Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

"އަޅުގަނޑު އަބަދުވެސް އަލީ ވަހީދަށް ރަނގަޅު ގޮތް އެދެން"

ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލިފައިވަނިކޮށް، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިވަނީ "ބޭސް ފަރުވާ" އަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. ނޫނީ ޝަރީއަތަށް ހާޒިރު ނުވާން ވެގެން ފިއްލަވާވަޑައިގެންފައެވެ.

އަލީ ވަހީދު ފުރުމާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އަލީ ވަހީދު ފުރިކަން އެ ބޭފުޅާއަށްވެސް އެނގިވަޑައިގެންނެވީ ޚަބަރުން ކަމަށެވެ. އެހެން ނަމަވެސް އޭގެ ގަޑި އިރުތަކެއްފަހުން އާންމުވި ކްރިމިނަލް ކޯޓުގެ އަމުރުން އެނގުނު ގޮތުގައި ހިފަހައްޓާފައި އޮތް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން އެދުނީވެސް ދައުލަތުންނެވެ. އެ އަމުރުގައިވާ ގޮތުން ޢަލީ ވަޙީދުގެ ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންޖެހޭ ކަން ކަށަވަރުކޮށްދިނުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ ޑރ.ޝާން ޔޫސުފެވެ. އޭނާއަކީ ދާދިފަހުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރުގެ މަޤާމަށް ހަމަޖައްސާފައިވާ ބޭފުޅާއެވެ. ޕާސްޕޯޓު ދޫކޮށްލަން އަމުރު ކުރުމާއި އެކު، އަލީ ވަހީދު ވަނީ ހަމަ އެދުވަހު ފުރާވަޑައިގެންފައެވެ. ބޭނުން ކުރެއްވީ އެއާޕޯޓުގެ ވީވީއައިޕީ ހިދުމަތްތަކެވެ.

މި ހުރިހާ ކަންކަމަށް ބަލާއިރު ޔަގީން ވަނީ އެއް ކަމެވެ. އަލީ ވަހީދު ފުރަން އުޅޭ ކަން ސަރުކާރަށް ކުރީގައިވެސް އެނގޭކަމެވެ. އަދި އެކަން ފަހިކޮށްދިނީވެސް ސީދާ ސަރުކާރުން ކަމެވެ. ތަރުޖަމާނު މަބްރޫކް ނޫސްވެރިން ކުރިމަތީގައި ހެދީ ކަނޑައެޅިގެން އިތުރުފުޅެކެވެ. އެހެން ނޫނީ ތަރުޖަމާނަށް ސަރުކާރުން ހިންގާ މިފަދަ ކަންކަން އެނގިވަޑައި ނުގަންނަވަނީއެވެ.

އަލީ ވަހީދު މިގޮތަށް ފުރުވާލުމުން ބައެއް ފަރާތްތަކުން ހައިރާންވެ ކަންބޮޑުވެގެން އެ ވާހަކަ ދެއްކިއަސް މިއީ އަސްލު ހައިރާންވާން ޖެހޭ ކަމެއްވެސް ނޫނެވެ. އަލީ ވަހީދު އެ މަޤާމުން ވަކިކުރުމަށްފަހުވެސް ރައީސް ސޯލިހް ވަނީ އަލީ ވަހީދު ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަލީ ވަހީދަކީ، ސިޔާސީ މުސްތަޤުބަލެއް އޮތް، ކުޅަދާނެ ޕޮލިޓީޝަނެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް އަލީ ވަހީދަށް ރަނގަޅު ގޮތްތައް އެދެން. އަލީ ވަހީދަކީ ސިޔާސީ މުސްތަގުބަލެއް އޮތް، ހަމަ ކުޅަދާނަ ޕޮލިޓީޝަނެއް. އެހެންވީމާ އަލީ ވަހީދުގެ މުސްތަގުބަލު އަލީ ވަހީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް އެއީ އަޅުގަނޑުމެން އެންމެން ވެސް ހަމަ، ކުރާނެ ކަމެއް،"
ރައީސް ސޯލިހް

މިއީ ރޭޕް ކުރަން އުޅުމާއި ޖިންސީ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތު ކުރެވޭ ފަރާތަކާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކައެވެ. އެކަމަކު އަލީ ވަހީދުގެ މި އަމަލުތަކުގެ ވާހަކަ އަޑު އިވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "ކީރިތި ކުރެއްވުނު" ކަމަށް އެކަންތައް ފަޅާއެރި ދުވަސްވަރު ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރިއެވެ. އެފަހުން ރައީސް ސޯލިހް އަލީ ވަހީދާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު ރައީސަށް ކީރިތި ކުރެއްވުނީ އަލީ ވަހީދުގެ "ކުޅަދާނަކަން" ފެނިފައި އުފަލުން ކަމަށް ބެލެވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށް ރާއްޖެ ދޫކޮށް ދިޔުމުގެ މަގު ސަރުކާރުން ފަހިކޮށްދިނީ އަލީ ވަހީދުގެ ކުޅަދާނަ ކަމުންނޭވެސް އަސްލު ބުނެވިދާނެއެވެ. މީގެ ކުރިން "ދިޔަރެސް" އިން ވާނީ އަލީ ވަހީދު އަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދުގެ ސިއްރު އޯޑިއޯތަކާއި ބައެއް ބޭފުޅުންގެ ވީޑިއޯތައްވެސް ހުރި ކަމަށް ރިޕޯޓުކޮށްފައެވެ.

