ސިޔާސީ މަޤްސަދުތައް ހާސިލުކުރަން ދިވެހި ސިފައިންނާއި ފުލުހުންގެ އަގު ވައްޓާނުލުމަށް ކެޕްޓަން (ރޓޑ) އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައްވައިފިއެވެ.
އިހުސާން މިގޮތަށް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީސް މެމްބަރުން ވަނީ ދިވެހި ސިފައިންނަކީ ޤައުމަށް ކުރިމަތިވާ ނުރައްކާތަކާއި ކުރިމަތިލުމުގެ ޤާބިލުކަމެއް ނެތް ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިންޑިއާގެ "އެހީ" ބޭނުންވަނީ އެހެންވެ ކަމަށް ބުނެފައެވެ.
ބެލެވޭ ގޮތުގައި އިހްސާން މިގޮތަށް ޓުވީޓު ކުރެއްވީ މަޖިލީސް މެމްބަރުންގެ ވާހަކަތަކުގައި ވަރަށް ބޮޑަށް އެމްއެންޑީއެފްގެ އަގު ވެއްޓޭގޮތަށް ވާހަކަ ދެއްކެވުމުންނެވެ. މީގެ އިތުރުން އިހްސާން ވަނީ، ކަންކަމުގެ ހަގީގަތް ނޭނގޭނަމަ ސިފައިންގެ ފަރާތްތަށް މަޖިލީހަށް ހާޒިރުކޮށްގެން އޮޅުން ފިލުވުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންނަށް އޮޅުވާ ނުލުމަށާއި، މެމްބަރުންގެ ވާޖިބު އެހެން މީހުންނަށް ހުރަސް އެޅުމަކާއި ނުލާ އަދާކުރެއްވުމަށްވެސް އިހްސާން ގޮވާލެއްވިއެވެ.
އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސައްކަތް އިންޑިއާ އާއި ހަވާލުކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދާއިމަށް ދިވެހިރާއްޖޭގައި ތިބެވޭނެއެވެ.