Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޒަމާނީ ފިޤުހީ މައްސަލަތައް

ނަސަބު ސާބިތުކުރުމާ ގުޅޭ ހެކިތަކާއި ޑީއެންއޭ

ޝަރުޢީގޮތުން ނަސަބު ސާބިތުވަނީ ޠަބީޢީ އަދި ޙަޤީޤީ 'ފިރާޝް'ގެ (ޖިމާޢުވުމުގެ) ސަބަބުންކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ.

އަދި ހަމައެހެންމެ، އަނބިމީހާ ބަލިވެއިނދެ ވިހެއީ، ކައިވެންޏަށް ހަ މަސް ފުރުމުގެ ކުރިން ނަމަ، އެ ހާލަތުގައި ދަރީގެ ނަސަބު ފިރިމީހާއަށް ސާބިތުނުވާނެކަމަށްވެސް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އެހެނީ ރަސޫލުﷲ ﷺ ދަރީގެ ނަސަބު ލެއްވެވީ 'ފިރާޝް'ގެ ވެރިޔާއަށެވެ. 'ފިރާޝް'އަކީ ޖިމާޢުވުމެވެ.

މާލިކީންނާއި ޙަންބަލީން ބަޔާންކުރައްވާފައިވެއެވެ. "ކައިވެންޏަށް ނަސަބު ލެއްވުމޭ ބުނެވޭ ބަހުގެ މުރާދަކީ، އަނބިމީހާ ބަލިވެއިނުމާ ގުޅިފައިވާ ފިރިހެނާއަށް ނަސަބު ލެއްވުމެއެވެ. އެހެންކަމުން، އެމީހެއްގެ ފުށުން ކުއްޖަކު އުފަންވާ ވަރަށްވުރެ ފިރިމީހާ ކުޑަނަމަ، ނުވަތަ ޖިންސީ ގުނަވަން އުނި މީހެއްނަމަ، ނުވަތަ އަނބިމީހާ ވިހެއީ ކައިވެންޏަށް ހަ މަހަށް ވުރެ ކުރު މުއްދަތެއްގައިނަމަ، ފިރިމީހާއަށް ނަސަބު ސާބިތެއް ނުވާނެއެވެ."

ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ކުއްޖާ އުފަންވީ އޭނާގެ ފުށުން ނޫންކަން ފިރިމީހާއަށް އެނގޭނަމަ، އެ ދަރިފުޅު ލިޢާންކުރުން ފިރިމީހާގެ މައްޗަށް ވާޖިބުވާނެއެވެ. އެހެނީ އެކަމުގައި އޭނާ ހަނު ހުރެއްޖެނަމަ، ފިރިމީހާއަށް ނަސަބުލެއްވޭނީ އޭނާ އާ ގުޅުމެއް ނެތް ކުއްޖެކެވެ. އަދި އެއީ މަނާވެގެންވާ ކަމެކެވެ."

ޙަނަފީ މަޛްހަބުގެ ޢިލްމުވެރިޔާ ކަމާލްބުނުލްހަމާމް ބަޔާންކުރައްވާފައިވެއެވެ. "ލިޢާންކުރެވިފައިވާ ކުއްޖެއްގެ ނަސަބަށް މީހަކު ދައުވާކޮށްފިނަމަ، އެ މީހަކަށް އެ ކުއްޖެއްގެ ނަސަބުލެއްވޭނެއެވެ. އެއީ، އޭނާއާ އެ ކުއްޖާ ވިހޭ އަންހެންމީހާއާ ދެމެދު ވީ 'ޝިބްހު ވަޠުއު'އެއްގެ ސަބަބުން އުފަންވި ކުއްޖަކަށްވުމުގެ ފުރުސަތު އޮންނާނެތީއެވެ.

ދަންނައެވެ! އިސްލާމްދީނުގައި، ޝަރުޢީ އިމުގެ ތެރޭގައި ހިންގޭ ޖިންސީ ގުޅުމުގެ ސަބަބުން އުފަންވާ ކުއްޖާގެ ނަސަބު، އެ ގުޅުމުގައި ހިމެނޭ ދަރިފަނީގެ ވެރިޔާއަށް ސާބިތުވާނެއެވެ. މިކަމުގައި އެއްވެސް ޚިލާފެއް ނެތެވެ. އެހެންނަމަވެސް، ދެމަފިރިންނަށް ޚާއްސަވެގެން ވާ މި ގުޅުން، ސާބިތުކުރާނެ ގޮތާ މެދު ޢިލްމުވެރިން ޚިލާފުވެލައްވައެވެ. އެހެނީ މި ގުޅުމަކީ އޭގެ ޒާތުގައި ޢައުރައެކެވެ. އަދި މި ގުޅުން ބިނާވެގެންވަނީ އެހެން މީހުންނަށް ވަންހަނާކޮށް ފޮރުވުމުގެ މައްޗަށެވެ. ރަސޫލު ﷲ ﷺ ވަނީ، ދެމަފިރިންގެ ދެމެދުގައި ހިނގާ ގުޅުމުގެ ވާހަކަތައް ފެތުރުން ނަހީކުރައްވާފެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. إِنَّ شَرَّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ، الرَّجُلُ يُفْضِي إِلَى امْرَأَتِهِ، وتُفْضِي إِلَيْهِ، ثم يَنْشُرُ سِرَّهَا (މާނައީ: ޤިޔާމަތް ދުވަހު ﷲ ގެ ހަޟްރަތުގައި އެންމެ ނުބައިކަން ބޮޑު މީހަކީ، އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ފަހު، އެކަމުގެ ސިއްރުތައް (ވާހަކަތައް) ފަތުރާ މީހާއެވެ.) އެހެންކަމުން، ޙައްޤުތައް ގެއްލި، ބީވެގެންދިޔަ ނުދިނުމަށްޓަކައި، ބޭރުފުށަށް ފެންނަ، ޢާއްމު ޢަލާމާތެއްގެ މައްޗަށް އެ ގުޅުން ސާބިތުކުރުން މަޖުބޫރުވެއެވެ.

