Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ އާމްދަނީ

ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެއްޖެ

ފާއިތުވި ޖެނުއަރީ މަހު ދައުތަލަށް ޑޮލަރުން ލިބުނު އާމްދަނީ އޭގެ ކުރީގެ 7 މަހާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ އަކީ 46.01 މިލިއަން ޑޮލަރެވެ. މިއީ ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވިފަހުން ޑޮލަރުން ލިބުނު އާމްދަނީ އެންމެ ގިނަވި މަހެވެ. އެހެން ނަމަވެސް ފާއިތުވި އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީގައި ލިބުނު މިންވަރު 28 އިންސައްތަ މަދެވެ. ޖެނުއަރީ 2020 ގައި 64.3 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި މީރާއަށް ބަލައިގަނެފައިވެއެވެ.
ފާއިތުވި މަހު ޖުމްލަ އާމްދަނީގެ ގޮތުގައި މީރާއަށް ބަލައިގަނެފައިވަނީ 1.79 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީވެސް ހިމެނެއެވެ. މިއީ 2020 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު މިންވަރާއި އަޅާ ބަލާއިރު 1.2 އިންސައްތަ މަދު އަދަދެކެވެ.
އެހެން ނަމަވެސް މީރާ އިން ހާމަކޮށްފައިވާ ގޮތުގައި ޖެނުަރީ މަހުގައި ލިބުނު އާމްދަނީ އަކީ ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 76.8 އިންސައްތަ އިތުރު އަދަދެކެވެ. މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވަނީ އަންދާޒާކުރި ވަރަށްވުރެ ރާއްޖެއަށް ފަތުރުވެރިން އައި މިންވަރާއި ރާއްޖޭގައި ހޭދަކުރި ދުވަސްތައް އިތުރުވުމުން ކަމަށް މީރާއިން ބުނެފައިވެއެވެ. އަދި ރާއްޖޭގެ މަތީފަންތީގެ ރިސޯޓުތަކުގައި ފަތުރުވެރިން ފައިސާ ހޭދަކުރި މިންވަރު އިތުރުވުމުގެ ސަބަބުންފަ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ނަގާ ޓެކްސް އިން ލިބުނު އާމްދަނީ އިތުރު ވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއް ސަބަބެވެ.
ކޮވިޑު-19 އާއި ގުޅިގެން ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެެވެ. އެހެން ނަމަވެސް ދައުލަތުން ކުރާ ހަރަދު، ވަކި މަދެއް ނުވާކަން ފާހަގަކޮށްލެވެއެވެ. އާމްދަނީ ދަށްވުމުގެ ސަބަބުން ފާއިތުވި އަހަރު ސަރުކާރުން ވަނީ 4 ބިލިއަން ރުފިޔާ ޗާޕުކޮށްފައެވެ.
މި ލިއުމާއި ގުޅޭ