Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖައްވީ ތަހުގީގު

ދުނިޔެއިން ބޭރުން ދިރުމެއް ހޯދަން ކުރާ މަސައްކަތް އައު ހަރުފަތަކަށް

ޓީގާޑެންގެ ތަރިއަކީ އޭރިއެސް ގުރަހަލީގައި (ކޮންސްޓަލޭޝަން) އޮންނަ ބޮޑުމިނުގައާއި ވިދުމުގައިވެސް ކުޑަ ތަރިއެކެވެ. ބޮޑުމިނަށް ބަލާއިރު އެއީ އިރުގެ ދިހަ ބައިކުޅަ އެއް ބައިގެ ބޮޑުމިން ހުރި ތަރިއެކެވެ. އަދި އެތަރިން ބޭރުވާ އަލިކަމުގެ ބޮޑު ބައެއް ނުކުންނަނީ އެ ތަރީގެ ދުނިފަށު (ސްޕެކްޓްރަމް)ގެ އިންފްރާރެޑް ބައިންނެވެ. މިހެންވުމުން އެ ތަރިއަކީ 12 އަލިއަހަރު ދުރުމިނުގައި އޮތް ތަރިއެއް ކަމުގައިވީ ނަމަވެސް ހަމަލޮލަށް ފެންނަ ގޮތެއް ނުވެއެވެ.
ސްޕެއިނުގެ ކަލާ އަލްޓޯ އޮބްޒަވޭޓަރީގެ ސައެންޓިސްޓުން މި ތަރިއަށް ގާތުން ބަލަން ފެށުމުން ފާހަގިވި ކަމަކީ އެ ތަރި ވަށައިގެން އެނބުރޭ ކުދިކުދި އެތިކޮޅުތަކެކެވެ. 3 އަހަރު ދުވަހު، ވަރަށް ރަނގަޅަށް އެތަކެތި ދިރާސާކޮށް މިންކުރުމަށްފަހު އެ ސައެންސްވެރިން ނިންމީ މިއީ އެ ތަރި ވަށައިގެން އެނބުރޭ ދެ ގުރަހައެއްގެ ޖާޒުބީ ބާރުގެ ދާއިރާ (ގްރެވިޓޭޝަނަލް ފީލްޑް)ގެ ސަބަބުން އުފެދިފައިވާ ތަކެތި ކަމަށެވެ. އެ ދެ ގުރަހައިގެ ތެރެއިން އެންމެ ތަރިއާ ކައިރި ގުރަހައަކީ ޓީގާޑެން ބީ ގުރަހައެވެ. އެ ގުރަހައަކީ ބިމާ ބޮޑުމިނުގެ ގޮތުން އެއްވަރު، އަދި އެ ގުރަހައިގެ ތަރިން ލިބޭ އަލީގެ ގޮތުންވެސް އެއް ހަމަ، ހިލަ ހުރުން އެކަށީގެންވާ ގުރަހެއް ކަމުގައިވެސް އެ ސައެންސްވެރިން ނިންމިއެވެ.
ޓީގާޑެން ބީއަކީ މިހާރު ހެބިޓަބަލް އެކްސޮޕްލެނެޓްސް ކެޓަލޮގު (އެޗްއީސީ)ގައި ހިމެނޭ ގުރަހައެކެވެ. މިއީ ދުނިޔެ ހިމެނޭ އިރުގެ ނިޒާމުން ބޭރުގައި ހުރި ގުރަހަތަކުގެ ތެރެއިން ދިރުން ހުރުމުގެ ފުރުޞަތު ހުރި ގުރަހަތަކުގެ މައްޗަށް އެކުލެވޭ ލިސްޓެކެވެ. މި ލިސްޓު އެކުލަވައިލަނީ އަބެލް މަންޑޭޒްއާއި އޭނާއެކު ޔުނިވާސިޓީ އޮފް ޕޯޓަރީކޯގައި މަސައްކަތްކުރާ ސައެންސްވެރިންނެވެ. މި ލިސްޓުގައި ހިމަނަނީ ބިމާ އެއްގޮތް ގުރަހަތަކެވެ. ޚާއްޞަކޮށް ތަރީގެ ވަށައިގެންވާ ސަރަހައްދުތަކުގެ ތެރެއިން ދިރުމަށް ބާރު ލިބޭ ފަދަ ސަރަހައްދުގައި ހުންނަ ތަރިތައް މި ލިސްޓުގައި ގުނައެވެ. މާނައަކީ އެ ތަރިއަކާއި ގުރަހައިގެ މެދުގައި ހުންނަ ދުރުމިނެއްގެ ސަބަބުން ފެން ކެކި އާތްވަށް ނުވާނެ ނުވަތަ ފިނިން ގަނޑުނުވާނެ ފަދަ ދުރުމިނެއް އެ ގުރަހައަކާ ގުރަހައިގެ ތަރީގެ މެދުގައި ހުރޭތޯ ބަލާކަމަށެވެ. މިކަމަށް ރިއާޔަތްކުރާ ސަބަބަކީ، ދުނިޔޭގައި ދިރުން އުފެދުމަށް ހިނގި ބައޯކެމިކަލް ތަފާއުލުތައް (ރިއެކްޝަންސް) ހިނގުމަށް ފެނަކީ އަސާސީ އުންސުރެއް (ކޮމްޕޯނެންޓް) ކަމުގައިވުމުން، ދިރުން ހުންނަ އެހެން ގުރަހައެއްގައިވެސް ފެން ހުރުން ލާޒިމުވާނެކަމަށް ޤަބޫލުކުރެވޭތީއެވެ.