މި ސަބަބަށްޓަކައި، ޢިލްމުވެރިން 'ފިރާޝް' (ޖިމާއުވުން) ސާބިތުކޮށްދޭނޭ، ބޭރުފުށަށް ފެންނަ ދަލީލުތަކެއް އެކަށައެޅުއްވެވިއެވެ. އެ ދަލީލުތަކަކީ އޭގެ ޒާތުގައި ނަސަބު ސާބިތުކޮށްދޭ ދަލީލުތަކެއް ނޫނެވެ. އެހެނީ ނަސަބު ސާބިތުވުން ބިނާވެފައިވަނީ 'ފިރާޝް'ގެ މައްޗަށެވެ.

'ފިރާޝް' ސާބިތުކޮށްދޭ ދަލީލުތައް

ނަސަބު ސާބިތުކުރުމަށް ޢިލްމުވެރިން އެކަށައަޅުއްވާފައިވާ ދަލީލުތަކަކީ އޭގެ ޒާތުގައި ނަސަބު ސާބިތުކޮށްދޭ ދަލީލަތަކެއް ނޫންކަމާއި، ހަގީގަތުގައި އެ ދަލީލުތަކަކީ 'ފިރާޝް' (ޖިމާޢުވުން) ސާބިތުކޮށްދޭ ދަލީލުތަކެއްކަން އިސްވެ ބަޔާންވެ ހިނގައްޖެއެވެ. އަދި ޝަރުޢީ ގޮތުން އިޢުތިބާރުކުރެވޭ (ބުރަދަންދެވޭ) 'ފިރާޝް'އަކީ (ޖިމާޢުވުމަކީ) ކައިވެނީގެ އިމުގެ ތެރޭގައި ވާ ގުޅުންކަންވެސް ބަޔާންވެޖެއެވެ.

މި ގޮތުން އެކަށައެޅިފައިވާ ދަލީލުތަކަކީ، ޝަރުޢީ ގޮތުން ކަންކަން ސާބިތުކުރުމަށް ޢާއްމުކޮށް ބޭނުންކުރެވޭ ދަލީލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެނީ އެ ދަލީލުތަކުގެ ބޭނުމަކީ، ވާސިލުވެވެން އޮތް ހަގީގަތަށް ވާސިލުކޮށްދީ، ތެދު ހާމަކޮށްދިނުމެވެ. އެއީ އެއްވެސް ހާލެއްގައި 'ތަޢައްބުދީ' (އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންތައްތައްހެން ބަދުލުވުމެއް ނުވާ) ކަންތައްތަކެއްނޫނެވެ.

ނަސަބު ސާބިތުވުމާ ތިން ޙައްޤެއް ގުޅިފައިވެއެވެ. ފުރަތަމަ ޙައްޤަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤުފުޅެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ (މާނައީ: އެ ދަރިން އެ ދަރިންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެ ގޮތް ﷲ ހަޟްރަތުގައި ޢަދުލުވެރިކަން ބޮޑެވެ.)

ދެވަނަ ޙައްޤަކީ މައިންބަފައިންގެ ޙައްޤެވެ. ދަރިފުޅު މައިންބަފައިންނަށް ނިސްބަތްވުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް އެންމެ ފޮނި އުއްމީދެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. هُوَ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا فَلَمَّا تَغَشَّاهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِ فَلَمَّا أَثْقَلَتْ دَعَوَا اللَّهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحًا لَنَكُونَنَّ مِنَ الشَّاكِرِينَ (މާނައީ: އެކަލާނގެއީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެ ނަފްސުން، އެ ނަފްސުގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، (އެކަމުން) ބުރަވިހިނދު، އެ ދެމީހުންގެ ވެރި اللَّه އަށް އެ ދެމީހުން ދުޢާކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް ޞާލިޙު ދަރިއަކު ދެއްވައިފިނަމަ، ޝުކުރުކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ.)

ތިންވަނަ ޙައްޤަކީ ދަރިފުޅުގެ ޙައްޤެވެ. ބެލެހެއްޓުންތެރިކަމާއި ޚަރަދާއި ތަރިކަމުދާފަދަ އެންމެހާ ކަންތައްތަކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَالوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ (މާނައީ: މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށްޓެވެ.) އަދިވެސް ވަޙީކރެއްވެވިއެވެ. وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ (މާނައީ: އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.) އަދިވެސް ވަޙީކުރައްވާފައިވެއެވެ. يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ (މާނައީ: ތިޔަބައިމީހުންގެ ދަރިންނާމެދު، اللَّه ތިޔަބައިމީހުންނަށް އަންގަވަތެވެ؛ އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ.)

