީ ރާއްޖޭގައި އުފެދުނު ދަންނަބޭކަލުންގެ ތެރެއިން ގިނަ ޢިލްމީ މަސައްކަތްތަކެއް ކުރެއްވި ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޢަބްދުއްރަޙުމާނެވެ. އެމަނިކުފާނަކީ ގިނަ ފޮތްތަކެއް ލިޔުއްވި މުއައްލިފެކެވެ. ތައުލީމު ފޯރުކޮށްދިނުމާއި އުނގަންނައިދިނުމުގެ މަސައްކަތަށް ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވި ޢިލްމުވެރި ބޭފުޅެކެވެ. އެހެންކަމުން ޑރ.މުޢިއްޒުގެ ޙަޔާތްޕުޅުގެ ބިންގާ އެޅިގެން ދިޔައީ ޢިލްމުގެ މަތީގައެވެ. ތަޢުލީމަށް ލޯބިކުރާ ގެއަކުންނެވެ.
މަތީގައި ބަޔާންކުރެވުނީ ޑރ. މުޢިއްޒުގެ ތަޢުލީމީ ވަނަވަރުން ކުޑަ މިންވަރެކެވެ. ރަސްމީ ތަޢުލީމުގެ އިތުރުން ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަތުމާއި އިތުރު ތަމްރީނުތައް ހާސިލުކުރައްވައި އެމަނިކުފާނުގެ ޢިލްމީ މުއްސަނދިކަން އިތުރުކުރައްވާފައިވެއެވެ. ތަޢުލީމީ ޙަޔާތްޕުޅުގެ އެންމެ އުސްމިނަށް ވަޑައިގެންނެވިއިރު ރަންވަނަތައް ހާސިލުކުރެއްވި މުޢިއްޒަކީ ތަޖުރިބާއިން ޢިލްމަށް އިތުރު އާރޯކަން ހޯއްދެވި ތަޖުރިބާކާރެއްވެސްމެއެވެ.
ޑރ.މުޢިއްޒަކީ ސަރުކާރުގެ ޚިދުމަތުގެ އިތުރަށް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ހިންގުންތެރި މުދައްބިރެކެވެ. އެގޮތުން އެމަނިކުފާނުގެ އާންމު ޚިދުމަތުގެ ޙަޔާތްޕުޅު ފެއްޓެވީ 1998 ވަނަ އަހަރުއެވެ. އެއީ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްގައެވެ. އޭގެ ފަހުން އަމިއްލަ ކުންފުންޏެއްގައި ކޮންސަލްޓެންޓެއްގެ ގޮތުގައި 10 އަހަރު މަސައްކަތްކުރެއްވިއެވެ.
ހައުސިން ޑިވެލޮޕްމަންޓު ބޯޑުގައި އެމަނިކުފާނު މަސައްކަތް ފެއްޓެވީ 2002 ވަނަ އަހަރުގައެވެ. 2002 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް އެ ބޯޑުގައި މަސައްކަތްކުރައްވައި އެ މުއްދަތުގައި އެ ބޯޑުން ރޭވި ގިނަ މަޝްރޫޢުތަކެއް ފަރުމާކުރެއްވުމާއި، އެ މަޝްރޫޢުތައް ތަންފީޒުކުރެއްވުމާއި، އެ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގައި ޑރ.މުޢިއްޒު ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
އެއަށްފަހު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ވިލާ ޝިޕިން ކުންފުނީގެ ޑިރެކްޓަރެއްގެ މަޤާމަށް ވަޑައިގެން އެ ކުންފުނީގައި މަސައްކަތްކުރެއްވުމަށްފަހު 2012 ވަނަ އަހަރުގައި އެމަނިކުފާނު ވަޑައިގެންނެވީ ވަޒީރުކަމަށެވެ. އެހިސާބުން ފެށިގެން އެމަނިކުފާނުގެ ޤައުމީ ޚިދުމަތް ކުރިއަށްވުރެ ހަލުއި ދުވެލީގައި ފެނިގެންދިޔައެވެ.
ރައީސް ޑރ.ވަޙީދުގެ ވެރިކަމުގައި ޑރ.މުޢިއްޒު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ޙަޤީޤީ ދުވެލި ދިވެހިން ތަޖުރިބާކުރީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ގިނަ މަޝްރޫޢުތަކެއް އެމަނިކުފާނުގެ ބެލުމުގެ ދަށުން އެމަނިކުފާނުގެ އާރުކާޓީ ކަމުގެ ދަށުން ހިންގެވިއެވެ. އެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވަނީ މުޅި ރާއްޖޭގައެވެ.
އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގި މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓު ތަރައްޤީކުރުން ހިމެނެވެ. ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އެޅިއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ބަނދަރު ހެދުނެވެ. ބާވެފައި ހުރި ބަނދަރުތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރެވުނެވެ. އެތައް ރަށެއްގައި ނަރުދަމާއާއި ފެނުގެ މަސައްކަތް ކުރިއެވެ. ސުކޫލު އިމާރާތްތައް އެޅުމާއި، ރަށްރަށުގައި ޞިއްޙީ މަރުކަޒުތައް ބިނާކުރުން ފަދަ ގިނަ މަޝްރޫޢުތަކެއް ހިންގިއެވެ.
މާލޭގެ މޭޔަރުކަމަށް ޑރ.މުޢިއްޒު ވާދަކުރައްވާއިރު މާލެއިންވެސް އެމަނިކުފާނުގެ ޚިދުމަތް ފެންނަން އެބަހުއްޓެވެ. ހިންގެވި މަޝްރޫޢުތަކުގެ ހެޔޮ އަސަރު މިހާރުވެސް ގިނަ ބަޔަކު ތަޖުރިބާކުރަމުން އެބަދެއެވެ. އެމަނިކުފާނުގެ މަސައްކަތް ފެއްޓެވި ހިސާބަކީ ވީރާނަވަމުން ދިޔަ ދަރުބާރުގެއާ ހަމައިންނެވެ. އެ ހިސާބުން ފެއްޓެވި މަސައްކަތްޕުޅުގެ ތެރޭގައި ގިނަ ކަންކަން މާލޭގައި ހިންގެވިއެވެ.
މަތީގައިވާ ލިސްޓުގައި ހުރި ކަންކަމަކީ ޑރ.މުޢިއްޒުގެ އާރުކާޓީކަމުގައި މާލޭގައި ހިންގުނު ބައެއް މަޝްރޫޢުތަކާއި ކުރެވުނު މަސައްކަތެވެ. ފުރިހަމަ ލިސްޓެއް ލިޔާނަމަ އެއަށްވުރެ ގިނަ މަސައްކަތް ލިޔަންޖެހެއެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ. ނަމަވެސް އެއިރުގެ ސިޓީ ކައުންސިލަށް މިކަންކަން ނުކުރެވި ދުވަސްވެ ދިގުލައިގެން ދިއުމުން ޑރ.މުޢިއްޒުގެ ހޯމް މިނިސްޓަރު ކަމުގައި މިކަންކަމަށް ޙައްލު ހޯދައިދެއްވީއެވެ. މިސާލަކަށް ކުނި ގޮނޑު އެކަނި ފުދެއެވެ. އެ ކުނި ގޮނޑުން ނުބައިވަސް ދުވާތީ އެ ސަރަހައްދުގައި ހުރި އިމާދުއްދީން ސުކޫލުގެ ކިޔެވުން އެތައް ދުވަހެއްގައި ބަންދުކުރަންޖެހުނެވެ. މައްސަލައަށް އަހަރު ދެ އަހަރުވީއިރު އެ މައްސަލަ އޮތް ގޮތަށް އޮތީއެވެ.
ޑރ.މުޢިއްޒު މިހާރު ނުކުމެވަޑައިގެން ހުންނެވީ މާލޭގެ ގިނަ މައްސަލަތަކަށް ޚާއްޞަވެވަޑައިގެން އެ މައްސަލަތަކާ ކުރިމަތިލެއްވުމަށް މާލޭ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލައްވައިގެންނެވެ. ހާސިލުކުރައްވާފައިވާ ތަޖުރިބާއާއި ތައުލީމުގެ އަލީގައި މާލޭގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން މާލެ ރައްޔިތުންނަށް ދެއްވަމުންނެވެ. ހައުސިން މިނިސްޓަރު ކަމުގައި މުޅި ރާއްޖެއަށް ވީހާވެސް ކުރު މުއްދަތެއްގައި، އެހާމެ ހަލުއިކޮށް ތަރައްޤީ ގެނެސްދެއްވުމަށް ބެހެއްޓެވި ސަމާލުކަމާއި، އެކަމުގައި ދެއްކެވި މިންނަތާއި ހިތްވަރު މާލެ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ދެއްކެވުމުގެ މަތިވެރި ޢަޒުމުގައެވެ.