Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

މުޅި ދައުލަތް ގުޅިގެން އަލީ ވަޙީދު ފުރުވައިލި ގޮތް!

ޖިންސީ ފުރައްސާރަކުރުމާއި، ރޭޕުކުރަން އުޅުމާއި، ޖިންސީ އަނިޔާކުރުމުގެ އެތައް ކުށެއްގެ ތުހުމަތުކުރެވި ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުން ވަކިކުރެއްވި ޢަލީ ވަޙީދު ފުރުވައިލުމަކީ، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކެވެ. ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި، އަދި ކުރިމިނަލް ކޯޓަށާއި، ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ވަޑައިގަނެ ފަރުވާ ހޯއްދަވަން ޖެހޭ ކަމުގައި ވިދާޅުވި ޑޮކްޓަރަށްވެސް ފާޑުކިޔުން އަމާޒުވި ކަމެކެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލުތަކާއި، މުޅި މައްސަލަ ނިއުޅިގެން ދިޔަ ގޮތް އަދި އޮތީ މުޅިން ހާމަނުވެއެވެ. މި މައްސަލައާ ގުޅިގެން ނަންނުޖެހުން ޝަރުޠުކޮށް ޢަލީ ވަޙީދުގެ ގާތް އެކުވެރިއަކު "ދިޔަރެސް"އަށް ދެއްވި މައުލޫމާތުތަކާއެކު ކަން ހިނގައިދިޔަ ގޮތުގެ ގިނަ ތަފުސީލުތަކެއް ދިޔަރެސްއަށްވަނީ އެއްކުރެވިފައެވެ.

ދުރާލައި ރޭވިގެން ހިންގުނު ކަމެއް

މި މައްސަލަ ހިނގައިދިޔަ ގޮތުގެ ތަފުސީލުތަކަށް ނަޒަރު ހިންގައިލުމުން ޢަލީ ވަޙީދު ފުރުވުމަކީ ދުރާލައި ރޭވިގެން ހިންގުނު ކަމެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. އެގޮތުން ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުމާ ގުޅޭ ގޮތުން ނިންމުމަށް މީގެ ފަހުން ތާވަލުކުރި ދެ އަޑުއެހުންވެސް ތާވަލުކޮށްފައިވަނީ ޓާކިޝް އެއާލައިންގެ ފުލައިޓު އޮތް ދުވަހަށެވެ. މި ރޭވުންތައް ރާވައި ތަރުތީބުކުރަން ފެށުނީ ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާނެ ޤާޟީ ކަނޑައެޅުނު ހިސާބުންނެވެ.

އެގޮތުން މި މައްސަލާގައި ޢަލީ ވަޙީދުގެ އާލާސްކަންފުޅެއް ހުރި ކަމަށާއި، ރާއްޖެއިން ބޭނުންވާ ފަރުވާ ނުހޯދޭނެ ކަމުގައި ބުނެ، ބޭރަށް ފުރާވަޑައިގަތުމަށް ބޭނުންވާ ސަބަބުތައް އުފެއްދުމުގެ މަސައްކަތް އެ ހިސާބުން ފެށުނެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރު ޑރ.މުޒުނީ މެދުވެރިކޮށް ޢަލީ ވަޙީދަށް ކުރިމަތިވެފައިވާ މައިބަދައިގެ މައްސަލައަކީ ރާއްޖެއިން ފަރުވާކުރެވުނު ކަމަކަށް ވީ ނަމަވެސް ޢަލީ ވަޙީދު ބޭރުން ފަރުވާ ހޯއްދެވުމަށް ރެކޮމެންޑުކުރާ ކަމުގައި ބުނާ ލިޔުމެއް ޢަލީ ވަޙީދަށް ލިބުނެވެ. އެ ލިޔުން ކޯޓާ ހިއްސާކުރިއިރު، 24 ޖަނަވަރީވަނަ ދުވަހު އޮތް ޝަރީޢަތުގެ އަޑުއެހުމާ ހަމައަށް އެ ލިޔުން އޮތީ ޕީޖީ އޮފީހާވެސް ހިއްސާނުކުރެވިއެވެ.