ދަންނައެވެ! ނަސަބު ސާބިތުވުމާ މި ދެންނެވި ތިން ޙައްޤު ގުޅިފައިވުމުގެ ސަބަބުން، އިސްލާމްދީން ސަމާލުކަންދިނީ، ނަސަބު ސާބިތުކުރުމުގެ މަގުތައް ތަނަވަސްކޮށް ފުޅާކުރުމަށެވެ. އެއީ އުފަންވާ ތުއްތު ކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ކޮންމެ ކުއްޖަކަށްވެސް މަންމައަކާއި ބައްޕައެއްގެ އަޅާލުމާއި އޯގާތެރިކަން ލިބޭނެކަން ޔަގީންކުރުމަށެވެ. އަދި ދަރިފުޅު އުފަންވުމުން، ދެ މީހުންކުރެ އެކަކުވިޔަސް އެ ދަރިފުޅަށް އިންކާރުކުރުމުގެ އަނިޔާވެރި އަމަލަށް އޮވެދާނެ ފުރުސަތު ބަންދުކުރުމަށެވެ.

މި ސަބަބަށްޓަކައި، 'ފިރާޝް' (ޖިމާއުވުން) ސާބިތުކޮށްދޭ ދަލީލުތައް އެއް ދަލީލަށްވުރެ އިތުރުވެގެންވެއެވެ. އަދި އެކަމުގައި ނިކަމެތި ފަރާތުގެ (އާދެ! ތުއްތު ދަރިންގެ) މަޞްލަޙަތުތައް ހިމާޔަތްކުރުމަށް ސަމާލުކަންދިނެވެ.

އެގޮތުން އެންމެ މަޝްހޫރު ދަލީލުތަކަކީ؛ ދެމަފިރިންގެ ދެމެދުގައި ކައިވެނީގެ ހާލަތު އޮތުމާއި، ހެކިބަހާއި، އަމިއްލަ އިޤުރާރާއި، މީސްތަކުންގެ މެދުގައި މަޝަހޫރުވެފައިވާ ގޮތާއި، 'ޤިޔާފާ'އެވެ. ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިޔާ އައްޝީރާޒީ، މި ދަލީލުތަކަށް، ވަޙީގެ ދަލީލު އިތުރުކުރައްވައެވެ.

ވަޙީގެ ދަލީލު

ޝީރާޒީ އައްޝާފިޢީ މި ދަލީލު ފާހަގަކުރައްވާފައިވަނީ، ޒިނޭގެ ސަބަބުން އުފަންވާ އަންހެން ދަރިފުޅު ޒިނޭ ކުރި ފިރިހެނާ އަށް ނިސަބަތްނުވާނެކަމަށް ބަޔާންކުރައްވަމުންނެވެ. އެއީ އެ ކުއްޖާ އުފަންވީ އޭނާގެ ސަބަބުންކަން ކަނޑައެޅިގެން ބުނަން ނޭނގޭނެތީއެވެ. ވިދާޅުވެފައިވެއެވެ. "ނަބިއްޔާ ﷺ ޚަބަރު ދެއްވުމުގެ ސަބަބުން، އެ ކުއްޖާ ހަގީގަތުގައި ނިސްބަތްވާ ފިރިހެން މީހާ ޔަގީންކުރެވިއްޖެނަމަ، އެ ކުއްޖާއާ އެ ފިރިހެން މީހާ ކައިވެނިކުރުން ހަލާލެއް ނުވާނެއެވެ."

މި ތަނުގައި ފާހަގަކުރަންޖެހޭ ނުކުތާއެއްވެއެވެ! އެއީ، އޭގެ ޒާތުގައި ހަގީގީ 'ފިރާޝް' (ޖިމާޢުވުން) ސާބިތުވުމަކީ، އިންތިހާއަށް ނާދިރު ކަމެއްކަން (ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީން ފިޔަވާ އެނޫން ގޮތަކަށް ސާބިތުނުކުރެވޭހާ ނާދިރު ކަމެއްކަން) ފިޤުހުވެރިން ގަބޫލުކުރެއްވިކަމެވެ. ނަމަވެސް ވަޙީ މެދުކެނޑުނުތާ އެތައް ޒަމާނެއް ފަހުން، މިއަދު ﷲ ސުބުޙާނުވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ޑީއެންއޭގެ ހޯދުމުގެ ނިޢުމަތް ތަނަވަސްކޮށްދެއްވާފައެވެ. ޙަމްދުހުރީ އެކަލާނގެއަށެވެ!

ދެމީހެއްގެ ދެމެދުގައި ކައިވެނީގެ ގުޅުން އޮތުން (ފިރާޝްގެ ދަލީލު)

މިއީ އެންމެނަށް ފެންނާނެ ކަމެކެވެ. އެހެނީ (ވަރަށް ނަދިރު ހާލަތެއްގައި މެނުވީ) ކައިވެންޏަކީ އެންމެންނަށް އެނގޭނެހެން ފާޅުގައިކުރެވޭ ކަމެކެވެ. އަދި މުޖުތަމަޢުތަކުގައި، ކައިވެނީގެ ގުޅުމުން ގުޅިފައިވަނީ ކޮން ބައެއްކަމާއި އެ ގުޅުމުގެ މަތީގައި ދިރިއުޅެނީ ކޮން ބައެއްކަން އެންމެންވެސް ދަންނާނެއެވެ. އެހެންކަމުން އަވަށްޓެރި ނުވަތަ ގާތް އަންހެނަކު ބަލިވެއިނދެއްޖެނަމަ، އެއީ އޭނާއާ ގުޅިފައިވާ ފިރިމީހާގެ ދަރިއެއްކަމަށް އެކަން ދެކޭ މީހުން ގަބޫލުކުރާނެއެވެ. ދުވަސްކޮޅަކުން އެ ޚަބަރު އެންމެނަށް އެނގި ޢާއްމުވެދެއެވެ. އެ ގޮތުގައި އަންހެން މީހާ ވިހެއުމުން އޭނާއަށާ އޭނާގެ ގެ ފިރިމީހާއަށް ތަހުނިޔާ ކިޔާނެއެވެ.

