Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮލަރުގެ އަގު

އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނަގަނީ؟

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ރައީސް ނަޝީދު.
ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު ރަސްމީ ރޭޓު ކަމުގައިވާ 15.42 ގައި ހިފެހެއްޓުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
މިކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙްއެވެ. އޭގެ ފަހުން ހުކުރު ދުވަހުގެ ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ އެވާހަކަ ތަކުރާރު ކުރައްވާފައެވެ. އަމީރު ވިދާޅުވީ ގޮތުގައި ކޮންމެ މީހަކަށްވެސް 15.42 ރުފިޔާގެ ރޭޓުން ޑޮލަރު ލިބޭނެ ފަދަ ސިޔާސަތެއް ސަރުކާރުން ވަރަށް އަވަހަށް ތަންފީޒު ކުރާނެ ކަމަށާއި، އެކަމާއި ބެހޭ ތަފްސީލު ފަހުން އާއްމު ކުރާނެ ކަމަށެވެ.
އިތުބާރު ހުރި މަސްދަރަކުން "ދިޔަރަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ތަންފީޒު ކުރަން އުޅެނީ މައިގަނޑު ދެ ސިޔާސަތެކެވެ. އެއީ އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު، ދިވެހި ރުފިޔާއަށް ބަދަލުކުރަން މަޖުބޫރު ކުރުވުމާއި، އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ވަކި މުއްދަތެއް ވަންދެން ނުނެގޭ ގޮތަށް ހެދުމެވެ.

އަމާޒަކީ ޑިޑޮލަރައިޒްކުރުން

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދަކީ ޒަމާނުއްސުރެ ވަރަށް ބޮޑަށް ޑޮލަަރައިޒް ވެފައިވާ އިޤްތިސާދެއްކަމަށެވެ. އަދި އިޤްތިސާދު މިހާރު ހުރި ވަރަށް ޑޮލަރައިޒްވެފައި އޮތުމުން ގޮންޖެހުންތަކެއް ހުރިކަމަށާއި، އެކަން ބަދަލުކުރަން، ކުރަން ޖެހޭ ކަންކަން ރާވާ، އެކަންކަން ކެބިނެޓަށް ހުށަހެޅުމުން މިހާރު ކެބިނެޓުގެ އެންޑޯޒްމެންޓްވެސް ލިބިފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެ ބަދަލުތަކާއިއެކު ޑޮލަރުގެ ރަސްމީ ރޭޓުގައި ކުރިއަށް އޮތްތަނުގައި ކޮންމެ މީހަކަށްވެސް ޑޮލަރު ލިބޭނެ ކަމުގެ ޔަޤީންކަން އަމީރު އެރުވިއެވެ.
"ކޮންމެ ބޭފުޅަކުވެސް ބޭނުންވާނީ 15.42 ރުފިޔާ ހިފައިގެން ޑޮލަރު ހޯދަން އެ ދާންޖެހޭ ތަނަކަށް ދިއުމުން އެއް ޑޮލަރު ލިބުން. އަޅުގަނޑުމެންގެ މި ހުރިހާ ޕްރޮސެސް ނިމުނީމަ، އަޅުގަނޑުމެން މިހާރު އެމްއެމްއޭ އާއެކުވެސް މަސައްކަތްތަކެއް އެބަ ކުރަން، ކެބިނެޓަށްވެސް އޭގެ ތަފްޞީލްތައް ހުށަހެޅި އެންޑޯޒްމަންޓްވެސް ލިބިފައި އޮތީ. އެކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުންވެސް މަސައްކަތްތަކެއް އެބަކުރޭ. އޭގެ (ގެންނަންއުޅޭ ބަދަލުގެ) ނަތީޖާއަކަށް ވާނީ ކޮންމެ ބޭފުޅަކުވެސް އޮފިޝަލް ރޭޓް ކަމުގައިވާ 15.42 ރުފިޔާ ހިފައިގެން ދިޔައީމަ އެއް ޑޮލަރު ލިބޭނެކަން ޔަޤީންވުން. " ޕީއެސްމްގެ ޕްރޮގްރާމުގައި ވާޙަކަ ދައްކަވަމުން އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރުގެ ވާހަކަތައް ބަލާއިރު ސަރުކާރުގެ އަމާޒަކީ އިޤްތިސާދު ޑިޑޮލަރައިޒްކުރުން ކަން ޔަޤީންވެއެވެ. އަމީރުވެސް ފާހަގަކުރެއްވި ފަދައިން ރާއްޖޭގެ އިޤްތިސާދަކީ ވަރަށް ބޮޑަށް ޑޮލަރައިޒްވެފައި އޮތް އިޤްތިސާދެކެވެ. އިޤްތިސާދު ޑޮލަރައިޒްވެފައި އޮތުމުގެ މާނައަކީ، އެ ޤައުމެއްގެ ފައިސާ އާއި އެކީގައި ގިނަ މުއާމަލާތްތަކެއްގައި ބޭރު ފައިސާއެއް ބޭނުންކުރުން ނުވަތަ އެ ޤައުމެއްގެ ފައިސާގެ ބަދަލުގައި ބޭރު ފައިސާއެއް ބޭނުންކުރުމެވެ. އަދި އެ ޤައުމެއްގައި އުޅޭ މީހުންގެ އަތުގައި ބޮޑެތި އަދަދުތަކުން ބޭރު ފައިސާގެ ރައުސުލްމާލު ހުރުމެވެ. ޤައުމެއްގެ އަމިއްލަ ފައިސާ އެއްކޮށް ދޫކޮށްލައި ބޭރު ފައިސާ ހުރިހާ މުއާމަލާތްތަކެއްގައި ބޭނުން ކުރަން ފަށައިފިނަމަ އިޤްތިސާދުވަނީ އެއްކޮށް ޑޮލަރައިޒްވެފައޭ ބުނެވިދާނެއެވެ.
މިހާރު އަޅުގަނޑު ދެކޭ ގޮތުގައި އެކަމަށް އެބަހުރި ގޮންޖެހުންތަކެއް މިވަރަށް އިޤްތިޞާދު ޑޮލަރައިޒްޑް ވެފައި އޮތީމަ. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ގެންނަންއުޅޭ ބަދަލުގެ އިތުރު ތަފްޞީލްތައް ހާމަކޮށް، ސްޓޭކްހޯލްޑަރ ބައްދަލުވުންތަކެއްވެސް ބާއްވަން އެބަހުރި ރޭވިފައި. އެއާއެކު ޒަމާނުއްސުރެ އޮތް ޑޮލަރުގެ ދަތިކަން އެއްކޮށް ނައްތާލާ ހައްލެއް ހޯދޭނެ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ދިވެހިރާއްޖެއަށް ބަލާއިރު ބޮޑެތި މާލީ މުއާމަލާތްތައް ޑޮލަރުން ހިންގާއިރު، ގިނަ އަދަދެއްގެ އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން މާލީ ރައުސުލްމާލު ވެސް ޑޮލަރުން ގެންގުޅެއެވެ. މިއީވެސް ޑޮލަރައިޒްވެފައި އޮންނަ އިޤްތިސާދެއްގެ ސިފަތަކެވެ.

