Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް ވެކްސިން

ވެކްސިން ޖަހަން ދާ މީހުން މަދުވެ ސެންޓަރުތައް ފަޅަށް

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ދެމުން ގެންދާ ވެކްސިން ޖެހުމަށް މީގެ ދުވަސްކޮޅެއް ކުރިން ވެކްސިން ސެންޓަރުތައް ފުރި މަގުތަކުގައި މީހުން ކިއު ޖެހިފައި ތިބި ނަމަވެސް ވެކްސިން ޖެހުމަށް ދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަށަށް ދާން ފަށައިފިއެވެ.

ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވައްޓަވައި ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާއެކު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެސް ވެކްސިން ޖެއްސެވިއެވެ. އޭގެފަހުން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދިޔައީ ވެކްސިން ޖަހަމުންނެވެ. އަދި ވަކިން ހާއްސަކޮށް ކޮވިޑް ބަލީގައި އެންމެ ނުރައްކާތެރި ހާލަތަށްދާ އުމުރުން ދުވަސްވީ ފަރާތްތައް ވެކްސިން ޖެހުމަށް ގިނަ އާއިލާތަކަކުން ސަމާލުކަން ދިންކަން ވެސް ފާހަގަކުރެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހާ އެންމެ ބޮޑު ސަރަހައްދަކީ ސޯޝަލް ސެންޓަރެވެ. މީގެކުރިން އެ ތަނަށް ވެކްސިން ޖެހުމަށް ގިނަ ބަޔަކު ގޮސްފައި ތިބި ފޮޓޯތައް އާއްމުވި ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ކޮވިޑް ވެކްސިން ޖެހުމަށް ދާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.

ވެކްސިންގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ކޮންމެ ރެއަކު އެޗްޕީއޭ އިން އަންނަނީ އާއްމު ކުރަމުންނެވެ. އެގޮތުން ރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ވެކްސިން ޖެހި މީހުންގެ އަދަދަކީ 5،085 މީހުންނެވެ. މީގެތެރެއިން މާލެ ސަރަހައްދުން 3،054 މީހުން ވެކްސިން ޖަހާފައިވާއިރު އަތޮޅުތަކުން 1،588 އަދި ރިސޯޓުތަކުން 443 މީހަކު ވަނީ މިއަދު ވެކްސިން ޖަހައިފައެވެ.

މިއަދު ވެކްސިން ޖެހި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ވެކްސިން ދިން މީހުންގެ އަދަދު 80،159 އަށް ވަނީ އަރާފައެވެ. އެންމެ ގިނައިން ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށެވެ.

އެގޮތުން މާލެ ސަރަހައްދުން މުޅި ޖުމްލަ 59،077 މީހަކަށް ވެކްސިން ދީފައިވާއިރު 19،623 މީހަކަށް އަތޮޅުތަކުން ވެކްސިން ދީފައިވެއެވެ. އަދި 1،459 މީހަކަށް ރިސޯޓުތަކުން ވެކްސިން ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