ފިޤުހުވެރިން 'ފިރާޝް'ގެ ދަލީލުކަމަށް ބަޔާންކުރައްވާފައި ވަނީ، މި ދެންނެވިފަދަ ކައިވެނީގެ ގުޅުން ދެ މީހެއްގެ ދެމެދުގައި އޮންނަ އޮތުމަށެވެ. އައްޒީލަޢީ 'ފިރާޝް'ގެ ތަފްސީރުގައި ބަޔާންކުރައްވާފައިވެއެވެ: "ފިރާޝް'އަކީ، ދަރިޔަކު އުފަންކުރުމަށް އަންހެނާ ވަކި މީހަކަށް ޚާއްސަވެގެންވުމެވެ."

އައްޞަންޢާނީ ބަޔާންކުރައްވާފައިވެއެވެ: "ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި 'ފިރާޝް'އަކީ އަންހެނާއަށް ވާ ނަމެކެވެ. އަދި ބައެއް ހާލަތުގައި ޖިމާޢުވުމުގެ ހާލަތަށްވެސް 'ފިރާޝް'އޭ ކިޔެއެވެ."

ނަސަބު ސާބިތުކޮށްދޭ ދަލީލެއްގެ ގޮތުގައި 'ފިރާޝް' ބަޔާންކުރެއްވުމުގައި ފިޤުހުވެރިންގެ ގަސްދަކީ، ޡަންނީ (ޔަގީންނޫން) ގޮތެއްގައި ޖިމާޢުވުން ސާބިތުވުމެވެ. އެއީ ދެ މީހުންގެ ދެމެދުގައި ކައިވެނީގެ ގުޅުން އޮތުމުން، އެ ދެ މީހުން ޖިމާޢުވާނެކަމަށް ބައްލަވާފައެވެ.

ނަސަބު ލެއްވޭނެ ހާލަތްތަކާއި ނަސަބު ނުލެއްވޭނެ ހާލަތްތައް ބަޔާންކުރާ ބާބުގައި އައްޝީރާޒީ ވިދާޅުވެފައިވާ ބަސްފުޅު، މިކަމަށް ދަލީލުކޮށްދެއެވެ. އައްޝީރާޒީ ލިޔުއްވާފައިވެއެވެ. "އޭނާގެ ފުށުން ދަރިޔަކު އުފަންވުން އެކަށީގެންވާ މިހާކާ އަންހެނަކު ކައިވެނިކޮށް، ދެ މީހުން ޖިމާޢުވުން އެކަށީގެންވާ ހާލު، ދަރިޔަކު އުފަންވުމަށް އެކަށޭނަ މުއްދަތުގެ ތެރޭގައި އުފަންވާ ކުއްޖާ ގެ ނަސަބު، ބޭރުފުށަށް ފެންނަ މި ދެންނެވި ކަންކަމަށް ބަލައި، އެ ފިރިހެން މީހާއަށް ސާބިތުވާނެއެވެ. އެއީ ރަސޫލު ﷲ ﷺ ބަސްފުޅު الولد للفراش (މާނައީ: ދަރިވަލެއްވޭނީ ފިރާޝްއަށެވެ) އަށް ބިނާކޮށެވެ. އެހެނީ ކުރިން މި ދެންނެވި ހާލަތްތައް އެ ގޮތުގައި ހުރުމުން، އެ ކުއްޖާއަކީ އެ ފިރިހެން މީހާގެ ފުށުން ހަގީގަތުގައިވެސް އުފަންވީ ކުއްޖަކަށްވުމުގެ ޖާގަ އެބައޮތެވެ. އަދި އެކަން ނަފީކުރާ އެހެން ސަބަބެއް ނެތެވެ. ވުމާއެކު އެ ކުއްޖާގެ ނަސަބު ފިރިމީހާއަށް ސާބިތުކުރުން ވާޖިބުވާނެއެވެ."

މި ތަނުގައި ފާހަގަކޮށްލަން ޖެހޭ ނުކުތާތަކެއް ވެއެވެ. އެއީ، ބޭރުފުށަށް ފެންނަން ހުރި ކަންކަމަށް ބަލައި ނަސަބު ސާބިތުކުރެވޭނެ ކަމަށް ބަޔާންކުރައްވާފައި އޮތް އޮތުމާއި، ނަސަބު ސާބިތުކުރުމާ ފުށުއަރާ، ނުވަތަ އެކަން ނަފީކުރާ ކަމެއް ނެތުން ޝަރުތުކޮށްފައި އޮތް އޮތުމެވެ.