ރާއްޖޭގެ އިގްތިސާދު ޑޮލަރައިޒްވީ ކީއްވެ؟

ޑޮލަރައިޒޭޝަން އިގްތިސާދެއްގައި މެދުވެރިވަނީ އެގައުމެއްގެ ފައިސާޔާމެދު އޮންނަ އިތުބާރު ގެއްލި އެފައިސާގެ އަގު ބަދަލުވަމުންދާތީއެވެ. ބޭރުފައިސައިން އެމީހުންގެ ސޭވިންގްތައް ބަހައްޓާ އަދި ވިޔަފަރީގައި ޑޮލަރުން އަގުކިޔާ ހަދަނީވެސް އެހެންވެއެވެ. ފިނޭންސް މިނިސްޓަރު އަމީރު ދިވެހިންގެ މިނިވަން މާލީ ނުވަތަ މަނިޓަރީ ސިޔާސަތެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއިރު ދިވެހިރާއްޖޭގައި ފިސްކަލް ޕޮލިސީ ސަރުކާރުން ގެންގުޅެނީ އެއްވެސް ހަމަތަކެއް ބަލައިގެންނެއް ނޫނެވެ. މާނައަކީ އެތައް އަހަރަކު ޑެފިސިޓް ދަރަނި ބަޖެޓްތަކެއް ތަންފީޒުކޮށް ލިބޭ އާމްދަނީ އަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ޙަރަދުކޮށް، ލިބޭ ޑޮލަރު އާމްދަނީ އަށް ވުރެ އެތައް ގުނައެއް އިތުރަށް ރުފިޔާ އިގްތިސާދައް ދައުރުކުރަން ނެރެފައި، ރަސްމީ ރޭޓުގައި ޑޮލަރު މާރު ކުރަން ބުންޏަށް ޑޮލަރު ގެންގުޅޭ ފަރާތްތައް އެ އަގުގައި އެކަން ނުކުރާނެއެވެ. އެހެންވެ ދިވެހި އިގްތިސާދު ޑޮލަރައިޒްވީ ސަރުކާރުތަކުން ގެންގުޅުއްވާ ފިސްކަލް ސިޔާސަތު ތަކުގެ ސަބަބުންނެވެ. އެކަން ހައްލުވާނީ ވެސް ފުރަތަމަ ދައުލަތުގެ ދަރަނިތައް މެނޭޖްކޮށް އިތުރައް ރުފިޔާ ސަރކިއުލޭޝަން އަށް ނުނެރި ބޭރު ފައިސާއިން ލިބޭ އާމްދަނީ މަތިކޮށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންތައް ގެނެސްގެންނެވެ. މިދިޔަ ދެއަހަރު ދިވެހިރާއްޖެއަށް އަލަށް އައި ފާހަގަ ކޮށްލެވޭވަރުގެ ފޮރިން އިންވެސްޓްމެންޓެއް ނެތެވެ.

