Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ދަނޑުވެރިންގެ މުޒާހަރާއާއި ގުޅިގެން އެކްޓިވިސްޓެއް އުމުރަށް ޖަލަށްލާން އިންޑިއާއިން މަސައްކަތްކުރަނީ

އިންޑިއާގައި މިހާރު ކުރަމުން ގެންދާ ދަނޑުވެރިންގެ މުޒާހަރާތައް ރާވައި ހިންގުމުގައި އިސްކޮށް އުޅޭ ޒުވާން އަންހެން އެކްޓިވިސްޓެއް ކަމަށްވާ ދީޝާ ރާވީގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނަ ދަޢުވާއެއް އުފުލުމުގެ މަސައްކަތް އިންޑިއާގެ ސަރުކާރުން ފަށައިފިއެވެ.

ދަނޑުވެރިންގެ މުޒާހަރާތަކަށް ހިތްވަރުދޭ ޓޫލްކިޓެއް އިންޓަރނެޓްގައި ޝާއިޢުކުރިކަމުގެ ތުހުމަތުކޮށް، ދީޝާ ރާވީގެ މައްޗަށް ފުލުހުން އުފުލުމަށް މަސައްކަތްކުރާ ދަޢުވާއަކީ ސަރުކާރު ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ގޮތަށް އިރުޝާދު ދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ މައްސަލާގައި ދީޝާ ރާވީ ހައްޔަރުކޮށް ނިއުދިއްލީގެ ކޯޓަކުން މިހާރު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

އުމުރުން އެންމެ 22 އަހަރުގެ ދީޝާ ރާވީއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ސްވިޑުންގެ ޒުވާން ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް އުފައްދާފައިވާ ޖަމިއްޔާގައިވެސް އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތެކެވެ. ދީޝާ ހައްޔަރުކުރުމުން އެކަމާއި ދެކޮޅަށް ކަންބޮޑުވުން ފާހަގަކޮށް ގްރެޓާ ތަންބާގް ވަނީ ޓްވީޓްކޮށްފައެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޞުލްހަވެރިކަމާއިއެކު މުޒާހަރާކުރުމާއި އެއްވެއުޅުމުގެ ހައްޤަކީ އެއާއިމެދު ބަހުސްނުކުރެވޭނެ އިންސާނީ ހައްޤުތަކެއް. މިކަންކަން ވާންޖެހޭނީ ކޮންމެ ޑިމޮކްރަސީއެއްގެ އަސާސަށް" ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ބެލެވޭ އިންޑިއާއަށް ފާޑުވިދާޅުވެ ގްރެޓް ތަންބާގް ޓްވީޓް ކުރައްވާފައިވެއެވެ.

ދީޝާ ރާވީގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް ބަންދުގެ މުއްދަތުޖެހުމަށް ބޭއްވި މަޖިލީހުގައި އޭނާ އިންކާރުކޮށްފައިވެއެވެ. އެގޮތުން އޭނާގެ މައްޗަށް އެއްވެސް ހަރުދަނާ ހެއްކެއް ފުލުހުންގެ އަތުގައި ނެތްކަމަށާއި އެކަމަށް ރިޢާޔަތްކޮށްދެއްވުމަށް ޤާޟީގެ ކިބައިން އެދިފައިވެއެވެ.

އެތައް މަހަކަށް އިންޑިޔާގައި ދިގު ދެމިގެން ގޮސްފައިވާ ދަނޑުވެރިންގެ މުޒާހަރާތައް ހުއްޓުވުމަށް އިންޑިޔާގެ ބީޖޭޕީ ސަރުކާރުން އަމަލުކުރަމުންދާ ގޮތްތަކާއިމެދު އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް އެތައް ބަޔަކު ހައްޔަރުކޮށް ބޮޑެތި އަނިޔާތައް ދީފައިވާ މައްސަލަ އެފަރާތްތަކުން ހަރުކަށި އިބާރާތުން ވަނީ ކުއްވެރިކޮށްފައެވެ.

މި ލިއުމާއި ގުޅޭ