ކައިވެނީގެ ހާލަތު ދެ މީހެއްގެ ދެމެދުގައި އޮތުމަކީ، ހަގީގީ 'ފިރާޝް' (ޖިމާޢުވުން) ސާބިތުކޮށްދޭ، އަދި އެކަމުގެ އަލީގައި ނަސަބު ސާބިތުވާނެ ކަމެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެލެއްވި ނަމަވެސް، ނަސަބު ސާބިތުކޮށްދޭ ކައިވެނީގެ ހާލަތާމެދު ޢިލްމުވެރިން ޚިލާފުވެލައްވައެވެ. އެގޮތުން؛

1. ފުރަތަމަ ރައުޔު: ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައި ކައިވެނީގެ ޢަޤުދުކުރެވުމުން (ދެމީހުން ޖިމާޢުނުވާކަން އެނގިފައިވިޔަސް ނުވަތަ ކައިވެނީގެ ޢަޤުދަށް ފަހު ވަގުތުން ވަރިކުރި ކަމުގައިވިޔަސް) 'ފިރާޝް' ސާބިތުވެ ނަސަބު ސާބިތުވާނެއެވެ.

2. ދެވަނަ ރައުޔު: ޖުމްހޫރު ޢިލްމުވެރިން (މާލިކީންނާއި ޝާފިޢިންނާއި ޙަންބަލީން) ގެ އަރިހުގައި 'ފިރާޝް' ސާބިތުކުރުމަށް ކައިވެނީގެ ޢަޤުދު އެކަނި ނުފުދޭނެއެވެ. ކައިވެނީގެ ޢަޤުދަށް ފަހު، ދެ މީހުން އެކުވެ އެކަހެރިވާންޖެހޭނެއެވެ. ވުމާއެކު، ކައިވެނީގެ ޢަޤުދަށް ފަހު ވަގުތުން ވަރިކޮށްފިނަމަ، ނުވަތަ ފިރިމީހާ ހުރީ ދުރުގައި ކަމަށްވެފައި ކައިވެނިކުރީ ވަކީލެއް މެދުވެރިކޮށްކަމަށް ވާ ނަމަ، އަދި އޭގެ ފަހުން ދެ މީހުން އެއްތަންނުވާނަމަ، އަނބިމީހާ ވިހާ ދަރިފުޅުގެ ނަސަބު ފިރިމީހާއަށް ސާބިތެއްނުވާނެއެވެ.

3. ތިންވަނަ ރައުޔު: ކައިވެނީގެ ޢަޤުދަށް ފަހު ދެމަފިރިން އެކަހެރިވުމަކުން ނުފުދޭނެއެވެ. އޭގެ އިތުރަށް، ޖިމާޢުވިކަން އެނގެންޖެހޭނެއެވެ. މިއީ އިބްނު ތައިމިޔާއާއި އިބްނުލްޤައްޔިމްއާއި ޞަންޢާނީ އިޚްތިޔާރުކުރަވައްވާ ރައުޔެވެ. އަދި ޙަންބަލީ މަޛްހަބުގެ ރިވާޔަތެއްގައިވެސް މި ރައުޔު ވާރިދުވެގެންވެއެވެ.

އަހުރެންނަށް ގަބޫލުކުރެވޭ ގޮތުގައި، އެންމެ ރަނގަޅު ރައުޔަކީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. އެއީ، ކައިވެނީގެ ޢަޤުދަށް ފަހު ދެ މީހުން އެކަހެރިވެއްޖެނަމަ، 'ފިރާޝް' ސާބިތުވުމެވެ. އެހެނީ 'ފިރާޝް' ބިނާވެގެންވަނީ ސިއްރުކުރުމާއި ފާޅުނުކުރުމުގެ މައްޗަށެވެ. އަދި އެކަމުގައި އޮންނަ ޝައްކު ތަފްސީރުކުރެވެންވާނީ ނިކަމެތި ފަރާތްކަމުގައިވާ ތުއްތު ދަރިފުޅަށް އެންމެ މަޞްލަޙަތުހުރި ގޮތަށެވެ.

އެހެންނަމަވެސް، އަހުރެން ޖުމްހޫރު ޢިލްމުވެރިންގެ ރައުޔު އިޚްތިޔާރުކުރުމުގެ މާނައަކީ، އުފަންވާ ކުއްޖާގެ ނަސަބު ފިރިމީހާގެ މައްޗަށް ލާޒިމުވުމެއް ނޫނެވެ. އެބަހީ، ދަރިފުޅު ނަފީކުރާކަހަލަ ހާލަތެއް އޮތް ނަމަ، އެ ދަރިފުޅު ނަފީކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިގެންވެއެވެ. އިމާމު ޝާފިޢީގެފާނުގެ ބަސްފުޅުން އެކަން ޔަގީންވެއެވެ. އެކަލޭގެފާނު ބަޔާންކުރައްވާފައިވެއެވެ. "ރަސޫލު ﷲ ﷺ ގެ ބަސްފުޅު الولد للفراش (މާނައީ: ދަރިވަލެއްވޭނީ ފިރާޝްއަށެވެ) ގައި ދެ މާނައެއްވެއެވެ. ފުރަތަމަ މާނައަކީ، ނަފީނުކުރާހާ ހިނދަކު އެ ދަރިފުޅުވަނީ ފިރިމީހާއަށެވެ. ޝަރުޢުވެގެންވާ ފަދައިން ދަރިފުޅު ނަފީކޮށްފި ނަމަ، އޭނާގެ ކިބައިން އެ ކުއްޖާ ނަފީވާނެއެވެ. ދެވަނަ މާނައަކީ، ޒިނޭކުރިކަމަށް ބުނާ މީހާއާއި 'ފިރާޝް'ގެ ވެރިމީހާއާ (ފިރިމީހާއާ) ދެމެދު ދަރީގެ ނަސަބާމެދު ޚިލާފުވެއްޖެ ނަމަ، ދަރިފުޅުގެ ނަސަބު ސާބިތުވާނީ 'ފިރާޝް'ގެ ވެރިމީހާއަށެވެ. (އެބަހީ ފިރިމީހާއަށެވެ.)

ހެކި ނުވަތަ ހެކިބަސް

މިއީ ނަސަބު ސާބިތުކޮށްދޭ ދެވަނަ ވަސީލަތެވެ. ދަރަޖައިގެ ގޮތުން ކައިވެންޏަށް ވުރެ ހެކިބަސް ފަސްވަނީ، ކައިވެންޏަކީ އެންމެނަން ފެންނަ ކަމަކަށްވެފައި، ހެކިބަހަކީ (ޢަދުލުވެރި) ދެ މީހެއްގެ ބަހަށް ބިނާވާ ކަމަކަށްވާތީއެވެ.

ޝަރުޢުގައި ހެއްކަކީ، ޙައްޤު ބަޔާންކޮށްދީ ފާޅުކޮށްދޭ ކޮންމެ ކަމެކެވެ. މިއީ އިބްނުލްޤައްޔިމް ބަޔާންކުރައްވާފައިވާ ތަޢުރީފެވެ.

ޢާއްމު ގޮތެއްގައި ފިޤުހުވެރިން "ހެކި" މި ލަފުޒު ބޭނުންކުރައްވަނީ މީހަކު ދޭ ހެކިބަހުގެ މާނައިގައެވެ. މި ތަނުގައިވެސް ހެކީގެ މުރާދަކީ މީހަކު ދޭ ހެކިބަހެވެ. ހެކިބަހުގެ ޝަރުޢިއްޔަތާއި، ހެކިބަހުން ސާބިތުވާ ކަންކަމުގެ މައްޗަށް ޙުކުމުކުރުން ވާޖިބުކަމާއި، ހެކިބަހަކީ ނަސަބު ސާބިތުކޮށްދޭ ވަސީލަތެއްކަމަށް ޢިލްމުވެރިން އިޖުމާޢުވެލައްވައެވެ.

އިޤުރާރު

މިއީ ނަސަބު ސާބިތުކޮށްދޭ ތިން ވަނަ ދަލީލެވެ. ހެކި ބަހަށް ވުރެ އަމިއްލަ އިޤުރާރު ދަރަޖައިގެ ގޮތުން ފަސް ވަނީ، އިޤުރާރު ބިނާވަނީ އެކެއްގެ ބުނުމުގެ މައްޗަށްކަމަށްވާތީއެވެ. އެ ސަބަބަށްޓަކައި، އަމިއްލަ އިޤުރާރުގެ ޙުއްޖިއްޔަތު ހިނގާނީ އެ އިޤުރާރުވާ މީހާގެ މައްޗަށް އެކަންޏެވެ.

(ކަން މިހެން އޮތް ނަމަވެސް) އިޤުރާރަށް ބުރަދަން ދެވޭ ސަބަބަކީ، އިޤުރާރަކީ އެހެން މީހަކަށް ތިމާ އަދާކުރަންޖެހޭ ޙައްޤެއް ވާކަމަށް އަމިއްލަ ނަފްސުގެ މައްޗަށް ވާ އިޤުރާރެކެވެ. ނާދިރު ހާލަތެއްގައި މެނުވީ، ހަގީގަތާ ޚިލާފަށް އެފަދަ ވާހަކައެއް މީހަކު އަމިއްލައަށް ނުބުނާނެއެވެ.

'އިސްތިފާޟާ' (މީސްތަކުންގެ މެދުގައި ކަމެއްގެ ޚަބަރު ޢާއްމުވެފައިވުން)

މިއީ ނަސަބު ސާބިތުކޮށްދޭ ހަތަރު ވަނަ ވަސީލަތެވެ. މި ދަލީލު ބިނާވެގެންވަނީ މީސްތަކުންގެ މެދުގައި ޢާއްމުވެ މަޝްހޫރުވެފައިވާ މަޢުލޫމާތުގެ މައްޗަށެވެ. އެ މަޢުލޫމާތު ސާބިތުކުރުމަށް ހެކިބަސް ނުވަތަ އަމިއްލަ އިޤުރާރު ފަދަ ވަކި ސަނަދެއް ބޭނުމެއް ނުވާނެއެވެ.

މި ދަލީލުގެ ތަޢުރީފަކަށް ދާ ނަމަ، 'އިސްތިފާޟާ'އަކީ، ކަމެއްގެ ޚަބަރު މީސްތަކުންގެ މެދުގައި މަޝްހޫރުވެ، އެކަމުގެ މަޢުލޫމާތު އެންމެނަށް އެނގި، މީސްތަކުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު، އެވެނި މިވެނި ކުއްޖަކީ އެވެނި މިވެނި މީހެއްގެ ދަރިއެއްކަމަށް ބުނުމެވެ.

ދަލީލުތައް ތަޢާރުޟުވުން (ފުށުއެރުން)

ދަލީލުތައް ތަޢަރުޟުވުމޭ (ފުށުއެރުމޭ) ބުނެވޭ ބަހުގައި ޤަޠުޢީ ގޮތުން ސާބިތުވާ ހާލަތް ނުހިމެނޭނެއެވެ. އެއީ، ކުރިން ބަޔާންވެދިޔަ ފަދައިން ވަޙީގެ ދަލީލެވެ. އެހެން ނަމަވެސް، ދަންނާނެފަދައިން، ރަސޫލުﷲ ﷺ ޒަމާނަށް ފަހު، އެ މަގުވަނީ ބަންދުވެފައެވެ.

