Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރާސާ

ހިތްހަމަޖެހުމާއި އުފާވެރިކަން ވަނީ ތަނަވަސްކަމާ ގުޅިފައި: ދިރާސާ

ފައިސާއަކީ އުފާވެރިކަން ޔަޤީންކޮށް ކަށަވަރުކޮށްދޭ ކަމެއް ކަމުގައި ނުވި ނަމަވެސް، ހިތްހަމަޖެހުމާއި އާމްދަނީގެ މެދުގައި ގުޅުމެއްވާކަން ދިރާސާއަކުން ދައްކައިފިއެވެ.

ފާއިތުވި އަހަރު ކުރިއަށް ގެންދިޔަ ގެލޮޕް ޕޯލްއަކުން ދެއްކި ގޮތުގައި ދުނިޔޭގައި ބޮލަކަށް ޖެހޭ ޖީޑީޕީ އެންމެ މަތި %10 ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އެވެރެޖުކޮށް ގިންތިކޮށްފައިވަނީ 10 އަކުން ހަތެއްގައެވެ. އަދި ޖީޑީޕީ އެންމެ ދަށް %10 ޤައުމުގައި އެވެރެޖުކޮށް ދިރިއުޅުމުގެ ޙާލަތު ގިންތިކޮށްފައިވަނީ ދިހައަކުން އެންމެ ހަތަރެއްގައެވެ.

އަދި ފަރުދުންގެ އާމްދަނީއާ އުފައުވެރިކަމާ ހުރި ގުޅުން ދިރާސާކޮށް އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ބާކްލީގެ ބާހިސެއް (ރިސާޗާ) ކަމުގައިވާ މެތިވު ކިލިންސް ހެދި ދިރާސާއަކުން ފެނުނު ގޮތުގައި އާމްދަނީ މަތިވި މިންވަރަކުން އުފާވެރިކަންވެސް އިތުރުވެއެވެ. ނަމަވެސް އޭނާގެ ދިރާސާއި މުހިއްމު ދެ ނުކުތާއެއް ފާހަގަކުރައްވައެވެ. އެއީ، އުފާވެރިކަން ބޭނުންވާ މިންވަރު އިތުރުވި މިންވަރަކުން އުފާވެރިކަމުގެ އަގުވެސް އުފުލޭ ކަމެވެ. އަދި ފައިސާއަކީ އުފާވެރިކަމުގައި ހިއްސާކުރާ އެހެން ކަންކަމާ ގާތްކުރާ މިންވަރަށްވެސް މުހިއްމު ކަމެއް ނޫން ކަމެވެ.

2010 ވަނަ އަހަރުގައި ޕްރިންސްޓަން ޔުނިވާސިޓީގެ ދެ ބާހިސުން ކަމުގައިވާ ޑެނިއަލް ކާނެމަންއާއި އަންގަސް ޑީޓަން ހެދި ދިރާސާއެއްގެ ނަތީޖާއިން ފެންނަ ގޮތުގައި އާމްދަނީ 75،000 ޑޮލަރަށް ވާސިލުވުމަށްފަހު އުފާވެރިކަން އިތުރުވުން ހުއްޓެއެވެ. ނަމަވެސް ކިލިންސްވޯތުގެ ދިރާސާއިން ފެންނަ ގޮތުގައި މީހުންގެ އާމްދަނީ އިތުރުވާ މިންވަރަކުން އެ މީހުންގެ އުފާވެރިކަންވެސް އިތުރުވެއެވެ.

އެހެންނަމަވެސް ކިލިންސްވޯތު ދެކެވަޑައިގަންނަވާ ގޮތުގައި އުފާވެރިކަން އިތުރުވުމުގައި އާމްދަނީ އިތުރުވާވުމުގެ ދައުރަކީ އެހެން ސަބަބުތަކާ އަޅާބަލާއިރު ހަނި ދާއިރާއެކެވެ. އަދި ކުރިން ހަދާފައިވާ ދިރާސަތަކުން ފެންނަ ގޮތުގައި ދީނާއި، ދުޅަހެޔޮކަމާއި، ވަޒީފާއާއި ޢާއިލާ ފަދަ ކަންކަމަކީ އުފާވެރިކަމުގައި މުހިއްމު ކަންކަމެވެ.

މި ދިރާސާއިން ސިޔާސަތު އެކުލަވައިލާ މީހުންނަށް މުހިއްމު ދެ ފިލާވަޅެއް ލިބޭ ކަމަށް "ދަ އިކޮނޮމިސްޓު" ނޫހުގައި ފާހަގަކޮށްފައިވެއެވެ. އެއީ ފަޤީރުންގެ އާމްދަނީއަށް ލިބޭ ކުރިއެރުމަކީ އެ މީހުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވަނިވި ސަބަބެއް ކަމެވެ. ދެވަނަ ކަމަކީ، އިޤުތިޞާދީ ތަރައްޤީއަކީ އެހެން ކަންކަމަށް ހުރަހަކަށްނުވާނަމަ، އިޖުތިމާޢީ ހަމަޖެހުމާއި އުފާވެރިކަމަށް މުހިއްމު ކަމެއް ކަމެވެ.

މި ލިއުމާއި ގުޅޭ