ދުރާލާ ރޭވީ ޢަލީ ވަޙީދު ފުރާވަޑައިގަންނަވާނީ ޓާކިޝް އެއާލައިނުން ކަމަށެވެ. މާލެއިން އިސްތަންބޫލަށް ވަޑައިގެން އިސްތަންބޫލު މަގުން ލަންޑަނަށް ވަޑައިގަންނަވާ ގޮތަށެވެ. ޓާކިޝް އެއާލައިނުގެ ދަތުރުތައް އޮންނަނީ ކޮންމެ ހަފުތާއެއްގައި ހުކުރުދުވަހާއި، އާދީއްތަދުވަހާއި އަންގާރަދުވަހެވެ. ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރާމެދު ގޮތެއް ނިންމުމަށް ޑރ.މުޒުނީގެ ދެއްވި ލިޔުމާއެކު ކުރިއަށް ގެންދިޔަ ފުރަތަމަ އަޑުއެހުން ބޭއްވި 24 ޖަނަވަރީއަކީ އާދީއްތަ ދުވަހެކެވެ. ކޯޓުގެ އިސްނެގުމަށް އެ ލިޔުން މުރާޖަޢާކޮށް އައިޖީއެމްޗުގެ ޑޮކްޓަރެއްގެ ބަސް ހޯދައިގެން ބާއްވަން ނިންމި އަޑުއެހުން ބާއްވަން ތާވަލުކުރި 09 ފެބްރުއަރީއަކީ އަންގާރަ ދުވަހެކެވެ. މި ދެ ދުވަހަށް އަޑުއެހުން ތާވަލުކުރުމަކީ އިއްތިފާޤެއް ނޫނެވެ. "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ޢަލީ ވަޙީދުގެ އެކުވެރިޔާ ވިދާޅުވި ގޮތުގައި މި ދެ ފަހަރުވެސް ޢަލީ ވަޙީދު ހުންނެވީ ފުރާވަޑައިގަތުމަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެންނެވެ.

ފުރަތަމަ ފަހަރު ނާކާމިޔާބުވުން

ޢަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުން ފުރަތަމަ ފުރާވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންނެވީ، ޖަނަވަރީ މަހުގެ 09 ވަނަ ދުވަހުގައެވެ. އެ ދުވަހަށް ޢަލީ ވަޙީދުގެ ފަރާތްޕުޅުން ޖާމިނުވާ ފަރާތެއް ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޢަލީ އަސްޢަދު (އަޑަބަރޭ) އޮތީ ހަމަޖައްސާފައެވެ. ޢަލީ ވަޙީދުގެ އެކުވެރިޔާ ވިދާޅުވި ގޮތުގައި ބޭރަށް ފުރާވަޑައިގަތުމަށް ބޭނުންވާ ޕީސީއާރު ޓެސްޓުވެސް ޢަލީ ވަޙީދުވަނީ އެ ދުވަހަށް ހެއްދެވިއެވެ. އަދި ޓާކިޝް އެއާލައިނުން ހަމަ އެ ދުވަހުގެ ރޭ ފުރާވަޑައިގަތުމަށް ހުރިހާ ތައްޔާރިތައް ފުރިހަމަކުރެއްވިއެވެ.

ހޯމް މިނިސްޓްރީއާއި ރައީސް އޮފީހުގެ ވެރިއެއް މެދުވެރިކޮށް ޤާޟީއާ ވާހަކަދައްކައި، އެ އަޑުއެހުމުގައި ހުށަހަޅާ ލިޔުމުގެ މައްޗަށް ބިނާކޮށް ޢަލީ ވަޙީދު ފުރުވައިލަން އޮތީ ރާވާފައެވެ. އަދި ޕީޖީން އެންމެ ފަހު ވަގުތުގައި އަލީ ވަޙީދު ފުރުވައިލުމަށް އިއުތިރާޒުނުކުރާނެ ކަމުގެ ޔަޤީންކަން ޤާޟީއަށް ދީފައިވާ ކަމުގައިވެސް ޢަލީ ވަޙީދުގެ އެކުވެރިޔާ މައުލޫމާތު ދިނެވެ. މިހުރިހާ ކަމެއް ތައްޔާރުކޮށް ހަމަޖައްސައި، ޑޮކްޓަރު ދެއްވާ ލިޔުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކުރިއާލައި ނުދިނުމަށްވެސް އޮތީ އެއްބަސްވެފައެވެ.

