އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރަން ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ކުރިން ނެންގެވި ނިޒާމީ ނުގުތާއެއްގައި ވެރިކަންކުރާ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ ކުއްލި މައްސަލައަކީ ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށެވެ.
މިގޮތުން އެ ކުއްލި މައްސަލާގައި އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން ގޮވާލާފައިވާ ކަމަށާއި، ދޭދޭ ޤައުމުތަކުގެ މެދުގައި ވެވޭ އެފަދަ އެއްބަސްވުން ހާމަ ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެކެވެ. ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން އަދި އެފަދަ ނިންމުމެއް ނިންމާފައިނުވެއެވެ.
ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް އެދި "ދިޔަރެސް" ނޫހުގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން، އެ މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާފައެވެ. ދެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން އެ އޮފީހުން ވަނީ ޑިފެންސް މިނިސްޓްރީގެ ނިންމުމަށް ތާއީދުކޮށްފައެވެ. އަދި "ދިޔަރެސް" އިން މިހާރު ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން މި މައްސަލަ ބަލައިގަނެފައިވާއިރު، ހައިކޯޓުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިޔުމުން ޖަވާބުދާރީ ވާން އަންގާފައެވެ. އަދި އެ ކޮމިޝަނުން ޖަވާބު ދީފައިވާއިރު އެ މައްސަލައިގެ އަޑު އެހުމެއް މިހާތަނަށް ބާއްވާފައިނުވެއެވެ.
ކޯޓުން އެފަދަ ނިންމުމެއް ނިންމާފައިވާ ކަމަށް ބުނެ އަލީ އާޒިމް ވަނީ އެ ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމުމަށް ގޮވާލާފައެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައިގަނެ މިއަދު އެ މައްސަލަ އަށް ބަހުސް ކޮށްފައިވެއެވެ.
މެމްބަރު އަލީ އާޒިމް އަކީ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކަނޑައެޅިގެ ދޮގު ހަދާ މެމްބަރެއްކަން ފާހަގަކުރެވެއެވެ.