ދަލީލުތައް ތަޢާރުޟުވާ ހާލަތުގައި ބުރަދަންދެވޭނީ، ވަރުގަދަ ދަލީލަށެވެ. އެގޮތުން، ހެކިބަހުގެ މައްޗަށް، ކައިވެނީގެ ދަލީލު އިސްވާނެއެވެ. އަދި އިޤުރާރުގެ މައްޗަށް ހެކިބަސް އިސްވާނެއެވެ. އަދި މީސްތަކުންގެ މެދުގައި ޢާއްމުވެފައިވާ ވާހަކައިގެ މައްޗަށް އަމިއްލަ އިޤުރާރު އިސްވާނެއެވެ.

ދަރިޖައިގެ ގޮތުން ހަމަ ހަމަ ދެ ދަލީލު ތަޢާރުޟުވެއްޖެނަމަ، ޙުކުމު ކުރާނީ 'ޤިޔާފާ' އަށް ބިނާކޮށެވެ. ޤިޔާފާގައި ތަޢާރުޟުވުމެއް މެދުވެރިވެއްޖެ ނަމަ، ޙަނަފީންނާއި ޙަންބަލީ މަޛަހަބުގެ މަޝްހޫރު ރައުޔުގައި ވާ ގޮތުން، މައްސަލައިގައި ހިމެނޭ ދެ މީހުންނަށް ކުއްޖާގެ ނަސަބު ސާބިތުކުރެވޭނެއެވެ.

މަލިކީން ވިދާޅުވާ ގޮތުގައި، އެ ހާލަތުގައި ދެ މީހުންގެ މެދުގައި ގުރައަތުލާނީއެވެ. ޝާފިޢީންނާއި ބައެއް ޙަންބަލީން ވިދާޅުވާ ގޮތުގައި، ކުއްޖާ ބާލިޣުވުމުން ކުއްޖާގެ ބަހަށް ނަސަބު ސާބިތުކުރާނީއެވެ.

(އެހެންނަމަވެސް) އިބްނުރުޝްދުލް މާލިކީ ވިދާޅުވެފައިވެއެވެ: "ކުއްޖާ، ދެ މީހަކަށް ނިސްބަތްކުރުމަށް ބުނާ ބުނަމަކީ، ނައްޞުތަކުންނާއި ބުއްދީގެ ހަމަތަކަށް ބަލާއިރުވެސް ބާޠިލު ބުނުމެކެވެ."

ނަސަބު ސާބިތުކުރުމުގައި ފިޤުހުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ނުކުތާއާއި ޑީއެންއޭ

ފެށުމުގައިވެސް ބަޔާންވެދިޔަ ފަދައިން، ހަގީގީ 'ފިރާޝް' ސާބުތުކުރެވޭނެ ގޮތްތަކާ މެދު ޢިލްމުވެރިން ޚިލާފުވެލައްވައެވެ. ޢިލްމުވެރިން އިއްތިފާޤުވެލައްވާ ކަމަކީ، ފިރިމީހާ ނޫން މީހެއްގެ ފުށުން އުފަންވާ ދަރިފުޅު ފިރިމީހާއަށް ނިސްބަތްނުކުރެވޭނެކަމެވެ. އެއީ އެކަން ޔަގީންކުރެވޭ (މިސާލަކަށް، ކައިވެންޏަށް ހަ މަސް ނުވަނީސް ވިހެއުން ފަދަ) ހާލަތްތަކުގައެވެ.

ކައިވެނީގެ ގުޅުމުގެ ތެރޭގައި ވާ ދެ މީހުން ދެމަފިރިކަމުގެ ގުޅުން ހިނގާނެކަމަށް ލަފާކޮށް، ކައިވެނީގެ ޢަޤުދުގެ އަލީގައި ހަގީގީ 'ފިރާޝް' (ޖިމާޢުވުން) ސާބިތުކުރުމަށް ޢިލްމުވެރިން އެކަށައެޅުއްވި ސަބަބަކީ، އެ ގުޅުމުގެ ޠަބީޢަތެވެ. އެހެނީ، އެ ގުޅުން ބިނާވެގެންވަނީ ސިއްރުކުރުމުގެ މައްޗަށާއި މީސްތަކުންގެ ލޯތަކަށް އެކަން ވަންހަނާކުރުމުގެ މައްޗަށެވެ. ވުމާއެކު އެކަމުގެ އަސްލު ހަގީގަތަށް ވާސިލުވުމަކީ ވާނެކަމަކަށް ނުވުމުން، އެ ހަގީގަތާ އެންމެ ގާތް މަޖާޒީ ހާލަތު، އަސްލަށް ދަލީލުކޮށްދޭކަމަށް ކަނޑައެޅުއްވީއެވެ. އަސްލާ އެންމެ ގާތް މަޖާޒީ ހާލަތަކީ، ޙަނަފީންގެ އަރިހުގައި ކައިވެނީގެ ޢަޤުދެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ކައިވެނީގެ ޢަޤުދަށް ފަހު ދެމަފިރިން އެކަހެރިވުމެވެ. މި ހާލަތުގައި އެ ދެ މީހުންގެ ދެމެދުގައި ދެމަފިރިކަމުގެ ގުޅުން ހިނގައި (ﷲ ގެ އިރާދަފުޅާ އެކު) އެކަމުގެ ސަބަބުން ދަރިޔަކު އުފަންވުމަކީ ޝަރުޢީ ހަމައިންނާއި ބުއްދީގެ ހަމައިންވެސް ޖާއިޒު ކަމެކެވެ.

