Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިޔާސީ މަޤާމު

ސިޔާސީ މަޤާމުތަކުގައި ތިއްބަވައި އަވަދިނެތި ނޫސް ހިންގެވުމުގައި

މި ސަރުކާރު ވުޖޫދަށް އައުމާއެކު ސިޔާސީ ގިނަ މަޤާމުތަކެއް އުފެއްދިއިރު، އެއިން ވަރަށް ގިނަ މަޤާމުތަކަށް އައްޔަންކުރެއްވީ "މިނިވަން"، "މުސްތަޤިއްލު" އަދި ވަކި އަތަކަށް ނުޖެހޭ ނޫސްވެރިންނެވެ. އެންމެ ބޮޑު އަދި އެންމެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ، ސިޔާސީ ގޮތުން ވަކި އަތަކަށް ބުރަނުވާ ކަމަށް ދައުވާކުރާ ނޫހުގެ އިސްވެރިޔަކު ވަޑައިގަތީ ރައީސް އޮފީހަށެވެ. އެހެން ނޫސްވެރިން ވަޑައިގެންނެވީ އެކިއެކި ވުޒާރާތަކަށެވެ. ސިޔާސީ މަޤާމުތަކަށެވެ.
އެ ބޭފުޅުން އެ މަޤާމުތަކަށް ވަޑައިގަތީ އެއިރު މަސައްކަތްކުރެއްވި މީޑިޔާތައް ދޫކުރެއްވުމަށްފަހުގައެވެ. އެހެންނަމަވެސް ނޫސްވެރިކަމަށް އޮންނަ ޝައުޤެއްގެ ބޮޑުކަމުން ނުވަތަ ނޫހެއް އޮތުމުން ލިބޭ މަންފާއާއި ފައިދާގެ ބޮޑުކަމުން އެއިން ބައެއް ބޭފުޅުންނަށް ނޫސްވެރިކަމާ ދުރަށް ވަޑައިނުގެންނެވުނެވެ. އަމިއްލަ ނޫސްތައް އުފައްދަވައިގެން، ދައުލަތުން ރައްޔިތުންގެ ޓެކުސް ފައިސާއިން މުސާރަ ނަންގަވަމުން ނޫސްވެރިކަމުގައިވެސް އުޅުއްވަނީއެވެ.