އޭރު "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އަލީ ވަހީދު އަތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު "ކޮމްޕްރޮމައިޒް" ވާނެ ފަދަ އޯޑިއޯތަކާއި ވީޑިއޯތައް އެބަހުރިކަމަށެވެ. މިގޮތުން 2015 ވަނަ އަހަރު އޭރުގެ ސަރުކާރާއި ދެކޮޅަށް ބޭއްވި މޭއިޑޭ މުޒާހަރާ ރޭވުމުގައި ކުރެވުނު މަޝްވަރާތަކާއި އެ މުޒާހަރާއަށް ފައިސާ ހޯދުމަށް އޭރު ޕީޖީ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ސޯލިހް އަދި އަލީ ވަހީދު އިންޑިއާގެ ޖާސޫސީ އިދާރާގެ ބަޔަކާއި ކުރެވުނު މަޝްވަރާތަކުގެ އޯޑިއޯވެސް އަލީ ވަހީދު އަތުގައި ހުރިކަމަށްވެއެވެ.

އަދި 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ކުރިން އިނގިރޭސިވިލާތުގައި އެކަމާއި ގުޅިގެން އިންޑިއާގެ ޖާސޫސީ އިދާރާއާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި ބޭއްވި ބައްދަލުވުންތަކުގެ ބައެއް ރެކޯޑިންވެސް އަލީ ވަހީދު އަތުގައި ހުރިކަމަށްވެއެވެ.

"1 ފެބްރުއަރީ ގެ ހުކުމާއި ގުޅޭގޮތުން ރޯ (އިންޑިއާގެ ޖާސޫސީ އިދާރާ) ގެ ބަޔަކާއި މަޝްވަރާ ކުރަން ދިޔައީ އައްޔަ އާއި އިބޫ. އެ މަޝްވަރާތަކުގެ ރެކޯޑިން އައްޔަ އަތުގައި ހުންނާނެ. މިއީ ލީކުވެއްޖެނަމަ އިބޫ ވަރަށް ބޮޑަށް ކޮމްޕްރޮމައިޒް ވާނެ ފަދަ އޯޑިއޯއެއް" ދިޔަރެސްއަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވީޑިއޯ ކްލިޕެއްވެސް އަލީ ވަހީދު އަތުގައި އޮތްކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. އަދި 2011 ވަނަ އަހަރު ޑީއާރުޕީ ދޫކޮށް އަލީ ވަހީދު އެމްޑީޕީ އާއި ގުޅުމަށް ކުރެވުނު މަޝްވަރާތަކާއި ގުޅޭ ބައެއް އެސްއެމްއެސް އާއި ކޯލް ރެކޯޑިންތަކެއްވެސް އަލީ ވަހީދު އަތުގައި ހުރިކަމަށް މައުލޫމާތުލިބެއެވެ.

"ވަރަށް ބޮޑަށް ޔަޤީން ކުރެވޭ އައްޔައާއި ދެކޮޅަށް ސަރުކާރުން ފިޔަވަޅެއް އަޅަން ސަރުކާރުން ޖެހިލުންވާނެކަން." އޭރު އެ ބޭފުޅާ ވިދާޅުވިއެވެ.

އެހެން ކަމުން އޭރުވެސް ލަފާކުރެވުނު ގޮތަށް އަލީ ވަހީދާއި ދެކޮޅަށް ފިޔަވަޅު އަޅަން ރައީސް ސޯލިހް ޖެހިލުންވެވަޑައިގަތީއެވެ.

އަލީ ވަހީދު ފުރުވާލީ ފުރާނައަށް ނުރައްކާ ވެދާނެތީ ކަމަށާއި، އަލުން އަންނާނެ ކަމުގެ ޔަގީންކަންވެސް ލިބިފައިވާނެ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަަތައް މިއަދު ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. އަލީ ވަހީދަށް އެ ތުހުމަތުތައް ކުރެވުނު ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލީ ވަހީދަށް ތައުރީފުކޮށް ދެއްކި ވާހަކަތަކުން އެކަނިވެސް އަލީ ވަހީދު ސީދާ ފުރުވާލީ ރައީސް ސޯލިހްގެ އަމުރަށް ކަމާއި މެދު ޝައްކެއް ނެތެވެ.

މި ލިއުމާއި ގުޅޭ