މިހުރިހާ ގޮތަކަށް ރޭވުންތައް ތަރުތީބުކޮށްފައިވަނިކޮށް 24 ޖަނަވަރީގެ އަޑުއެހުމުގައި ދައުލަތުން ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ދެކޮޅު ހެދިއެވެ. އެ ހިސާބުން އެހެން މައްސަލައެއްގެ މީގެ ކުރިން ކަންކޮށްފައިނުވާ ގޮތާ ޚިލާފަށް، ބަންދުކޮށްފައި ނެތް މީހެއްގެ ޗެކްއަޕު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ހެދުމަށް ޤާޟީ ނިންމެވިއެވެ. ޕީޖީ އޮފީހުންވެސް މިއީ ކުރިން ކަންކޮށްފައިވާ ގޮތެއް ނޫންކަމަށް ބުނެފައިވެއެވެ.

ފެބްރުއަރީ 09 ކާމިޔާބުކުރީ މުޅި ދައުލަތް އެކީ މަސައްކަތްކޮށްގެން

ދެވަނައަށް އަޑުއެހުމެއް ތާވަލުކުރީ ފެބްރުއަރީ 09 ވަނަ ދުވަހުގައެވެ. އެ ދުވަހު އެ މައްސަލަ ތާވަލުކުރިއިރު، ޢަލީ ވަޙީދު ހުންނެވީ ޕީސީއާރު ޓެސްޓު ހައްދަަވއި ފުރިހަމައަށް ތައްޔާރުވެވަޑައިގެން ކަމުގައި ޢަލީ ވަޙީދުގެ އެކުވެރިޔާ މައުލޫމާތު ދެއްވިއެވެ. އަދި އެ ދުވަހު ޕީޖީންވެސް އެންމެ ފަހުވަގުތު ދޫދޭނެ ކަމުގައި ޢަލީ ވަޙީދު ވިދާޅުވި ކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.

ކަންދިމާކުރި ގޮތުން އެ ދުވަހަކީ މަޖިލިސް ޖަލްސާއެއް އޮތް ދުވަހެކެވެ. އެ ދުވަހު ޖަލްސާގައި "ބިރަކާ ނުލައި" މަޖާކޮށް ނާޗަރަންގީ ކުޅޭ ޖަގަހަތަކާ ގުޅޭ ޤަރާރެއްގެ ބަހުސް އޮތީ ތާވަލުކޮށްފައެވެ. މުޅި ޤައުމު އެ ބަހުސެއްގެ ތެރެއަށް ޣަރަޤުވެ، ރައްޔިތުންގެ ސަމާލުކަން މުޅިންހެން އެ ދިމާލަށް ހުއްޓިގެންދިޔައެވެ. އެއީ އެކަން އެގޮތަށް ހިންގަވާނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ޔަޤީންކަން ދެއްވި ކަމެއް ކަމުގައި ޢަލީ ވަޙީދުގެ އެކުވެރިޔާ ވިދާޅުވިއެވެ.

އޭގެ އިތުރަށް އަލީ ވަހީދު ދޫކޮށްލަން ނިންމައިގެން ފުލުހުންވެސް ފިޔަވަޅެއް ނާޅާނެ ކަމަށާއި، އެ ދުވަހު ޢަލީ ވަޙީދު ފުރާވަޑައިގަތުމާއެކު ހިޔާ ފުލެޓުތަކުގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާނެ ކަމުގެ ޔަޤީންކަންވެސް ޢަލީ ވަޙީދަށް ސަރުކާރުގެ ތެރެއިން ލިބިވަޑައިގެންފައި އޮތް ކަމުގައި ޢަލީ ވަޙީދުގެ އެކުވެރިޔާ ވިދާޅުވިއެވެ. އަދި އެއާއެކު 4 މަސް ދުވަހުގެ ފުރުޞަތެއް ލިބިވަޑައިގެން، އިނގިރޭސިވިލާތުން ހޯއްދެވި އެސައިލަމުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ޢަލީ ވަޙީދަށް ލިބިފައިވާކަމުގައި އޭނާ ވިދާޅުވިކަމަށް ޢަލީ ވަޙީދުގެ އެކުވެރިޔާ ވިދާޅުވިއެވެ.

