ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން އޭޝިއަން ފުޓްބޯލް ކޮންފަޑެރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލެއްވި މާޔަންއަށް އެފްއޭއެމްގެ އެއްބާރުލުން ނުލިބުނު ކަމަށް އޭނާ ވިދާޅުވާ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް މިއަދު އޮތް މަޖިލިހުގެ ޖަލްސާގައި މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މާޔަން އިއްޔެ އެމަނިކުފާނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މާޔަންގެ ފަރާތުން އިންތިޚާބުގައި ކަން ހިނގި ގޮތާ މެދުގައި ހިތްހަމަނުޖެހިގެން އާބިޓަރޭޝަނަށް މައްސަލަ ހުށަހެޅުއްވި ކަމަށެވެ. އަދި އާބިޓަރޭޝަނުން މައްސަލަ ނިމުނުއިރު އަލުން އިންތިޚާބު ބާއްވަން ނިންމާފައިނުވި ނަމަވެސް އިންތިޚާބާ ގުޅޭ ގިނަ މައްސަލަތަކެއް އާބިޓަރޭޝަނުން ފާހަގަކޮށްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މާޔަންގެ އެންމެ ބޮޑު ޝަކުވާއަކީ އޭނާ އެ މުއައްސަސާއެއް އިންތިޚާބުގައި ތަމްސީލުކުރެއްވި އެފްއޭއެމްގެ ފަރާތުން އެއްބާރުލުން ނުލިބުން ކަމަށެވެ. އޭނާ ތަމްސީލުކުރި އެފްއޭއެމްގެ ވެރިން އޭނާގެ އިންތިޚާބަށް ހުރަސްއެޅުއްވި ކަމަށް މާޔަން ޝަކުވާ ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީއަށް ފޮނުއްވައިގެން އެ ކޮމިޓީން ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.