ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމާގައި ނާޒީންގެ އުފެއްދި ކޮންސެންޓްރޭޝަން ކޭމްޕެއްގެ ގާޑެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް ތުހުމަތުވުމުން، އެމެރިކާގެ ޓެނެސީ ސްޓޭޓުގައި ދިރިއުޅުނު މީހަކު އަނބުރާ ޖަރުމަނަށް ފޮނުވާލައިފިއެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ޖަސްޓިސް ޑިޕާޓުމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 95 އަހަރުގެ ފެރެޑްރިކް ކާލް ބާގާއަކީ އެމެރިކާއިން ޖަރުމަނަށް ފޮނުވައިލެވިދާނެ މީހެއް ކަމަށް ދެ ދުވަހުގެ ޝަރީޢަތަކަށް ފަހު ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ހުޅަނގު ޖަރުމަނުގައި ނާޒީން ހިންގި ކޭމްޕެއް ކަމުގައިވާ ނިއުއެންގަމްމެ ކޭމްޕުގައި ހަތިޔާރު އެޅި ފާރަވެރިޔަކަށް އޭނާ ހުރުވުމަކީ އޭނާގެ މައްޗަށް ނާޒީންގެ އަނިޔާއާއި ޤަތުލު އާންމުގައި އެހީވި ކަމަށް ތުހުމަތުކުރެވޭނެ ސަބަބެއް ކަމުގައިވެސް އެ ޑިޕާޓުމެންޓުން ބުނެފައިވެއެވެ.
މި ކޭމްޕުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ޔަހޫދީންނާއި، ޕޮލޭންޑު މީހުންނާއި، ރަޝިޔާ މީހުންނާއި ޑެނިޝް މީހުންނާއި، ރަޝިޔާ، އިޓަލީ، ފްރާންސް އަދި އެ ނޫންވެސް އެތައް ޤައުމެއްގެ މީހުން ހިމެނުނެވެ. އަދި ނާޒީންގެ ސިޔާސީ ހަތުރުންވެސް މި ޖަލުގައި ބަންދުކޮށްފައި ތިއްބެވެ. މި ކޭމްޕުގައި އެންމެ މަދުވެގެން 42،900 މީހުން މަރުވިކަމަށް ބެލެވެއެވެ.
ބާގާއަކީ ޖަސްޓިސް ޑިޕާޓުމެންޓުން ބުނި ގޮތުގައި ނާޒީންނަށް އެހީވި ކަމުގެ ތުހުމަތުގައި އެމެރިކާއިން ބޭރުކުރާ 70 ވަނަ މީހާއެވެ. ނާޒީންނާ ގުޅިގެން މަސައްކަތްކުރި މީހުން ހޯދައި ތަހުގީގުކުރުމަށް ޚާއްޞަ ޕްރޮގުރާމެއް 1979 ވަނަ އަހަރުގައި އެމެރިކާ ސަރުކާރުން ފެށި ފަހުން މިހާތަނަށް 109 މީހަކާ ދެކޮޅަށް ސަރުކާރުން ކޭސްތައް ކާމިޔާބުކޮށްފައިވެއެވެ.
ބާގާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައި ފާއިތުވި ޑިސެންބަރު މަހު ނިންމާފައިވާއިރު އޭނާގެ މައްޗަށް ދައުވާކުރަން ނިންމާފައިނުވާ ކަމަށް އެ ޤައުމުގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ ޖަރުމަން ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.