ކުއްލިއަކަށް ޑިޑޮލަރައިޒްކުރަން މިއުޅެނީ ކީއްވެ؟

އެމްއެމްއޭގެ ތަފާސްހިސާބު އާންމުކުރާ "ވިޔަ" އެޕްލިކޭޝަންގައި ވާގޮތުން ރާއްޖޭގެ ޑޮލަރައިޒޭޝަން ހުރީ 2020 ޑިސެމްބަރު މަސް ނިމުނު އިރު %45 ގައެވެ. މިއީ 2019 އިގެ މާރޗް މަހު ހުރި %55 އާއި ބަލާފަ %10 ދަށް އަދަދެކެވެ. އެހެންވެ ޑޮލަރައިޒޭޝަން ދަށަށް ގޮސްފައިވާ ވަގުތެއްގައި ކުއްލިއަކަށް ޑިޑޮލަރައިޒްކުރަން މިއުޅެނީ ކީއްވެކަމާއި މެދު ސުވާލު އުފެދެއެވެ.
ސަރުކާރުން މިހާ އަވަސް އަރުވާލައިގެން ޑިޑޮލަރައިޒް ކުރަން އުޅޭ އެންމެ ބޮޑު ސަބަބަކީ އިޤްތިސާދުގައި މިހާރު ދައުރުވަމުންދާ އެކްސެސް ދިވެހި ފައިސާއެވެ. ކޮވިޑު-19 އާއި ގުޅިގެން ދައުލަތަށް އާމްދަނީ ލިބުން ވަރަށް ބޮޑަށް ދަށްވިއެވެ. ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ސަރުކާރުން ހިޔާރު ކުރީ ފައިސާ ޖަހާށެވެ. މިގޮތުން ޤާނޫނުތަކަށް ބަދަލުގެނެސް 4.2 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން އިޤްތިސާދަށް ނެރުނެވެ. މިފައިސާ ސަރުކާރުން ހޭދަކުރީ ރިކަރަންޓް ހަރަދުތައް ކުރުމުށެވެ. އޭގެ ސަބަބުން މިހާރު އިޤްތިސާދުގައި ޑޮލަރާއި އަޅާ ބަލާއިރު ރުފިޔާގެ ބޮޑު އިމްބެލެންސެއް އެބަހުއްޓެވެ. މިނިސްޓަރު އަމީރު އެދުވަސްވަރު އެކަމާއި ގުޅޭގޮތުން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، އިތުރަށް އިޤްތިސާދަށް ނެރޭ ފައިސާ މޮޕް އަޕް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ބޭރު ފައިސާ އިން ލިބޭ އާމްދަނީ އިތުރުވެގެންނެވެ. ބޭރު ފައިސާ އިން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާއިރު ބޭރުގެ ފަރާތްތަކުންވެސް ބޮޑެތި ލޯނުތައް ނަގާ، ބޭރުން ދޭ ލޯނާއި، ހިލޭ އެހީވެސް އޭގެ އެންމެ މަތީ ފަންގި ފިލާގައި މިވަނީ ޖެހިފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނީ 140 މިލިއަނެއްހާ ޑޮލަރު ބޭރުގެ ފަރާތްތަކަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭއިރު، ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 173 މިލިއަން ޑޮލަރެވެ. އެހެން ކަމުން ސަރުކާރުން މިހާރު މި އުޅެނީ އަތް ނުލެވޭ ރިޒާވުގައި ހުރި އެކި ފަރާތްތަކުގެ 811 މިލިއަން ޑޮލަރު ބޭނުން ކުރެވޭ ގޮތަށް ހެދުމަށެވެ. މިފިޔަވަޅުތަކަކީ ގާނޫނާއިގަވައިދުތަކުން އަމިއްލަފަރާތްތަކާ ކުންފުނިތައް މަޖުބޫރުކޮށްފައި އެމްއެމްއޭ މެދުވެރިކޮށް ރުފިޔާ ޗާޕުކޮށްފަވެސް 15.42 ރުފިޔާގެ ރޭޓުންދީފައި ހުރިހާ ޑޮލަރެއް ދައުލަތަށްނަގާ ދައުލަތުގެބޭނުންތަކަށް އެޑޮލަރުބޭނުންކުރަން އަޅާފިޔަވަޅުތަކެއް ކަމަށް ލަފާކުރެވެއެވެ.
ރާއްޖޭގެ ޑޮލަރައިޒޭޝަނާއި ބެހޭގޮތުން އެންމެ ފުރިހަމަ ދިރާސާއެއް މިހާތަނަށް ކުރައްވައި "ޑޮލަރައިޒޭޝަން އިންމޯލްޑިވްސް"ގެ ނަމުގައި ރިސާޗް އެންޑް ޕޮލިސީ ނޯޓް އެއްގޮތުގައި އެމްއެމްއޭގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވަނީ އިކޮނޮމިކްސް އިން ޕީއެޗްޑީ ހާސިލްކޮށްގެން ހުންނެވި ކުރީގެ އެމްއެމްއޭގެ ގަވަރުނަރ ޑރ އަޒިމާ އާދަމްއެވެ. މިދިރާސާއަކުވެސް މިފަދަ ހަރުކަށި ފިޔަވަޅުއަޅަންޖެހޭ ވާހަކައެއްނެތެވެ. ނަމަވެސް އިގްތިސާދު މެނޭޖް ނުކުރެވިއްޖިއްޔާ މިހާލަތައް އަންނާނެ ކަމަށް ވަރަށް ސާފުކޮށް ދިރާސާގެ އަލީގައި ލިޔުއްވާފައި އެބައޮތެވެ.

