ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު އެއް ޑްރަގް ޑީލަރުކަމަށްވާ މެކްސިކޯއަށް އުފަން އެލްޗާޕޯ ގުޒްމަންގެ އަނބިމީހާ ޑްރަގް ޓްރެފިކްކުރުމުގައި އެލްޗާޕޯއަށް އެހީތެރިވާކަމަށް ތުހުމަތުކޮށް އެމެރިކާއިން ހައްޔަރުކޮށްފިއެވެ.
އުމުރުން 31 އަހަރުގެ އެމާ ކޮރޮނެލް ހައްޔަރުކޮށްފައިވަނީ ވާޖިނިއާގެ ޑަލަސް އެއާޕޯޓްގައި ފުރަންގޮސްފައި ހުއްޓާއެވެ. ކޮރޮނެލްގެ މައްޗަށް އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އިން ތުހުމަތު ކުރަނީ މިހާރު ޖަލު ޙުކުމެއް އެމެރިކާގައި ތަންފީޛުކުރަމުން ގެންދާ އެލްޗާޕޯގެ ޑްރަގް ކާޓެލް ހިންގުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމެވެ.
ކޮރޮނެލްއަކީ އެލްޗާޕޯގެ ޑްރަގް ކާޓެލްގެ ފަރާތުން އެމެރިކާއަށް ހެރޮއިންއާއި، ކޮކެއިންނާއި އަދި މަރިޖުއާނާ އެތެރެކޮށް ވިއްކުމުގައި މިވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. ކޮރޮނެލްގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މިއަދުގެ ވަގުތެއްގައި އޭނާ ވޮޝިންޓަންގެ ފެޑެރަލް ކޯޓަށް ޙާޟިރުކުރާނެކަމަށް ބެލެވެއެވެ.
މަސްތުވާތަކެތި އެމެރިކާއަށް އެތެރެކޮށް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ އިތުރުންވެސް ކޮރޮނެލްގެ މައްޗަށް އޭނާގެ ފިރިމީހާ އެލްޗާޕޯ 2015 ވަނަ އަހަރު މެކްސިކޯގެ ޖަލަކުން ފިލުމުގައި އެހީތެރިވުމާއި އަދި 2016 ވަނަ އަހަރު ޖަލުން ފިލުވުމަށް މަސައްކަތްކުރިކަމަށްވެސް ކޯޓަށް ޑީއީއޭއިން ހުށަހެޅި އެފިޑަވިޓްގައި ބުނެފައިވެއެވެ.
ކޮރޮނެލް ހައްޔަރުކުރުމުގެ އޮޕަރޭޝަނަކީ އެމެރިކާއިން އިސްވެ ހިންގި އޮޕަރޭޝަނެއްކަމަށާއި، އެކަމުގައި މެކްސިކޯގެ ކަމާއިބެހޭ އިދާރާތަކުގެ އެއްވެސް ދައުރެއްނެތްކަމަށް އެޤައުމުގެ ސަރުކާރާއި ޙަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
އުމުރުން މިހާރު 63 އަހަރު ވެފައިވާ އެލްޗާޕޯއާއި ކޮރޮނެލްގެ ކައިވެންޏަށް މިހާރު ސާދަ އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، ދެމީހުންގެ ކައިވެންޏަށް ދެކުދިން ލިބިފައިވެއެވެ.