Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިޔާ ފްލެޓުތައް

އެއް ކޮޓަރީގެ ފުލެޓުތަކަށް ސަރުކާރުން ހެދި ގޮތް ހާމަކުރަން ގޮވައިލާ މައްސަލައެއް މަޖިލިހަށް

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ކުރިއަށް ގެންދެވި ހިޔާ މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ ފުލެޓުތަކުގެ ތެރެއިން އެއް ކޮޓަރީގެ ފުލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތް ހާމަކުރަން ގޮވައިލާ މައްްސަލައެއް ރައްޔިތުންގެ މަޖިލިހަށް، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ހުށަހަޅުއްވައިފިއެވެ.
މިއަދު އޮތް މަޖިލިހުގެ ޖަލްސާގައި ޝިޔާމު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ "ހިޔާ ފުލެޓު"ގެ އެއް ކޮޓަރީގެ އެޕާޓުމެންޓުތައް ނެތް ކަމުގައި ބުނެ، އެ ފުލެޓު ޙައްޤުވެރިންގެ ލިސްޓު ސަރުކާރުން ބާޠިލުކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން ބިނާކުރި ޓަވަރުތަކުގެ ފުރަތަމަ 4 ފަންގިފިލާގަިއ ހުރި 1 ކޮޓަރީގެ އެޕާޓުމެންޓުތަކަކީ އެ ކުންފުނިތަކާ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެދުގައި ހަދާފައިވާ އެއްބަސްވުމުގެ ދަށުން އިޖުތިމާޢީ ގެދޮރުވެރިކަމަށް ޚާއްޞަކޮށްފައިވާ ފުލެޓުތައް ކަމުގައެވެ.
އަދި މި ފުލެޓުތައް އާންމުންނަށް ދިނުމަށް ދެ ގޮތެއް ކުރީ ސަރުކާރުން ރޭވި ކަމުގައިވެސް ޝިޔާމު ފާހަގަކުރެއްވިއެވެ. ެ. އެގޮތުން އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ކޮންމެ ކުންފުންޏަކުން ބިނާކުރާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހުންނާނީ 1 ކޮޓަރީގެ އެޕާޓުމެންޓުތަކެވެ. އެ އެޕާޓުމެންޓުތައް ދިނުމަށް ނިންމާފައިވަނީ އެޗްޑީސީއަށެވެ. އަދި އެ ޔުނިޓުތަކަކީ ހިޔާ މަޝްރޫޢުގެ ދަށުން ދިނުމަށް ނިންމާފައިވާ ގެދޮރެވެ. އެ ގެދޮރު ދިނުމަށް ނިންމާފައިވަނީ ދެ އުޞޫލެއްގެ ތެރެއިންނެވެ.
ފުރަތަމަ އުސޫލަކީ ސަރުކާރަށް އެ އެޕާޓުމެންޓުތައް ގަތުމަށްފަހު 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަގު ދައްކާ ޚަލާޞްކުރާ ގޮތަށް ފުލެޓު ޙައްޤުވާ ފަރާތްތަކަށް ދިނުމެވެ. ދެވަނަ ގޮތަކީ ރައީސް ޔާމީނުގެ އިސްނެންގެވުމަށް އެއިރުގެ ސަރުކާރުން އެމްއެމްއޭއާ މަޝްވަރާކޮށްގެން، ބޭންކުތަކުން ތަޢާރަފުކުރި އެފޯޑަބަލް ހައުސިން ލޯނުތައް ޙައްޤުވެރިންނަށް ދޫކޮށްގެން އެ ޔުނިޓުތައް ވިއްކުމެވެ. މިއިން ކޮންމެ ގޮތަކަށް ވިއްކި ނަމަވެސް ޔުނިޓެއް ސަރުކާރަށް ގަންނަ އަގެއްގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވަނީ 600،000 ދިވެހި ރުފިޔާއަށްވުރެ ކުޑަ އަގެކެވެ. އެހެންކަމުން މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3000 ރުފިޔާއާއި 4000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
ސަރުކާރު ބަދަލުވެ، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު އަޙްމަދު އަސްލަމް އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ އެއް ކޮޓަރީގެ ފުލެޓުތަކަކީ ވުޖޫދުގައި ނެތް ފުލެޓުތަކެއް ކަމުގައެވެ. އެހެންނަމަވެސް ފަހުން މި މަޖިލިހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓުތައް ނިންމާފައިވަނީ ހަމައެކަނި އެމްޑަބްލިއުއެސްސީއިން ކަމަށެވެ. އަދި ލިބެން ހުރީ އެންމެ 36 ފުލެޓު ކަމުގައި ޝިޔުމުގެ މައްސަލާގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހި ބަލައިލުމުން އެތަނުގައި މިހާރުވެސް ސަރުކާރު ކުންފުނިތަކުން ބިނާކޮށްފައިވާ 12 ޓަވަރު ފެންނަން އެބަހުރި ކަމުގައި ޝިޔާމު ވިދާޅުވިއެވެ. އެ ހުރިހާ ޓަވަރެއްގެ 4 އފަންގިފިލާގައި ހުރި އެޕާޓުމެންޓުތަކުގެ އަދަދު 900 އަށްވުރެ ގިނަވާނެއެވެ. އެ ފުލެޓުތަކަކީ އަލަތު ކާވެނިކޮށްގެން ދިރިއުޅުމެއް ފެށުމުގެ އުންމީދުގައި ތިބި ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ރައީސް ޔާމީނުގެ ސަރުކާރުން ބިނާކުރި ފުލެޓުތަކެވެ. އެ ފުލެޓުތައް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެ، އެޗްޑީސީއާއެކު ކުންފުނިތަކުން ހެދި އެއްބަސްވުން މި ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ބަދަލުކޮށް، އެ ފުލެޓުތައް ވިޔަފާރި އުޞޫލުން ފައިދާއެއް ލައިގެން، ވިއްކަން ކުރިން ކަނޑައެޅި އަގަށްވުރެ ބޮޑު އަގުގައި ވިއްކަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
މިއީ ދިވެހި ޒުވާނުންގެ އުންމީދާ ގުޅިފައިވާ ކަމެއް ކަމުގައިވާއިރު، މި ފުލެޓުތަކަކީ ކުރީ ސަރުކާރުން އެ ފުލެޓުތަކުގެ ޙައްޤުވެރިންނަށް ފުލެޓު ލިޔުންވެސް ދީފައިވާ ފުލެޓުތަކަކަށްވާއިރު، މި ފުލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތަކީ ދިވެހި ރައްޔިތުން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. . އަދި ފުލެޓުތަކާ ގުޅިގެން ސަރުކާރުން އެކި ދުވަހު އެކި ގޮތަށް ވާހަކަދައްކަމުންދާތީ ސަރުކާރުން މިކަމުގައި ކަންކުރި ގޮތް އޮޅުންފިލުވަން ރައްޔިތުން ބޭނުންވާތީ، އެކަމުގެ ތަފުސީލުތައް އޮޅުވައިލުމެއްނެތި ލިޔެކިޔުމުން ރައްޔިތުންނަށް ހާމަކުރަން ސަރުކާރަށް ގޮވައިލާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