ޑިޑޮލަރައިޒް ކުރަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ އިޤްތިސާދުގައި ޑޮލަރަށް އޮންނަ ޑިމާންޑު ނުހަނު ބޮޑެވެ. މިނިސްޓަރު އަމީރު ވިދާޅުވި ގޮތަށް ޑޮލަރުގެ ރަސްމީ ރޭޓުގައި ކޮންމެ މީހަކަށްވެސް ޑޮލަރު ލިބޭނީ އިޤްތިސާދު ޑިޑޮލަރައިޒްކޮށްގެންނެވެ. އިޤްތިސާދު ޑިޑޮލަރައިޒް ކުރުމަށް ޤައުމުތަކުން މާލީ ގިނަ ސިޔާސަތުތައް ގެންގުޅެއެވެ. އޭގެ ތެރެއިން ބައެއް ސިޔާސަތުތަކަކީ މާކެޓު މެދުވެރިކޮށް ހައްލު ހޯދުމެވެ. އިނގިރޭސިން ބުނާނަމަ "މާކެޓް ބޭސްޑް ޑިޑޮލަރައިޒޭޝަން" އެވެ. ދެން ޑިޑޮލަރައިޒް ކުރާ އަނެއްގޮތަކީ މަޖުބޫރުން (ފޯސްޑް ޑޮލަރައިޒޭޝަން) އެކަން ކުރުވުމެވެ. "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ޤާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، މަޖުބޫރުން ޑިޑޮލަރައިޒްކުރުމެވެ.

