Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރުތިލަފަޅު

އެއްބަސްވީ އިންޑިއާ ސިފައިންނަށް ދާއިމަށް ރާއްޖޭގައި ތިބެވޭ ގޮތަށް

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްއަށް ޑޮކްޔާޑަކާއި ބަނދަރެއް ތަރައްޤީ ކުރުމަށް އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދާއިމަށް ދިވެހިރާއްޖޭގައި ތިބެވޭނެ ކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ އެއްބަސްވުމުގައި އޮތް ގޮތުން ރާއްޖޭގައި ދާއިމަށް އިންޑިއާ ސިފައިންނަށް ތިބެވޭނެއެވެ. އެހެން ނަމަވެސް އެއްބަސްވުމުގައި ސީދާ "މިލިޓަރީ" މި ލަފުޒު ބޭނުން ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭގެ ބަދަލުގައި "ޓެކްނީޝަންސް" އަދި "އޮފިޝަލްސް" ފަދަ ލަފުޒުތައް ބޭނުންކޮށް އެއީ އަސްކަރީ އެއްބަސްވުމެއް ނޫންގޮތަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއްބަސްވުމުގައި ކަނޑައެޅިގެން ނެތް މިލިޓަރީ މި ލަފުޒު ބޭނުންކޮށްފައި. ސަބަބަކީ އެހެން އޮވެއްޖެނަމަ ޤާނޫނު އަސާސީ ބުނާގޮތުން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ. ބޭރުގެ އަސްކަރިއްޔާއަކަށް ރާއްޖޭގެ ފަސްގަނޑުގައި އަސްކަރީ ބޭނުމަކަށް ތިބެވޭނީ މަޖިލީހުގެ ޖުމްލަ ހުރިހާ މެމްބަރުންގެ ރުހުން ލިބިގެން ކަމުގައިވާތީ މަޖިލީހުގެ ރުހުން ނުހޯދައި މި އެއްބަސްވުމުގެ ސޮއި ކުރެވޭނެ ލޫޕްހޯލް އެއް ސަރުކާރުން ހޯދީ" އެ ބޭފުޅާ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ވާގޮތުން، ޑޮކްޔާޑު އަދި ބަނދަރު ބެލެހެއްޓުމަށް އިންޑިއާގެ "އޮފިޝަލުންނާއި ޓެކްނީޝަނުން" ތިބޭނެ ކަމަށް އެ އެއްބަސްވުމުގައި ވާކަމަށް މައުލޫމާތުލިބެއެވެ.

"ކޮންމެ ނަމެއް ކިޔަސް އެއީ އިންޑިއާގެ އަސްކަރިއްޔާ އިނގޭތޯ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ. އެމްއެންޑީއެފްގެ ވެސް ސީނިއަރ ބައެއް ބޭފުޅުންގެ ރިޒަވޭޝަންސް އެބަހުރި މި އެއްބަސްވުމަށް." އެ ބޭފުޅާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ނަމަކީ "ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" އެވެ. އެހެން ކަމުން އެއްބަސްވުމުގެ ނަމުންވެސް، މި އެއްބަސްވުމުގެ ދަށުން އެތަން ބެލެހެއްޓުމަށް އިންޑިއާ ބަޔަކު ހަރަކާތްތެރިވާނެ ކަން އެބަ އެނގެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި "ދިޔަރެސް" ގެ ފަރާތުން ވަނީ މި އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ތިބެނީ ކޮން މުއްދަތަކަށްތޯ ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދަޅުވީ އެއްބަސްވުމުގެ ދަށުން އިންޑިއާގެ އަސްކަރިއްޔާއެއް ނުތިބޭނެ ކަމަށާއި ތިބޭނީ ޓެކްނިކަލް ފަރާތްތަށް ކަމަށެވެ. އަދި އެތަން ތަރައްޤީ ކޮށް ނިމުމުން އެމްއެންޑީއެފް އިން ބޭނުންވާ "މުއްދަތަކަށް" އެތަނުގައި އެ "ޓެކްނިކަލް" ފަރާތްތަށް ތިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ދިޔަރެސް" އިން ވަނީ އެ ޓެކްނިކަލް ފަރާތްތަށް ނިސްބަތްވަނީ ކޮން މުއައްސަސާއަކަށްތޯ ޖެނެރަލް އަބްދުއްރަހީމް އާއި ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އެ ސުވާލަށް ސާފު ޖަވާބެއް އަބްދުއްރަހީމް ނުދެއްވައެވެ.

"ދިޔަރެސް" ގެ ފަރާތުން ކުރި ސުވާލު

މީގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުވެސް ވަނީ ރާއްޖޭގައި މިހާރުވެސް ތިބެނީ އިންޑިއާ ސިފައިން ނޫން ކަމަށާއި އެއީ އިންޑިއާގެ ޓެކްނިކަލް މީހުން ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރާއި، އަސްކަރީ މަތިންދާބޯޓު އޮޕަރޭޓުކުރަން ރާއްޖޭގައި ތިބެނީ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ފަރާތްތަކެވެ. އަދި އެ މީހުން ރާއްޖޭގައި ތިބުމަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.

ދިޔަރެސް އިން ވަނީ، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ޑިފެންސް މިނިސްޓްރީގައި އެދިފައެވެ. އަދި ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހެދުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސްކޮށްފައެވެ. އެ އޮފީހުން ވަނީ އެ މައުލޫމާތު ހާމަކުރުމަކީ ވަނީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ހާމަކުރަން ނުޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ނިންމި މިންމުން ރަނގަޅުކަމުގައި ކަނޑައަޅާފައެވެ. އަދި މިހާރު "ދިޔަރެސް" އިން ވަނީ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މި ލިއުމާއި ގުޅޭ