ޢަލީ ވަޙީދުގެ ޝަރީޢަތް ފެށުމުގެ ކުރިން އެހެން އަޑުއެހުމެއް އޮތެވެ. އެ އަޑުއެހުމުގައި އެ ޒުވާނާގެ މައިބަދައިގެ 3 ޑިސްކެއް ހަލާކުވެގެން ފަރުވާ ހޯދަން ބޭރަށް ދާން އެދުމުން، ރާއްޖެއިން އެކަމަށް ފަރުވާ ލިބޭނެކަމަށާއި ދައުލަތުން އޭނާއަށް އެ ފަރުވާ ފޯރުކޮށްދޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ޤާޟީ ޙަސަން ސަޢީދު ވިދާޅުވިއެވެ. އޭގެ އިރުކޮޅެއް ފަހުން ބޭއްވި ޢަލީ ވަޙީދުގެ އަޑުއެހުމުގެ ކަންކަން ނިމިގެންދިޔައީ ކުރިންވެސް ރޭވިފައި އޮތް ގޮތަށެވެ. ނިކަމެތި އާދައިގެ ޒުވާނާއަށް މައިބަދައަށް ފަރުވާކުރަން ބޭރަށް ދިއުމުގެ ހުއްދަ ނުދެއްވި ޤާޟީ ޢަލީ ވަޙީދަށް އެ ހުއްދަ ދެއްވީއެވެ.

ޖިންސީ ފުރައްސާރަ އޮއްބައިލިކަމުގެ ތުހުމަތުވާ ޤާޟީއެއް

ޤާޟީ ޙަސަން ސަޢީދަކީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބައިލަން އުޅުނު ކަމުގެ ތުހުމަތުގައި ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމިއެވެ. އެ ނިންމުން ޖޭއެސްސީގެ ތަހުގީގު ރިޕޯޓަކުން އޮތީ ހާމަވެފައެވެ. އެ ނިންމުން ނިންމީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައެވެ.

މިހާރުވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުން އެ ތަހުގީގު ރިޕޯޓު ފެންނަން އެބަ އޮތެވެ. އެ މައްސަލަ ބަލަން އެކުލަވައިލި ތަހުގީގު ކޮމިޓީގައި ހިމެނިވަޑައިގަތީ ޖޭއެސްސީގެ މެންބަރު މަސްތޫރު ޙުސްނީއާއި އެއިރު ހައިކޯޓު ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ރައޫފާއި ޤާޟީ ޢީސާ ފުޅެވެ. އެ ކޮމިޓީގެ ރިޕޯޓުގައި ލަފާ ދީފައިވަނީ ޤާޟީ ޙަސަން ސަޢީދު މަޤާމުން ވަކިކުރުމަށެވެ.

މިފަދަ ތުހުމަތުތަކަށްވުރެ ކުދި ތުހުމަތުތައް އަމާޒުވި ފަނޑިޔާރުންނާއި ޤާޟިން މަޤާމުން ވަކިކުރަން ނިންމި ޖޭއެސްސީން ޙަސަން ސަޢީދު މަޤާމުން ވަކިނުކުރަން ނިންމައި، އޭނާ ކުރިމިނަލް ކޯޓަށް ބަދަލުކުރީ، ޙަސަން ސަޢީދުގެ އަނބިކަނބަލުންނާ ޢާއިލީ ގޮތުން ގުޅުން އޮންނަ އެމްޑީޕީގެ ނުފޫޒުގަދަ މަޖިލިސް މެންބަރެއްގެ ނުފޫޒުން ކަމުގައި މުޢުތަބަރު މަޞްދަރަކުން ދިޔަރެސްއަށް ކަށަވަރުވެފައިވެއެވެ.