މާކެޓު މެދުވެރިކޮށް ހޯދާ ހައްލު

މާކެޓު މެދުވެރިކޮށް ޑިޑޮލަރައިޒް ކުރުމަށް ޤައުމުތަކުން ގިނަ ސިޔާސަތުތައް ގެންގުޅެއެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި ޑިޑޮލަރައިޒް ކުރެވޭނީ މާކެޓު މެދުވެރިކޮށް ހޯދާ ހައްލުތަކުން ކަމުގައި އިޤްތިސާދީ މާހިރުން ދެކެއެވެ. މިގޮތުން މާކެޓު މެދުވެރިކޮށް ހައްލު ހޯދަން އެންމެ އާންމުކޮށް ކުރާ އެއްކަމަކީ، ފައިސާގެ ރަސްމީ ރޭޓު ހިފަހައްޓާފައި ބެހެއްޓުމުގެ ބަދަލުގައި ފައިސާގެ އަގު ފްލޯޓުކޮށްލުމެވެ. އެގޮތަށް ފްލޯޓުކޮށްލުމުން އަތުގައި ބޭރު ފައިސާ ބަހައްޓަން ބޭނުންވާ މީހުން މަދުވާނެއެވެ. ރާއްޖެއަށް ބަލާއިރު ވަރަށް ގިނަ މީހުން އަތުގައި ބޮޑެތި އަދަދުތަކުން ޑޮލަރު ރައްކާކޮށްފައި ބަހައްޓައެވެ. ޑޮލަރަކަށް ޖެހޭ ދިވެހި ރުފިޔާ ހުންނަނީ މިހާރު ވަކިވަރެއްގައި ހިފެހެއްޓިފައިކަމުން އަތުގައި ޑޮލަރު ބަހައްޓަން ބޭނުންވާ މީހުން ގިނަވެއެވެ. ފައިސާގެ އަގު ފްލޯޓުކޮށްލައިފިނަމަ އެގޮތަށް އަތުގައި ޑޮލަރު ބެހެއްޓުން ވާނީ ރިސްކަކަށެވެ. ސަބަބަކީ ޑޮލަރުގެ އަގު ވެއްޓުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިނިސްޓަރު އަމީރުގެ ވާހަކަތަކަށް ބަލާއިރު ސަރުކާރުގެ އަމާޒު ހުރީ ޑޮލަރުގެ ރަސްމީ ރޭޓްކަމުގައިވާ 15.42 އަށް ކޮންމެ މީހަކަށްވެސް ޑޮލަރު ލިބޭގޮތަށް ހެދުމަށެވެ. އެހެން ކަމުން ޑިޑޮލަރައިޒްކުރަން މި ސިޔާސަތު ސަރުކާރުން ބޭނުން ކުރުމަކީ ދުރުކަމެކެވެ.
ޑިޑޮލަރައިޒްކުރަން ދެން ގެންގުޅޭ އެއް ސިޔާސަތަކީ ސަރުކާރުގެ ޑެފިސިޓާއި ދަރަނި ކުޑަކުރުމެވެ. އޭގެ ބޭނުމަކީ ސަރުކާރުން ބޭރު ފައިސާ އިން ދަރަނީގެ ގޮތުގައި ނަގަންޖެހޭ މިންވަރު މަދުކުރުމެވެ. އަދި ސަރުކާރުގެ ދަރަނި ފޫބެއްދުމަށް މަރުކަޒީ ބޭންކުން ފައިސާ ނެގުންވެސް މަދުކުރަންޖެހެއެވެ. ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކަށް ބަލާއިރު މިއީވެސް ކުރެވޭނެ ކަމެއް ނޫނެވެ. ސަރުކާރު ހިންގަންވެސް ބޭރު ފަރާތްތަކުން ބޮޑެތި ލޯނުތައް ނަގާފައިވާއިރު މަރުކަޒީ ބޭންކުންވެސް ގިނަ އަދަދަކަށް ފައިސާ ނަގާފައިވެއެވެ. މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމު ކުރި ހިސާބުތަކުން ދައްކާގޮތުގައިވެސް ސަރުކާރުން ވަނީ މަރުކަޒީ ބޭންކުން 3.2 ބިލިއަން ރުފިޔާ ނަގާފައެވެ.
ސަރުކާރުގެ މާލީ މުއާމަލާތްތައް އެ ޤައުމުގެ ފައިސާއިން ހިންގުމަކީވެސް ޑިޑޮލަރައިޒްކުރުމަށް މުހިންމު ސިޔާސަތެކެވެ. ރާއްޖެއަށް ބަލާއިރު މިހާރުވެސް ސަރުކާރުގެ ހުރިހާ މުއާމަލާތްތައް ހިންގަނީ ދިވެހި ފައިސާއިންނެވެ. އެހެން ނަމަވެސް ބައެއް ޓެކްސްތަކާއި ފީތައް ސަރުކާރަށް ބަލައިގަންނަނީ ޑޮލަރުންނެވެ. ޑިޑޮލަރައިޒްކުރުމުގެ ގޮތުން، މި ސިޔާސަތައް ބަދަލު ގެންނާނެ ކަމަށް ނުބެލެވެއެވެ. ސަބަބަކީ ޑޮލަރުން ޓެކްސް ނެގުން ހުއްޓާލައިފިނަމަ ސަރުކާރަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީ އެއްކޮށްހެން ހުއްޓޭނެތީއެވެ.
ޑިޑޮލަރައިޒްކުރަން އަދިވެސް ވަރަށް ގިނަ ސިޔާސަތުތައް ހުންނަ އިރު މީގެ ތެރެއިން ގިނަ ކަންކަމަކީ މިހާރުވެސް ރާއްޖޭގައި ކުރާ ކަންކަން ނޫނީ ހުރި ސިޔާސަތުތަކެވެ. މިސާލަކަށް، މާލީ މުއާމަލާތްތަކުގައި ބޭރު ފައިސާ ބޭނުންކުރުމުން ވަކި އިތުރު މަންފާއެއް ނުލިބޭ ގޮތަށް އޮތުމަކީ މިފަދަ ސިޔާސަތެކެވެ. ރާއްޖެއަށް ބަލާއިރު އާންމު މުއާމަލާތްތަކުގައި ބޭރު ފައިސާ ބޭނުންކޮށްގެން ވަކި އިތުރު މަންފާއެއް ނުލިބެއެވެ. ޕީއޯއެސް މެޝިންތަކުން ހިންގޭ މުއާމަލާތްތަކުގައިވެސް އާންމު ގޮތެއްގައި ބޭނުން ކުރަނީ ދިވެހި ފައިސާއެވެ. މީގެ އިތުރުން އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައިވެސް ޑޮލަރުން ފައިސާ ދެއްކުމާއި ދިވެހި ރުފިޔާއިން އެފަދަ މުއާމަލާތްތައް ކުރުމުގައި މާބޮޑު ފަރަގެއް ނުހުރެއެވެ.

