Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ޕްރޮސެކިއުޓާ ޖެނެރަލަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ނޭދެވޭނެ: ސުޕްރީމް ކޯޓު

ޕްރޮސެކިއުޓާ ޖެނެރަލަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ނޭދެވޭނެ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ކުރީގެ ނައިބުރައީސް އަޙްމަދު ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެން އެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން މިއަދު ނިންމެވި ނިންމެވުމަގައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް އިންނެވި ފަނޑިޔާރު ޢާއިޝަތު ޝުޖޫނު މިއަދު ހުކުމް އިއްވަވަމުން ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެއް ކަމުގައި ނުބަލައިފިނަމަ އެކަމުގެ ސަބަބުން ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމަށް ބޮޑެތި ހުރަސްތަކެއް އެޅި ޤާނޫނުގެ މަޤުޞަދު ގެއްލިދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މީހެއްގެ ޕާސްޕޯޓު ޕީޖީ އޮފީހުން ހިފަހައްޓަން އެދިއްޖެނަމަ އެކަން ނުކުރެވޭނެކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ.
ޤާނޫނު ތަންފީޒުކުރާ އިދާރާއަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި މާނަކޮށްފައިވާ އިބާރާތެއް ކަމުގައިވެސް ޝުޖޫނު ފާހަގަކުރެއްވިއެވެ. އެގޮތުން އެކަމަނާ ފާހަގަކުރެއްވީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނު ތަންފީޒުކުރާ އިދާރާއަކީ ފުލުހުން ހިމެނޭ ގޮތުން ޖިނާއީ ކުށްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައިވާ ކޮންމެ ތަހުގީގީ އިދާރާއެއް ކަމަށް ކަމަށެވެ.
ދެން ފަނޑިޔާރު ޝުޖޫނު ފާހަގަކުރެއްވީ ޤާނޫނު އަސާސީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ޤާނޫނުގައިވެސް ޕީޖީގެ ޤާނޫނީ ބާރުތަކާއި ޒިންމާތަކުގެ ތެރޭގައި ތަހުގީގުކުރުން ނެތް ކަމަށެވެ. އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަކީ ތަހުގީގީ އިދާރާއެއް ކަމުގައި ބެލެން ނެތް ކަމުގައިވެސް ފާހަގަކުރެއްވިއެވެ. ޢަދުލުގެ ނިޒާމަކީ ވަކިވަކި މަރުހަލާތަކަށް ބެހިފައިވާ ނިޒާމެއް ކަމުގައިވެފައި، ތަހުގީގުކުރުމުގެ ބާރު ތަހުގީގީ އިދާރާތަކަށް، އަދި ދައުވާކުރުމުގެ ބާރު ޕީޖީއަށް އަދި ޝަރީޢަތްކުރުމުގެ ބާރު ކޯޓުތަކަށް ލިބިފައި އޮންނަނީ އެ ވިސްނުމުގެ ތެރެއިން ކަމަށްވެސް ޝުޖޫނު ވިދާޅުވިއެވެ.
އަދި ޕީޖީއަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ފެނިއްޖެނަމަ، އެކަން ކުރަންޖެހޭ ގޮތްވެސް ސުޕްރީމް ކޯޓުން ސާފުކޮށްދިނެވެ. އެގޮތުން ފަނޑިޔާރު ޝުޖޫނު ވިދާޅުވީ އެ ހާލަތުގައި ތަހުގީގީ އިދާރާއަށް އަންގައިގެން މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުގައި އެދުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ކުށެއްގެ ދައުވާ އުފުލާފައިވާ މީހަކު ފުރުމުގެ ހުއްދަ ހޯދަން ކޯޓުގެ ހުއްދައަށް އެދިއްޖެނަމަ، އެކަމަށް އިއުތިރާޒުކުރެވިދާނެ ކަމުގައިވެސް ފަނޑިޔާރު ޝުޖޫނު ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