އެހެންކަމުން، މި ހާލަތު، ދެ މީހުން ޖިމާޢުވުމުގެ މައްޗަށް ހެކިދޭކަމަށް ފިޤުހުވެރިން ބައްލަވައި އެއަށް އިޢުތިބާރުކުރެއްވީއެވެ. (ބުރަދަންދެއްވީއެވެ.) ފިޤުހުވެރިން މި ހާލަތަށް "ފިރާޝްގެ ދަލީލު" އޭ ވިދާޅުވަނީ މި ސަބަބަށްޓަކައެވެ. އަދި މި ކަމަށް 'ފިރާޝް'ގެ އިޞްޠިލާޙު ޢާއްމުވެ ނަސަބު ސާބިތުކޮށްދޭ ދަލީލެއްގެ ގޮތުގައި ބެލެވެން ފެށީއެވެ. އެހެން ނަމަވެސް ހަގީގަތުގައި ފިޤުހުވެރިންގެ ޤަޞްދަކީ ޖިމާޢުވާނެކަމަށް ލަފާކުރެވުމެވެ. އޭގެ ޒާތުގައި ހަގީގަތުގައިވެސް ޖިމާޢުވުމެއް ނޫނެވެ. އެކަން އައްޝީރާޒީގެ ބަސްފުޅުން ވަރަށް ޞަރީޙަކޮށް ސާފުވެއެވެ.

ބަޔާންކުރައްވާފައިވެއެވެ: "ފިރިމީހާއަށް ދަރިފުޅު ނިސްބަތްކުރެވޭނެ ހާލަތުގައި އަންހެނަކު ވިހައިފި ނަމަ، ބޭރުފުށަށް ފެންނަން ހުރި ކަންކަމަށް ބަލައި ފިރިމީހާއަށް އެ ދަރިފުޅުގެ ނަސަބު ލެއްވޭނެއެވެ. އެހެނީ ބޭރުފުށަށް ފެންނަން ހުރި ހާލަތްތަކަށް ބަލާއިރު، އެ ދަރިފުޅު އޭނާގެ ފުށުން އުފަންވުމުގެ ފުރުސަތު އެބައޮތެވެ. އަދި އެކަން ނަފީކުރާނެ ހާލަތެއް ނުވަތަ ސަބަބެއް ނެތެމުން، ފިރިމީހާއަށް ނަސަބުލެއްވުން ވާޖިބުވާނެއެވެ."

ޑީއެންއޭގެ ހޯދުމުގެ ސަބަބުން މިއަދު، ކުއްޖާގެ ވިރާސީ ސިފަތައް ޔަގީންކުރެވެއެވެ. ޢައުރައަކަށް ވާ ޖިމާޢުވުމުގެ އަމަލު ފާޅުކުރުމެއްނެތިއެވެ. އެހެނީ، ޑީއެންއޭއިން އެ ކުއްޖާގެ ހަގީގީ މަންމައާއި ހަގީގީ ބައްޕަ ކަށަވަރުކުރެވޭނެއެވެ. ވުމާއެކު މި ޔަގީން ދަލީލު ދޫކޮށްލައި، ޡަންނީ (ޔަގީންނޫން) ދަލީލުތަކުގައި ހިފުން އެކަށީގެންވާނެ ހެއްޔެވެ؟؟

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤު ބަސްފުޅުގެ ތެދުކަމާއެވެ! އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ أَلَا إِنَّهُمْ فِي مِرْيَةٍ مِنْ لِقَاءِ رَبِّهِمْ أَلَا إِنَّهُ بِكُلِّ شَيْءٍ مُحِيطٌ (މާނައީ: އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ ޙައްޤު ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެ ކަމާމެދު އެއުރެންވަނީ ޝައްކު ކަމެއްގައެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)

ނޯޓު:

މިއީ ޑރ. ސަޢްދުއްދީން ހިލާލީ، "البصمة الوراثية وعلائقها الشرعية" މި މައުޟޫއަށް ލިޔުއްވާފައިވާ ފޮތުގެ ބައެއް ބައިތަކުގެ ތަރުޖަމާއެކެވެ. މި ލިޔުންތަކުގައި ތަރުޖަމާ ގެނެސްދިނުމަށް އަޅުގަނޑު ގަސްދުކުރަނީ، ޑީއެންއޭގެ އަލީގައި ނަސަބާއި ޒިނޭ ސާބިތުކުރުމާ ގުޅޭގޮތުން ދާދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި މައްސަލައާ ގުޅުންހުރި ބައިތަކެވެ.

ދެން ގެނެސްދެވޭ ބައިގައި 'ޤިޔާފާ'ގެ ތަފްސީލު ގެނެސްދެވޭނެއެވެ.
'ޤިޔާފާ'އަކީ ކުއްޖެއްގެ ކިބައިގައި ހުރި ސިފަތަކާއި، ކުއްޖާއާ އަނެއް މީހާއާ ދެމެދު ހުރި އެއްގޮތް ކަންކަމަށް ބެލުމަށް ފަހު، ވަކި މީހަކަށް ނިސްބަތްވާ ކުއްޖެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. މިއީ އިހު ޒަމާނުގައި އޮތް ފަންނެކެވެ.

މި ލިއުމާއި ގުޅޭ