އެޗްއީސީގެ ލިސްޓެއް އޮތުމަކީ ދުނިޔެއިން ބޭރުގައި ދިރުން ހުރިތޯ ބެލުމުގެ ޝައުޤުވެރިކަން ސައެންސްވެރިންގެ މެދުގައި އަނެއްކާވެސް އިއާދަވެފައިވާ ކަމުގެ އަލާމާތެކެވެ. ވަރަށް ފަހަކާ ޖެހެންދެން ދުނިޔެއިން ބޭރުގައި ކައުނުގެ އެހެން ހިސާބެއްގައި ދިރުން ހުރިތޯ ކުރާ ސުވާލަކީ ޖަވާބު ހޯދުން މުސްތަޙީލު ސުވާލެކެވެ. ނަމަވެސް މިހާރު "އެސްޓްރަބައޮލޮޖިސްޓު"ންގެ ގޮތުގައި މަޝްހޫރުވެފައިވާ ސައެންސްވެރިން ޤަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދަހަތަކުގައި (ޑެކޭޑްސް) މި ސުވާލަށް ޖަވާބެއް ލިބޭނެއެވެ.
ދުނިޔެއިން ބޭރުގައި ދިރުމެއްވޭތޯ ބެލުމުގެ މަސައްކަތް ކުރަނީ ތިން ގޮތަކަށެވެ. އެއް ގޮތަކީ ދުނިޔެއާ ދުރުގައި ހުރި ތަރިތަކާއި ގުރަހަތައް ޓެލެސްކޯޕެއް މެދުވެރިކޮށް ބަލައިގެން ދިރާސާކުރުމެވެ. ދެވަނަ ގޮތަކީ ދުނިޔެއާ ގާތުގައި ހުރި ގުރަހަތަކަށް ޒިޔާރާތްކޮށް އެތަންތަނަށް ދިރާސާކުރުމަށް އުޅަނދު ފޮނުވުމެވެ. މިގޮތުން އެމެރިކާ، ޗައިނާ އަދި އެކުވެރި ޢަރަބި އިމާރާތުންވަނީ މާސްއަށް އުޅަނދެއް ފޮނުވާފައެވެ. ބޭނުމަކީ އެ ގުރަހާގައި ދިރުމެއް ހުރިތޯ ނުވަތަ ދިރުން ހުރުމަށް ބޭނުންވާ ޙާލަތްތައް ފުރިހަމަވޭތޯ ދިރާސާކޮށް ތަހުލީލުކުރުމެވެ. ތިންވަނަ ގޮތަކީ ރޭޑިއޯ ސިގްނަލް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ޓެކްނޮލޮޖީއެއްގެ އިޝާރާތެއް ނުވަތަ ހިލަމެއް ވޭތޯ ބެލުމެވެ.