މަޖުބޫރުން ޑިޑޮލަރައިޒްކުރުން

މާކެޓު މެދުވެރިކޮށް ހައްލެއް ނުހޯދިއްޖެނަމަ އާންމުގޮތެއްގައި ދެން ސަރުކާރަށް ޖެހޭނީ މަޖުބޫރުން ޑިޑޮލަރައިޒްކުރާށެވެ. މަޖުބޫރުން ޑިޑޮލަރައިޒް ކުރުމަކީ ދުނިޔޭގެ މާލީ އިދާރާތަކުން އެހާބޮޑަށް ތަރުހީބު ދޭކަމެއް ނޫނެވެ. އެހެން ނަމަވެސް މާކެޓު މެދުވެރިކޮށް ހައްލެއް ނުހޯދިއްޖެނަމަ، ސަރުކާރުން ސީދާ ފިޔަވަޅުތަކެއް އަޅައިގެން ޑިޑޮލަރައިޒް ކުރުމަކީ ބައެއް ޤައުމުތަކުގައި އިޤްތިޞާދީ ނާޒުކު ހާލަތްތަކުގައި ކުރާކަމެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ މިދެންނެވި ގޮތަށް މަޖުބޫރުން ޑިޑޮލަރައިޒްކުރުމެވެ. އެކަން ކުރުމަށް ސަރުކާރުން ގެންގުޅޭނެ އެއް ސިޔާސަތަކީ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކުގައި ހުރި ބޭރު ފައިސާ ދިވެހި ފައިސާއަށް ބަދަލުކުރަން މަޖުބޫރު ކުރުވުމެވެ. މިގޮތުން ޑޮލަރު އެކައުންޓުތައް ހުންނަ ފަރާތްތައް އެކި ގިންތިތަކަށް ބަހާލައި، އެކައުންޓުގައި ޑޮލަރު ހުންނަ މިންވަރަށް ބަލައި އޭގެއިން ވަކި ވަރެއް ދިވެހި ފައިސާއަށް ބަދަލުކުރަން ޖެހޭ ފަދަ ޤަވާއިދުތަކެއް ވުޖޫދަށް ގެނައުމަށް ސަރުކާރުން ދަނީ ރާވަމުން ކަމަށް މައުލޫމާތު ލިބެއެވެ.
މަޝްވަރާ ކުރެވެމުންދަނީ ޑޮލަރު އެކައުންޓުތައް ގެންގުޅޭ ފަރާތްތައް އެކި ގިންތިތަކަށް ބަހާލަން. އެގޮތުން ޑޮލަރު އެކައުންޓުގައި ޑޮލަރު ހުންނަ ފަރާތްތަކުގެ އެކައުންޓުން ވަކި އިންސައްތައެއް ދިވެހި ފައިސާއަށް ބަދަލުކުރަން ޖެހޭ ގޮތަށް ޤަވާއިދު ހަދާނީ. އޭގެ ސަބަބުން މަރުކަޒީ ބޭންކުގެ ކޮންޓްރޯލްގައި ހުންނަ ޑޮލަރުގެ އަދަދު އިތުރުވާނެ
ސަރުކާރުގެ އޮފިޝަލެއް
"ދިޔަރެސް" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުން ރާވަނީ 4 ނުވަތަ 5 ގިންތި އަކަށް އެކައުންޓުތައް އެގޮތަށް ބަހާލުމަށް ކަމަށާއި މިގޮތުން 1000 ޑޮލަރަށްވުރެ މަދުން ފައިސާ ހުރި އެކައުންޓުތަކާއި، 1000 ޑޮލަރާއި 10000 ޑޮލަރުގެ އެކައުންޓުތަކާއި، 10،000 ޑޮލަރާއި އެއްލައްކަ ޑޮލަރު އަދި އެއްލައްކަ އާއި އެއް މިލިއަން ޑޮލަރުގެ މިންވަރަށް ޑޮލަރުހުރި އެކައުންޓުތައް ހިމެނޭކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބްލެސިން ނުލިބި މިކަމެއް ނުވާނެ. ސަރުކާރުން މީގެ ފައިނަލް ޑިޒިޝަނެއް ނަގާނީ އެ ބޭފުޅުން އަދި އިތުރު ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު." އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދެން ސަރުކާރުން ތަންފީޒު ކުރަން ބޭނުންވާ ދެވަނަ ސިޔާސަތަކީ ޑޮލަރު އެކައުންޓުތަކުގައި ހުންނަ ފައިސާ ވަކި މުއްދަތެއް ވަންދެން ނުނެގޭ ގޮތަށް ހެދުމެވެ. މިއީވެސް ޑިޑޮލަރައިޒްކުރަން އެހެން ޤައުމުތަކުގައިވެސް ގެންގުޅޭ ސިޔާސަތެކެވެ. މިގޮތުން އެކައުންޓުގައި ހުންނަ ބޭރު ފައިސާ 1 އަހަރު ނޫނީ 2 އަހަރު ވަންދެން ނުނެގޭ ގޮތަށް ހަދައިފިނަމަ އެގޮތަށް ބޭންކުގައި ޑޮލަރު ރައްކާ ކުރާމިންވަރު ވެސް މަދުވެ ދިވެހި ފައިސާއަށް އެ ބަދަލުކުރާ މިންވަރު އިތުރުވާނެއެވެ. އަދި އެގޮތަށް ނުނަގައި ހިފަހައްޓާފައި ހުންނަ ޑޮލަރު، މާކެޓު އިންޓަވެންޝަން އަށް ބޭނުން ކުރަން މަރުކަޒީ ބޭންކަށް ލިބޭނެއެވެ.
ޑިޑޮލަރައިޒް ކުރުމުގައި ޤައުމުތަކުން ތަންފީޒުކުރާ އަނެއް ސިޔާސަތަކީ ޤައުމުގައި ލިބެން ހުންނަ ހިދުމަތްތަކާއި، ގަނެ ވިއްކާ މުދަލުގެ އަގު އެ ޤައުމުގެ ފައިސާ އިން ލިސްޓުކުރުމެވެ. ރާއްޖެއަށް މިހާރު ބަލާއިރު، ރިސޯޓުތަކާއި އެ ނޫނަސް ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި އަގު ޖަހާފައި ހުންނަނީ ޑޮލަރުންނެވެ. އަދި އެ މުއާމަލާތްތަކަށް އަގު އަދާކުރަނީ ވެސް ޑޮލަރުންނެވެ. އޭގެ ބަދަލުގައި ދިވެހި ރުފިޔާ އިން އަގު ޖަހަން ޖެހޭގޮތަށް ސަރުކާރުން ޤަވާއިދުތަކަށް ބަދަލު ގެންނަންވެސް ވަނީ ނިންމާފައެވެ. މިގޮތުން ދިވެހި ރުފިޔާއަށް ހާއްސަ ނިޝާނެއް ހެދުމުގެ މަސައްކަތް އެމްއެމްއޭއިން ދާދި ފަހުން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، ޑޮލަރުން ލޯނު ދޫކުރުމާއި ނެގުމުގައި މިހާރަށްވުރެ ހަރުކަށި އުސޫލުތައް ހެދުމާއި، ޑޮަލަރު އެކައުންޓުގައި ބަހައްޓައިގެން އިންޓަރެސްޓުގެ ގޮތުގައި ލިބޭ އާމްދަނީ ލިމިޓު ކުރުމަކީވެސް ޑިޑޮލަރައިޒްކުރުމުގައި އެހީތެރިވެދޭ ކަންކަމެވެ. މިކަންކަމާއި މެދުވެސް ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންދާ ކަމުގެ މައުލޫމާތުލިބެއެވެ.
ސަރުކާރުގެ މި ސިޔާސަތުތަކާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން، މި ރިޕޯޓު ޝާއިއު ކުރުމާއި ހަމައަށް ޖަވާބު ދެއްވާފައިނުވެއެވެ.

