އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީ ކުރުމަށް އިންޑިއާ އާއި އެކު ވެވުނު އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޑރ.މުއިއްޒު ވިދާޅުވީ، އެ އެއްބަސްވުމާއި ގުޅޭގޮތުން މީޑިއާ ތަކުން އިވެމުންދާ ކަންބޮޑުވުންތައް އުފެދޭ ފަދަ ރިޕޯޓުތަކަށް ބަލާއިރު މާލޭ ރައްޔިތުންނާއި އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި އެ އެއްބަސްވުން ހާމަކުރަން ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
އުތުރުތިލަފަޅު އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފައިވާއިރު އެ އެއްބަސްވުމާއި ގުޅޭ ގިނަ ކަންކަން ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ. މިގޮތުން އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އަންނަ އިންޑިއާ މީހުން ރާއްޖޭގައި ދެމި ތިބޭނެ މުއްދަތުވެސް ހާމަކޮށްފައިނުވެއެވެ.
އެކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި އެތަން ބަލަހައްޓަން އިންޑިއާ ސިފައިން ތިބޭނެތޯ ސުވާލު ކުރުމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ. އަދި އެތަނުގައި ތިބޭނީ އިންޑިއާގެ ޓެކްނިކަލް މީހުން ކަމަށް އޭނާ ބުންޏެވެ. އަދި ޓެކްނިކަލް ފަރާތްތަށް ނިސްބަތްވަނީ ކޮން މުއައްސަސާއަކަށްތޯ ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބު ނުދެއްވިއެވެ.
އިންޑިއާއި އެކު ވެފައިވާ އެއްބަސްވުމުގެ ނަމަކީ "ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު"އެވެ. އެހެންކަމުން މި އެއްބަސްވުމުގެ ދަށުން އެތަން މެއިންޓެން ކުރުމުގެ ނަމުގައި އިންޑިޔާ ސިފައިން އެ ތަނުގައި ޤާއިމުވެ ތިބޭނެއެވެ. .