Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާ ރާއްޖޭގައި ހިފަހައްޓަން ގޮވަލާ ގަރާރެއް ހުށަހަޅައިފި

ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަންނަމުން ނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫންއެވެ.

ގަރާރު ހުށަހަޅުއްވަމުން ހާރޫން ވިދާޅުވީ ކޮވިޑު-19 ގެ ސަބަބުން މުޅި ދުނިޔެ އިޤްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައިވާއިރު، ދިވެހިރާއްޖޭފަދަ ކުޑަ ޖަޒީރާ ޤައުމަކަށް އިޤްތިސާދީ ގޮތުން ބޮޑެތިން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހި، މިދަތިތަކުން އަރައިގަނެ އިޤްތިސާދީ ގޮތުން އަދި ތަރައްޤީގެ ގޮތުން ރާއްޖެ ކޮޅަށްޖެހުން މުހިންމުވެފައިވާ ދަނޑިވަޅުގައި ރާއްޖޭގައި ކުރެވޭ އެކިއެކި ވިޔަފާރިތަކުން ލިބޭ ފައިސާ ދިވެހިރާއްޖޭގައި ހިންގަމުންދާ ބޭންކުތަކަށް ނުވަންނަ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ބޭންކުތަކުގެ ޕީއޯއެސް މެޝިން ދިވެހިރާއްޖޭގައި ބޭނުންކުރާކަމަށާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ހަދާ ބުކިންތަކުގެ ފައިސާ ދިވެހިރާއްޖެއިން ބޭރުގެ ބޭންކުތަކަށް ދާކަން ފާހަގަ ކުރެވޭކަމަށް ހާރޫނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ދައުލަތަށް ޓެކްސްގެ ގޮތުގައި ނުވަތަ ފީއެއްގެ ގޮތުގައި ލިބިދެވޭނެ ފައިސާ ދައުލަތަށް ލިބިގެން ނުދާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

"2019 ވަނަ އަހަރު ދިވެހިރާއްޖޭގައި 4.1 ބިލިއަން ޑޮލަރު ވިޔަފާރި ނުނީ ހިދުމަތް ދެވުނުކަން މީރާގެ ރެކޯޑުތަކުން ދައްކާއިރު އޭގެ ތެރެއިން ދިވެހިރާއްޖެއަށް އެތެރެވީ ކިހާވަރެއްން އަދި ދިވެހިރާއްޖެއިން ބޭރުވީ ކިހާވަރެއްކަން އެނގެން ނެތްކަން ފާހަގަކުރެވޭ" ހާރޫން ވިދާޅުވެފައިވެއެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ރާއްޖޭގެ ސަރަހައްދުގައި ހިންގާ އެންމެހާ ވިޔަފާރިތަކަށް ސޭލްސްގެ ގޮތުގައި ލިބޭ ފައިސާއާއި އެ ވިޔަފާރިތަކުން އުފެދޭ އެހެނިހެން އާމްދަނީއަކީ ދިވެހިރާއްޖޭގެ ފައިނޭޝިއަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރުކުރުމަށްޓަކައި އެމްއެމްއޭގައި ރެޖިސްޓްރީކޮށްގެން ހިންގާ ބޭންކަކުން ދޫކުރާ ޕީއޯއެސް ނޫނީ ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުން ނޫނީ މަނާކުރަން ވަނީ ހުށަހަޅާފައެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދެއްގައި ދެވޭ ހިދުމަތުގެ އަގު އޮންލައިންކޮށް ދެއްކިނަމަވެސް އެ ފައިސާ އަކީ ސީފާ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާވާ ނުވަތަ ރެމިޓުވާއެއްޗެއްކަށް ހެދުމަށް ގޮވާލާފަައިވެއެވެ.

މީގެ އިތުރުން އެ ގަރާރުގައިވަނީ ދިވެހިރާއްޖޭގެ ފައިނޭންޝިއަލް ސިސްޓަމަށް އަންނަ ފައިސާކަން ކަށަވަރުކުރެވޭނެ ގޮތަށް މިކަމަ ގުޅޭ އުސޫލުތައް ކަމާގުޅޭ މުއައްސަސާތަކާ އިދާރާތަކުން މުރާޖައާ ކުރުމަށް ގޮވާލާފައެވެ. އަދި މިހާރު ހުރި ޤާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށާއި އިތުރު ޤާނޫނުތަކެއް ހަދަން ޖެހިއްޖެނަމަ އެކަންވެސް ކުރުމަށް ގޮވާލައި އެކަމަށް އަވަސް ހައްލެއް ގެނައުމަށް ވަނީ ގޮވާލާފައެވެ.

މި ލިއުމާއި ގުޅޭ