އެމްޑީޕީއަށް އާ ކަމެއް ނޫން

ޑިޑޮލަރައިޒް ކުރުމުގެ ވިސްނުމަކީ ވެރިކަންކުރާ އެމްޑީޕީއިން ކުރިންވެސް ގެންގުޅުނު ސިޔާސަތެކެވެ. މިގޮތުން 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ޑިޑޮލަރައިޒްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ރުފިޔާގެ އަގު ކޮންމެވެސް ވަރަކަށް ފްލޯޓުކޮށްލެވުނެވެ. އަދި ރާއްޖޭގައި ކުރާ ހުރިހާ މުއާމަލަތެއް ދިވެހި ރުފިޔާއިން ކުރަން ސަރުކާރުން އެންގިއެވެ.
މީގެ އިތުރުން އޭރުވެސް ޑޮލަރު އެކައުންޓުތަކުގައި ހުރި ފައިސާ ވަކި މުއްދަތެއް ވަންދެން ހިފެހެއްޓުމަށާއި ވަކިވަރަކަށް ވުރެ ގިނައިން ޑޮލަރު ހުރި އެކައުންޓުތަކުގައި ހުރި ފައިސާ ދިވެހި ފައިސާއަށް ބަދަލުކުރަން މަޖުބޫރުކުރަން ސަރުކާރުން މަސައްކަތްކުރިއެވެ. ނަމަވެސް ވިޔަފާރިވެރިންގެ ޕްރެޝަރާއި ހެދި އޭރު އެކަން ނުވީއެވެ. އަދި އޭރު ސަރުކާރުގެ އަގުލަބިއްޔަތު މަޖިލީހުގައި ނެތުމަކީވެސް އެކަން ކުރަން ދިމާވި އެއް ހުރަހެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް ވަނީ ރައްޔިތުންގެ އަތުގައި ހުރި ޑޮލަރު ސަރުކާރަށް ދޭންވެސް ގޮވާލާފައެވެ. އަދި ދާދި ފަހުން ސަރުކާރުން ވަނީ އެމްއެމްއޭގެ ޤާނޫނަށްވެސް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެ އިސްލާހުތަކުގެ ބޭނުމަކީވެސް ޑިޑޮލަރައިޒްކުރުމަށް ތަންފީޒުކުރަން ޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު އެމްއެމްއޭ އަށް ދިނުން ކަމަށް ބެލެވެއެވެ.

