ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި އެވާޓަން ބައްދަލުކުރި މެޗުގައި އެވާޓަންގެ މައްޗަށް ކުރި ހޯދައި މެންޗެސްޓާ ސިޓީން ޖެހިޖެހިގެން 17 ވަނަ މޮޅު ކަށަވަރުކޮށްފިއެވެ.
މެންޗެސްޓާ ސިޓީން ރޭގެ މެޗަށް ނުކުމެފައިވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އިލްކޭ ގުންޑޮންގް ނެތިއެވެ. އޭނާއަކީ އެ ޓީމުގެ ކުރިއަށް ކުޅޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އަދި ރޭގެ މެޗުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ކެވިން ޑެ ބްރުޔިން ދަނޑު މައްޗަށް އަރުވާފައިވަނީ 12 ވަރަކަށް މިނިޓަށެވެ.
ޑެބްރުޔެންގެ ބަދަލުގައި މެންޗެސްޓާ ސިޓީގެ މެދުތެރެ ބެލެހެއްޓީ ފިލް ފޯޑެންއާއި ބާނާޑޯ ސިލްވާއެވެ. އެ ދެ ކުޅުންތެރިންވަނީ މެދު ތެރެއިން ރަނގަޅު ފުރުޞަތުތައް މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނަށް ފަހިކޮށްދީފައެވެ. ނަތީޖާއަކަށްވީ 3-1 ގެ ނަތީޖާއަކުން އެ ޓީމު މޮޅުވުމެވެ.
ރޭގެ މެޗުގައި އަލްޖީރިއާގެ ހުނަރުވެރި ފޯވާޑު އަދި ސިޓީގެ ކުޅުންތެރިޔާ ރިޔާޒް އަލްހަމަހެރޭޒްވަނީ 63 ވަނަ މިނިޓުގައި ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގައި އެންމެ ފަހު ގޯލު ކާމިޔާބުކޮށް ބާނާޑޯ ސިލްވާއެވެ. ވާތުފައިން ފޮނުވައިލި ބޯޅަ އަމާޒުކުރީ ގޯލުގެ ތިރީ ކަނަށެވެ.