އެކްސޯޕްލެނެޓު ނުވަތަ އިރުގެ ނިޒާމުން ބޭރުގައި ހުންނަ ދިރުން ހުރުން އެކަށީގެންވާ ދެ ގުރަހައެއް އެންމެ ފުރަތަމަ ހޯދުނީ 1992 ވަނަ އަހަރުގައެވެ. މިހާރު އެ ގިންތީގެ 4،000 އަށްވުރެ ގިނަ ގުރަހަ ހޯދިފައިވެއެވެ. ދުނިޔެ އެކުލެވޭ މިލްކީވޭ ގުރަހާނަ(ގެލެކްސީ)ގައި ހިމެނޭ އެތައް ބިލިއަން ތަރީގެ ތެރެއިން ކޮންމެ ތަރިއެއްގެ ވަށައިގެން ދެތިން ގުރަހަ ދައުރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސައެންސްވެރިން ވިދާޅުވެއެވެ. އަދި އެއިން ކޮންމެވެސް އެއް ގުރަހައާއި ތަރީގެ މެދުގައި ހުންނަ ދުރުމިނަކީ ދިރުން ވުޖޫދުވުމަށް ބޭނުންވާ ފެން އެ ގުރަހާގައި ހުރުން އެކަށޭނެ ދުރުމިނެއް ކަމުގައިވުމުގެ ފުރުޞަތު ބޮޑު ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
އެސްޓްރޮނޮމިކަލް ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސީ ލިޔުމެއްގައި ބުނެފައިވަނީ ދުނިޔެ ހިމެނޭ މިލްކީވޭ ގުރަހާނާގައި ހިމެނޭ އިރާ އެއްގޮތް ތަރިތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަރީގެ ވަށައިގެން ހިލަ ގުރަހަ (ރޮކީ ޕްލެންޓް) ދައުރުކުރާ ކަމަށެވެ. އެއީ އެ ގުރަހަތަކުގައި ފެން ހުރުން އެކަށޭނެ ގުރަހަތަކެވެ. މި ހިސާބުތަކަށް ބަލާއިރު ދިރުން ހުރުން އެކަށީގެންވާ 300 މިލިއަން ގުރަހަ ދުނިޔެ ހިމެނޭ ގުރަހާނައިގައި އެކަނި ހުންނާނެއެވެ. އަދި ދުނިޔެއާ އެންމެ ކައިރިން 20 އަލިއަހަރު (ލައިޓް އިޔާސް) ކައިރީގައި މިފަދަ ގުރަހެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ ތަރިއަކާއި ގުރަހައެއްގެ ދެމެދުގައި ހުންނަ ދުރުމިނަކީ އެ ގުރަހައެއްގައި ފެން ހުންނަންޖެހޭ ސަބަބެއް ނޫން ކަމެވެ. އެހެންކަމުން ގުރަހައާއި ތަރީގެ މެދުގައި ހުރި ދުރުމުން ދެނެގަތުމާއެކު އެ ގުރަހައެއް އުފެދިފައިވަނީ ކޮން މާއްދާތަކަކުންކަން ދެނެގަތުމަކީވެސް ކުރަންޖެހޭ ކަމެކެވެ. އެގޮތުން އެ ގުރަހައެއްގައި ބައްރުތަކާއި ކަނޑުތަކާއި ގަނޑު ސަރަހައްދުތައް ހުރިތޯ ބެލުމަކީ ކުރަންޖެހޭ ކަމެކެވެ. މިކަންކަން ކުރެވޭނީ މުޅިން އައު ޖީލެއްގެ އާލާތްތަކެއް ބޭނުންކޮށްގެންނެވެ.
މުޅިން އައު ޖީލުގެ މި އާލާތްތަކުގެ ފުރަތަމަ މިސާލަކީ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕެވެ. އެއީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އީޖާދެކެވެ. މި ޓެލެސްކޯޕަށް އަލިޖަމާކުރަން ލިބިފައިވާ ޤާބިލުކަމަކީ ހަބްލް ސްޕޭސް ޓެލްސްކޯޕުގެ ޤާބިލުކަމަށްވުރެ 6 ގުނަ އިތުރު ޤާބިލުކަމެކެވެ. ނާސާއިން ރާވާފައިވަނީ މި ޓެލެސްކޯޕު މި އަހަރުގެ އޮކްޓޯބަރުގައި ޖައްވަށް ފޮނުވާށެވެ. މި ޓެލެސްކޯޕުގެ އެއް ވަޒީފާއަކަށްވާނީ ދުނިޔޭގައި ހިނގާ ބައޮލޮޖިކަލް އިޖުރާއާތުތަކުން އުފަންކުރާ މާއްދާތައް ގުރަހަތަކުން ފެނޭތޯ ބެލުމެވެ. އެއީ އޮކްސިޖަން އަދި މެތޭން ފަދަ ގޭސްތަކެވެ.
މި އާލާތް ބޭނުންކޮށްގެން އެންމެ ފުރަތަމަ ދިރާސާކުރާ ގުރަހަތަކުގެ ތެރޭގައި ޓީގާޑެން ބީ ގުރަހަ ހިމެނުން އެކަށީގެންވެއެވެ. ނަމަވެސް މި ޓެލެސްކޯޕުގެ ދާއިރާގެ ތެރޭގައި ހިމެނޭ ގުރަހަތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2020 ވަނަ އަހަރުގައި އެކަނި އެޗްއީސީގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ 10 ގުރަހައިގެ ލިސްޓަށް އަލަށް 4 ގުރަހައެއް އިތުރުވިއެވެ. ކޮންމެއަކަސް ސައެންސްވެރިންގެ އުންމީދަކީ ޖައްވީ ހަރަކާތްތައް ބެލުމަށް ބޭނުންކުރާ ޓެކްނޮލޮޖީއަށް ހަލުއި ދުވެލީގައި ލިބޭ ކުރިއެރުމާއެކު، ދުނިޔެއިން ބޭރުން ދިރުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ދާއިރާ ފުޅާކޮށް އިތުރު ގުރަހަތައް ދިރާސާކުރުމުގެ ފުރުޞަތު ފަހިވުމެވެ.
މި ލިއުމާއި ގުޅޭ