ޓްރާންސް މޯލްޑިވިއަން އެއާވޭސް، (ޓީއެމްއޭ) އިން އެތެރޭގެ އުދުހުންތައް ފަށަން ތައްޔާރުވެއްޖެއެވެ.
އެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓު ކުރާ ކުންފުންޏެވެ. މިހާތަނަށް އެކުންފުނީގެ ފްލީޓުގައި 56 ސީޕްލޭން އޮންނައިރު މިހާރު ކުންފުނިން އަމާޒު ހިފާފައި ހުރީ އެ އަދަދު 60އަށް އިތުރު ކުރުމަށެވެ.
މީގެއިތުރުން ސީޕްލޭން އޮޕަރޭޝަންސް ފުޅާ ކުރުމުގެ އިތުރުން ވީލް ބޭސްޑް އޮޕަރޭޝަންތައް ފެށުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަށްޓަކައި އޭޓީއާރު މަރުކާގެ މަތިންދާބޯޓެއް ގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެ ކުންފުނީގެ ބޭސް އެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައި ވަނީ ޅ. މަޑިވަރު އެއާޕޯޓެވެ.
މިފަދަ އޮޕަރޭޝަންތައް ބޭއްވުމަށް އެކުންފުނިން ނިންމީ އެ އެއާލައިނުގެ އޮޕަރޭޝަންތައް 24 ގަޑިއިރު ބޭއްވުމަށެވެ. ސީޕްލޭން ދަތުރުތަކަކީ މޫދަށް ޖައްސައިގެން ކުރިޔަށް ގެންދަން ޖެހޭ ދަތުރުތަކަކަށް ވުމުން އެ ދަތުރުތައް ރޭގަނޑަކު ނުބޭއްވެއެވެ. އޭޓީއާރު މަރުކާގެ ބޯޓާއެކު، ރިސޯޓު ޓްރާންސްފާތައް 24 ގަޑިއިރު ކުރިއަށް ގެންދެވޭނެ ކަމަށް ޓީއެމްއޭ އިން ވަނީ ބުނެފައެވެ.
މި ކުންފުންޏަކީ ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާތާ 30 އަހަރު ވެފައިވާ ކުންފުންޏެކެވެ. އެންމެ ފުރަތަމަ އޮޕަރޭޝަންތައް ފެށީ 1989 ވަނަ އަހަރުއެވެ.