ޕީޖީ ކަންކުރެއްވީވެސް ތަފާތުކޮށް

މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކަންކުރީވެސް ކުރިން މި ބާވަތުގެ މައްސަލަތަކުގައި ކަންކުރާ އުސޫލާ މުޅިން ޚިލާފަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު އާންމުކޮށް ކަންކުރައްވާ ގޮތަކީ މިފަދަ މައްސަލައެއްގައި ފަނޑިޔާރު ނިންމަވާ ނިންމުމަކާމެދު ޕީޖީން ޚިޔާލު ތަފާތުވެއްޖެނަމަ، ނުވަތަ އެ މައްސަލާގައި ގޯހެއް ހިނގާފައިވާ ކަމުގައި ދެކެވަޑައިގަންނަވާ ނަމަ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ކުރިން، އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައެވެ. އެފަދަ މައްސަލަތައް ޖޭއެސްސީއަށް ހުށަހަޅަން ޕީޖީ ޝަމީމު އަންގަވާފައިވާ ކަމުގައި ޕީޖީ އޮފީހުގެ ވަކީލެއް ދިޔަރެސްއަށް ނަންނުޖެހުން ޝަރުޠުކޮށް މައުލޫމާތު ދެއްވިއެވެ.

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތައް ކުރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލު ރަޝީދު ބާޠިލުކުރެއްވުމުން، ފަނޑިޔާރަށް ފާޑުވިދާޅުވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ޕީޖީ ބޭއްވެވިއެވެ. އަދި އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވިއެވެ. އެ މައްސަލައާ ގުޅިގެން މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސްކޮށް ޤާޟީއަށް މަޖިލިހުގެ މެންބަރުން ފާޑުވިދާޅުވިއެވެ. މިފަހަރު އަދި މަޖިލިހުން އަޑެއް ނީވެއެވެ.

މި މައްސަލާގައި ޕީޖީ ނެރުއްވީ ބަޔާނެކެވެ. ބަޔާން ނެރުއްވީ ކޯޓުން ނެރުނު އަމުރުގެ ކޮޕީއެއް މީޑިޔާތަކަށް ލިބި ޢަލީ ވަޙީދު ދޫކޮށްލީ ޕީޖީން އެދިގެން ކަމުގައި ނޫސްތަކުން ރިޕޯޓުކުރުމުންނެވެ. އޭގެ ކުރިން ޕީޖީން ބުނެފައިވަނީ ޕީޖީން ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރަން އެއްބަސްވީ ޢަލީ ވަޙީދުގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގައި ޑޮކްޓަރު ވިދާޅުވުމުން ކަމަށެވެ.

ޙާޒިރުކުރީ އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓާ ޑރ.ޝާން

މި މައްސަލާގައި ޢަލީ ވަޙީދަށް ރާއްޖެއިން ބޭރުން ފަރުވާކުރަންޖެހޭ ކަމުގެ ޔަޤީންކަން ދިނުމަށް ކޯޓަށް ހާޒިރުކުރީ އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރުގެ މަޤާމަށް ދާދި ފަހުން ހަމަޖެއްސެވި ޑރ.ޝާން ޔޫސުފެވެ. މިގޮތަށް ކޯޓަށް ޑޮކްޓަރު ހާޒިރުވެ، ޞިއްޙީ ފަރުވާ ހޯދުމަށް ބޭރަށް ދާންޖެހޭ ކަމުގައި ބުނުމަކީ ރާއްޖޭގައި މުޅިން އަލަށް ހިނގި ކަމެކެވެ.

ޤާނޫނީ ވަކީލެއް ކަމުގައިވާ ޙަމްޒާ ލަޠީފު ކުރެއްވި ޓުވީޓުތަކެއްގައި ފާހަގަކުރެއްވި ފަދައިން ކޯޓަށް ޑޮކްޓަރުން ހާޒިރުވެ، އެ ޑޮކްޓަރުން ދެއްވި ލިޔުމަކާ ގުޅޭ ގޮތުން ހެކިބަސް ދެއްވުމަކީވެސް އެއްވެސް ވަރަކަށް ރާއްޖޭގައި ހިނގާ ކަމެއް ނޫނެވެ. އެކަން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައިވެސް ފާހަގަކޮށްފައިވެއެވެ. ޑޮކްޓަރު ޝަރީޢަތުގެ މަޖިލިހަށް ހާޒިރުކުރުމަކީ ރާއްޖޭގައި ހިނގާ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުންވެސް ބުނެފައިވެއެވެ.

