އައްޑޫއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ އަދަދު 64 އަށް އަރައިފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިހާތަނަށް އައްޑޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 64 މީހުންނެވެ. އިއްޔެ އަލަށް އެކަކު ޕޮޒިޓިވްވިއެވެ.
މިހާތަނަށް އައްޑޫގައި 214 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައިވެއެވެ. އަދި އެ ސިޓީގައި ޕޮޒިޓިވްވި ފަރާތްތަކުގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 345 މީހަކު ދެނެގަނެވިފަިއވެއެވެ.
އައްޑޫއިން ޕޮޒިޓިވްވި 64 މީހުންގެ ތެރެއިން އެންމެ ގިނައީ ހުޅުދޫ މީދޫއިން ޕޮޒިޓިވްވި މީހުންނެވެ. އެ އަވަށުން 26 މީހުން ޕޮޒިޓިވްވެފައިވާއިރު، ހިތަދޫއިން 20 މީހުން އަދި ފޭދޫއިން 14 މީޙަކު ޕޮޒިޓިވްވެފައިވެއެވެ. އެއްވެސް މީހަކު ޕޮޒިޓިވްވެފައިނުވަނީ މަރަދޫއިންނާއި މަރަދޫ ފޭދޫއިންނެވެ. ދުވާލެއްގެ މައްޗަށް އައްޑޫގައި 157 ސާމްޕަލް ނަގަމުން ގެންދެއެވެ.
މިހާތަނަށް އައްޑޫއިން 64 މީހުން ޕޮޒިޓިވްވެފައިވާއިރު އެ ސިޓީގައި މި ބަލި ފެތުރެން މެދުވެރިވީ މާލެއިން އެ ސިޓީއަށް ޚާއްޞަ ހުއްދައިގެ ދަށުން ދިޔަ ބައެއްގެ ތެރެއިން ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފައިވެއެވެ.