އެމެރިކާގެ ބޮއިންގ ކޯޕަރޭޝަނުން އުފައްދާފައިވާ ބޮއިންގ-777 މަރުކާގެ މަތިންދާ ބޯޓްތަކުގެ ތެރެއިން ދާދިފަހުން މައްސަލަ ޖެހިގެން އެމެރިކާގެ ޑެންވަރއަށް އެމެޖަންސީ ހާލަތުގައި ޖެއްސި ޔުނައިޓެޑް އެއަރލައިންގެ ބޯޓްގައި ބޭނުންކުރި މޮޑެލްގެ އިންޖީނު އަޅާފައިވާ ބޯޓްތައް އުދުހުން ވަގުތީ ގޮތުން އެ ކުންފުނިން މަނާކޮށްފިއެވެ.
ޔުނައިޓެޑް އެއަރލައިން އިމަޖަންސީ ހާލަތުގައި ޖައްސާފައިވަނީ އެ ބޯޓްގެ އެއް އިންޖީނުގައި ރޯވެ އިންޖީނުގެ ބައިތަކެއް ޑެންވަރގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުމުންނެވެ. ބޮއިންގ-777 މަރުކާގެ އެ ބޯޓްގައި ބޭނުންކޮށްފައިވަނީ މަތިންދާބޯޓްގެ އިންޖީނު އުފައްދާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނިކަމަށްވާ ޕްރެޓް އެންޑް ވިޓްނީން ޕީޑަބްލިއު-400 މަރުކާގެ އިންޖީނެކެވެ.
މި ވަގުތު ދުނިޔޭގައި އެ މަރުކާގެ އިންޖީނު އަޅާފައިވާ ބޮއިންގ-777 ގެ 24 މަތިންދާބޯޓް ބޭނުންކުރެއެވެ. ބޮއިންގ ކުންފުނިން އަމިއްލައަށް އިސްނަގައިގެން އެ ބޯޓްތައް ބޭނުންކުރާ އެއަރލައިންތަކަށް ވަނީ މައްސަލަ ތަޙްޤީޤްކޮށް ނިމެންދެން ބޯޓްތައް އުދުހުން ވަގުތީގޮތުން ހުއްޓާލުމަށް އެދިފައެވެ. އެމެރިކާގެ އޭވިއޭޝަން އޮތޯރިޓީއިންވެސް މިހާރު ވަނީ ޔުނައިޓެޑް އެއަރލައިންސް-328 ބޯޓްގެ އިންޖީނުގައި ރޯވި މައްސަލަ ރަސްމީކޮށް ތަޙްޤީޤްކުރަން ފަށައިފައެވެ.
އެމެރިކާގެ އޭވިއޭޝަން އޮތޯރިޓީއިންވެސް މިހާރު ވަނީ ޔުނައިޓެޑް އެއަރލައިންސް-328 ބޯޓްގެ އިންޖީނުގައި ރޯވި މައްސަލަ ރަސްމީކޮށް ތަޙްޤީޤްކުރަން ފަށައިފައެވެ.
ބޮއިންގ ކުންފުނިން އުފައްދާފައިވާ ބޮއިންގ-737 މެކްސް މަރުކާގެ ދެ ބޯޓް ވެއްޓި ދަތުރުކުރި އެންމެން މަރުވި ހާދިސާތަކާއި ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން އެ ކުންފުންނީގެ ވިޔަފާރިއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.