ސައުދީ އަރަބިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ތެލާއި ބެހޭ ވަޒީރުކަން ކުރެއްވި އަހްމަދު ޒަކީ ޔަމަނީ އަވަހާރަވެއްޖެއެވެ.
1973 ވަނަ އަހަރު ސައުދީ އަރަބިއްޔާއަށް ކުރިމަތިވި ތެލުގެ ކާރިސާގެ ދުވަސްވަރު އެ ޤައުމުގެ ތެލުގެ ވަޒީރުކަމުގައި ހުންނަވައި އެ ކާރިސާއިން ޤައުމު އަރައިގަތުމުގައި އިސް ދައުރެއް އަދާކުރެއްވީ ޔަމަނީ އަވަހާރަވީ އިނގިރޭސިވިލާތުގައެވެ. އަދި އަވަހާރަވިއިރު އުމުރަކީ 90 އަހަރެވެ. ޔަމަނީ އަވަހާރަވިކަން އިއުލާންކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ރަސްމީ ޓީވީއިންނެވެ. އަވަހާރަވި ސަބަބު ހާމަކޮށްފައި ނުވާއިރު، ޔަމަނީ ފަސްދާނުވަޑުވަން ހަމަޖެހިފައިވަނީ މައްކާގައި ަމަށްވެއެވެ.
ސައުދީ އަރަބިއްޔާގެ ތެލާއި ބެހޭ ވަޒީރުކަމާއި ޔަމަނީ ހަވާލުވެވަޑައިގަތީ 1962 ވަނަ އަހަރުގައެވެ. އަދި 1986 ވަނަ އަހަރާއި ޖެހެންދެން އެ މަޤާމުގައި އޭނާ ހުންނެވިއެވެ.
ޔަމަނީ އުފަންވެވަޑައިގެންފައިވަނީ 1930 ވަނަ އަހަރުގައެވެ. އަދި ތައުލީމު ހާސިލު ކުރެއްވީ އެމެރިކާގެ ނިއުޔޯކް ޔުނިވަސިޓީންނާއި ހަވާޑް ޔުނިވަސިޓީންނެވެ.