ޖޫރިމަނާއަކާނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުން އަންނަ މަހުގެ 10ވަނަ ދުވަހާ ހަމައަށް އިންތިޒާމް ކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ވޯކް ޕާމިޓް ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.
އެބަދަލާ ގުޅިގެން، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ޕާމިޓް ފީ ދެއްކެވުމުގައި، ސިސްޓަމް ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އެ މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން، އަންނަ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާއަކާނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މީގެކުރިން އިކޮނޮމިކް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވޯކް ޕާމިޓަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން "ވޯކް ޕާމިޓް އިންޝޫރެންސް ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓްރީވުމަށް އެދި ހުށަލަޅާ ފޯމް" އަދި އިންޝޫރަންސް ޕެކޭޖް ގެ މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް employment.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
އަދި ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް، "ވޯކް ޕާމިޓް އިންޝޫރެންސް ޕްރޮވައިޑާ ރެޖިސްޓްރޭޝަން އެޕްލިކޭޝަން" ހުށަހަޅައިގެން، އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.