ޑރ.ޝާނުވަނީ ޢަލީ ވަޙީދަށް ދޭންޖެހޭ ފަރުވާއަކީ ރާއްޖޭގައި ދޭންޖެހޭ ފަރުވާއެއް ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އެ ފަރުވާ ދިނުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތުމުން އެ އޮޕަރޭޝަން ކުރުމުން ނުރައްކާވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ.ޝާނުގެ ހެކިބަހަށް ބިނާކޮށް ކަމުގައި ވިދާޅުވެ ޤާޟީ ޙަސަން ސަޢީދު ނިންމެވީ ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރު ބާޠިލުކުރާށެވެ.

ފުރާވަޑައިގަތީ ވީއައިޕީ ލޯންޖުން

ޢަލީ ވަޙީދު ފުރާވަޑައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުންނެވެ. އެ ލޯންޖު އަލީ ވަޙީދަށް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިދެއްވީ އަސްއަދު (އަޑުބަރޭ)އެވެ. އެ ލޯންޖަކީ އެތަނަށް ވަދެ ނުކުމެ އުޅޭ އެންމެންގެ މައުލޫމާތު ފުލުސް އިންޓެލިޖެންސާއި އަސްކަރިއްޔާގެ އިންޓެލިޖެންސަށް ވަގުތުން ވަގުތަށް ލިބޭ ތަނެކެވެ. ނަމަވެސް މުޅި ދައުލަތް އޮތީ ޢަލީ ވަޙީދު ފުރާވަޑައިގަތްކަން ނޭނގޭ ކަމަށް ހަދައިގެންނެވެ. ސަރުކާރަށް އެކަން އެނގުނު ކަމަށްވީ ޚަބަރުންނެވެ.

ޢަލީ ވަޙީދު ފުރާވަޑައިގެންނެވި ވާހަކަ ނޫސްތަކުން ލިޔަން ފެށުމާއެކު، ސަރުކާރުން ނެރުނީ އެތައް ނިކަމެތިންނެއް ބޯހިޔާވަހިކަމުގެ ޙައްޤުން މަހުރޫމުކުރި ފުލެޓުތަކުގެ ދާއިމީ ލިސްޓެވެ.

ދައުލަތުގެ ވެރިން ހަނު

ޢަލީ ވަޙީދު ފުރާވަޑައިގަތީ އެތައް ބައިވަރު އަންހެނުންނަށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އަމާޒުވެފައިވަނިކޮށެވެ. އެއާއެކު އެ ކަނބަލުން ކިބައިން ބަދަލު ހިފުމާއި އަނިޔާލިބުމުގެ ނުރައްކަލަށް އެކަނބަލުން ހުށަހެޅުނީއެވެ. ނަމަވެސް ދައުލަތުގެ އެންމެ މަތީ ފަނޑިން އެއްވެސް ބަހެއް މިކަމުގައި ނުއިވުނެވެ.

ފާއިތުވި އަހަރުގެ ނޮވެންބަރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ ޢަލީ ވަޙީދުގެ މުސްތަޤުބަލު އޭނާ އެދޭ ގޮތަށް ބައްޓަންކޮށްދިނުމަކީ އެންމެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޢަލީ ވަޙީދަކީ ސިޔާސި މުސްތަޤުބަލު އޮތް މޮޅު ކުޅަދާނަ ޕޮލިޓީޝަނެއް ކަމަށެވެ. ދައުވާކުރެވޭ ވަރަށް ހެކި ހުރެގެން ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތައް ފެނިވަޑައިގެން ރައީސް ނަޝީދު އަޖައިބުވެ އަންތަރީސްވެވަޑައިގެންނެވި ކަމުގައި ވިދާޅުވެފައިވެއެވެ.

ޢަލީ ވަޙީދުގެ މުސްތަޤުބަލު އެންމެން އެކުވެގެން ކަށަވަރުކޮށްދީފިއެވެ. ޖިންސީ ފުރައްސާރައާއި އަނިޔާގެ ޝިކާރައަށްވީ އެތައް އަންހެނުންނެއްގެ ޙައްޤު ގެއްލުނީއެވެ. އެކަނބަލުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓުނީއެވެ. އެކަނބަލުން ކުރިމަތީ ރައީސް ކީރިތިކުރެއްވުމަށްފަހު އެމަނިކުފާނުގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު މިއޮތީ އަމަލުން ދައްކަވާފައެވެ.

މި ލިއުމާއި ގުޅޭ