ބޮޑު ރިސްކެއް

އާންމުގޮތެއްގައި ޤައުމުތަކުން ޑިޑޮލަރައިޒްކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ސިޔާސަތުތަކަކާއި އެކުގައެވެ. އޭގެ މާނައަކީ ކުރު މުއްދަތެއްގެ ތެރޭގައި ޑިޑޮލަރައިޒް ކުރުމުގެ ބަދަލުގައި ކުރިއަށް ރާވައިގެން ތަންފީޒު ކުރާ ހަރުދަނާ ސިޔާސަތުތަކަކުން އެކަން ކުރުމެވެ. އެއީ 1 އަހަރު ނޫނީ 2 އަހަރުން ކުރެވޭނެ ކަމެއް ނޫނެވެ.
މަޖުބޫރުން ޑިޑޮލަރައިޒް ކުރުވުމަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެ ކަމެކެވެ. އަދި ޖުމްލަކޮށް ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކާއި މެދު ކުރެވޭ އިތުބާރުވެސް ކުޑަވެގެން ދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ބޭންކު އެކައުންޓުތަކުގައި ބޮޑެތި އަދަދު ތަކުން ޑޮލަރު ގެންގުޅޭ ފަރާތްތައް، އެމީހުންގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދާނެއެވެ. އަދި ޑޮލަރުން ލިބޭ އާމްދަނީ ބޭންކަށް ޖަމާކުރުމުގެ ބަދަލުގައި ނަގުދު ފައިސާއިން އާމްދަނީ ރައްކާކުރަން ފަށާނެއެވެ.
"ބައެއް ވިޔަފާރިވެރިން އެބަހުރި އިނގޭތޯ 50-60 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި ބަހައްޓާފަ. މިފަދަ ސިޔާސަތުތަތަކެއް ތަންފީޒުކުރަން އުޅެފިނަމަ، އެ ހުރިހާ ފައިސާ އެއް އެމީހުން މިތަނުން ގެންދާނެ. އޭގެ ގެއްލުން ބޭންކުތަކަށް އަދި ޖުމްލަކޮށް މުޅި އިޤްތިސާދަށް ކުރާނެ" ދިޔަރެސް އަށް މައުލޫމާތު ދެއްވީ އިޤްތިސާދީ މާހިރަކު ވިދާޅުވިއެވެ.
1980 ގައި ހަމަ މިގޮތަށް ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ޕެރޫގެ ސަރުކާރުން ގަދަބާރުން ޑިޑޮލަރައިޒް ކުރުމުން ވިޔަފާރިވެރިން ބޭރުފައިސާ ގައުމުން ބޭރު ކުރިއެވެ. އަދި ބޭރު ފައިސާ ގައުމަށް އައުން ދަށްވެ އިންފްލޭޝަން އެތައް ގުނައެއް މައްޗަށްދިޔައެވެ. އަދި ކުރީގައި އޮތްގޮތައް އިޔާދަކުރަން މަޖްބޫރުވިއެވެ. އެކަމަކު ޕެރޫގެ އިގްތިސާދީ ކުރިއެރުން އެތައްއަހަރެއް ފަހަތަށް ގޮސް ބޮޑެތި ގެއްލުންތަކެއްވިއެވެ.
މިސްރުގައިވެސް 1990 ވަނަ އަހަރު ގެނައި ޑިޑޮލަރައިޒޭޝަންގެ ނަތީޖާ ދިޔައީ ވަރަށް ހިތިކޮށެވެ. 1991 ވަނަ އަހަރުހުރި ގައުމުގެ ޖުމްލަ ޑިޕޮޒިޓް ތެރޭ ބޭރުފައިސާގެ ޑިޕޮޒިޓްތައް %56 އިން 1999 އައި އިރު %22 އަށްދަށްވެ އަދި 2004 އައިރު %18 އަށް ދަށްވިއެވެ.
ދިވެހިރާއްޖޭގައި ވެސް ދަތި އުނދަގޫ ދުވަސްތައް ސަރުކާރުތަކުން މީގެ ކުރިންވެސް ތަހައްމަލު ކުރިއެވެ. އެއީ އަދި މިހާރަށްވުރެ މާ މަދުން އާމްދަނީ ލިބުނު ދުވަސްވަރެވެ. ސުނާމީ އާއި، އަދި އޭގެ ކުރިން ހިނގި ގަލްފް ހަނގުރާމައަކީ މިފަދަ ދަތި ދުވަސްވަރެކެވެ. އޭރު ހަރަދު ކުޑަކުރަން މާލެއިން ކަރަންޓުވެސް ކެނޑިއެވެ. އެހެން ނަމަވެސް އަމިއްލަ ފަރާތްތަކުގެ ޑޮލަރު އެކައުންޓުތަކަކާއި ސަރުކާރުން ނުކުޅެއެވެ. އޭރުވެސް ރާއްޖެއަކީ ހުޅުވާލެވިފައިވާ މިނިވަން އިޤްތިސާދީ ސިޔާސަތުތަކެއް ދެމެހެއްޓި ޤައުމެކެވެ. އަދި މިހާތަނަށްވެސް ކަރަންޓް އެކައުންޓް ރެސްޓްރިކްޝަންތަކެއް ނެތް ހުޅުވާލެވިފައިވާ ޤައުމެކެވެ. ރާއްޖޭގެ އިޤްތިސާދު މިއަދާއި ހިސާބަށްވެސް ކުރިއަރާފައި މިވަތީ މިވަނީ މިފަދަ ހުޅުވާލެވިފައިވާ ސިޔާސަތުތަކުގެ ސަބަބުންނޭ ބުނެވިދާނެއެވެ. ނަމަވެސް ސަރުކާރުން މިހާރު ތަންފީޒުކުރަން ރާވަމުންދާ ޑިޑޮލަރައިޒޭޝަން ގެ ސިޔާސަތުތަކަކީ އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ގެއްލުންތައް އިޤްތިސާދަށްވެ، އަލުން ކުރިން އޮތްގޮތަށް ރުޖޫއަ ކުރަން ޖެހިދާނެ ސިޔާސަތުތަކެވެ.
"މިފަދަ ސިޔާސަތު ތަކަކީ މި މައްސަލައިގެ ހައްލެއް ނޫން. މިޒަމާނަކީ ގަދަކަމުން ފައިސާގެ މައްސަލަތައް ހައްލު ކުރެވޭވަރަށްވުރެ ފައިސާ ޑިޖިޓަލްވެ ކުރިއަރާފައިވާ ޒަމާނެއް" ދިޔަރެސް އަށް މައުލޫމާތު ދެއްވި އިޤްތިސާދީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