ވަބާއީ ބަލިމަޑުކަމުގައި ފެއްޓެވީ ނޫހެއް

ޔޫތު މިނިސްޓްރީގައި މިނިސްޓަރުގެ ޕާސަނަލް ސެކްރެޓަރީ ނުވަތަ އެސިސްޓެންޓުގެ މަޤާމަށް ވަޑައިގެންނެވީ ރާއްޖެ ޓީވީގައި ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަޒުމޫން އަޙްމަދެވެ. މީގެ އަހަރުތަކެއް ކުރިން ހިންގަން ފަށާފައިވާ ޖަޒީރާ ނޫސް (ޖަޒީރާ.އެމްވީ) އަޒުމޫނާއި އިތުރު ބޭފުޅުންތަކެއް އެކުވެގެން ބައްލަވައިގަތެވެ. އެ ނޫހަށް ރާއްޖޭގެ ބޮޑެތި މީޑިޔާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ގެންދަވައިގެން، ނޫސް މުޅިން އައު ފޭރާމެއްގައި ނެރުއްވައި، ނޫސް ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވަނީ އަޒްމޫނެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ފެންނަ ގޮތުގައި ޖަޒީރާ އެމްވީގެ މައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނަވަނީ އަޒްމޫނެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅުން އޮންނަ، އެމަނިކުފާނު ކުރިއެރުވުމަށް އުފައްދާފައިވާ ނޫހެކެވެ. އެގޮތުން ނޫސް ހިންގާގޮތް ސީދާ ރައީސް ސޯލިހްގެ ބެލުމުގެ ދަށުން ވިލަރެސް ކުރައްވައެވެ. އެގޮތުން ރައީސް ސޯލިހްގެ ވިސްނުންފުޅަކީ އެހެން ނޫސްތަކަށް ބަރޯސާވާ ވަރު ކުޑަކޮށް ރާއްޖޭގެ ބޮޑެތި ނޫސްތަކާއި ވާދަކުރެވޭފަދަ ނޫހަކަށް ޖަޒީރާ ނޫސް ހެދުމެވެ. ރާއްޖޭގެ ބޮޑެތި ބައެއް ނޫސްތަކުގައި ކުރިން މަސައްކަތް ކުރި ނޫސްވެރިންވެސް ދަނީ ބޮޑު މުސާރައާއި އެކު މި ނޫހާއި ގުޅެމުންނެވެ. މީގެ ތެރޭގައިއަވަސް، ރާއްޖެއެމްވީ، އަވަސް އަދި އެ ނޫންވެސް ބައެއް ނޫސްތަކުގައި މަސައްކަތްކުރެއްވި ނޫސްވެރިން ވަނީ އެ ނޫހާއި ގުޅިފައެވެ. އަދި ވަރަށް އަވަހަށް ޖަޒީރާޓީވީގެ ނަމުގައި ސަރުކާރު ޕްރޮމޯޓު ކުރަން އާ ޓީވީ ޗެނަލްއެއްވެސް އުފައްދާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިހާރު ވެސް ޖަޒީރާ ނޫހުގެ މައި ކުންފުނިން ވަނީ ޖަޒީރާޓީވީގެ ނަމުގައި ވިޔަފާރި ނަމެއް ރެޖިސްޓްރީކޮށްފައިކަން ފާހަގަކުރެވެއެވެ.
ފެންނަ ފެނުމުގައި މުޅި ނޫސް ހިންގެވުމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް އުޅުއްވަނީވެސް އޭނާއެވެ. އެހެންކަމުން ސިޔާސީ މަޤާމެއްގައި ހުންނަވައިގެން އަޒްމޫނުގެ ގިނަ ވަގުތު ހޭދަކުރައްވަނީ ނޫހުގެ އެކި މަސައްކަތްތަކަށެވެ.

ސަރުކާރުގެ މޫނުމަތި ސާފުކުރާ ނޫސްތައް

ދެން ހުންނެވީ އެޓާނީޖެނެރަލް އޮފީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހުސެއިން ހަސަނެވެ. އޭނާވެސް މިހާރު ވަނީ ނޫހެއް ފައްޓަވައިފިއެވެ. ރާއްޖެޓީވީގައި މަސައްކަތްކުރެއްވި ހުސައިނަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި މުޒާހަރާއެއްގެ ތެރެއިން އަނިޔާ ލިބިވަޑައިގަތް ކަމަށް ވިދާޅުވެ ލަންކާއަށް ވަޑައިގެން ފަރުވާކުރެއްވުމުގެ ތެރެއިން އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން ހޯއްދެވި ބޭފުޅެކެވެ. އެއިރު ނޫސްވެރިކަމުގެ މިނިވަންކަން ހޯއްދެވުމުގެ ނަމުގައި ނޫސްވެރިން ހިންގެވި ހުރިހާ ހަރަކާތްތަކެއްގައި އިސްކޮށް އުޅުއްވި ބޭފުޅެއްވެސްމެއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ މަޤާމެއްގައި ހުންނަވައިގެން ޙަސަން ޙުސައިން ގެންދަވަނީ ހަތާވީސް އޮންލައިންގެ ނަމުގައި ނޫހެއް ހިންގަވަމުންނެވެ. އެ ނޫހުގެ އުމުރުން ހަގުކަމާއެކުވެސް ގިނަ ބައެއްގެ ސަމާލުކަން ނޫހުންވަނީ ހޯދާފައެވެ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ހިންގަވާ އެހެންވެސް ނޫހެކޭ އެއްފަދައިން ހަތާވީސް ފެންނަނީ ސިޔާސީ ގޮތުން މި ސަރުކާރަށް ތާއީދުކުރާ، ސަރުކާރުގެ މޫނުމަތި ސާފުކޮށް، ސަރުކާރާ ދެކޮޅު ފަރާތްކަށް ހަމަލާދޭ ނޫހެއްގެ ގޮތުގައެވެ. މީގެ އިތުރުން މަޤާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުވެސް ހުސެއިންގެ އެ ނޫހުން އުސޫލުތަކާއި ހިލާފަށް އާންމުކުރާކަން ވަނީ ފާހަގަވެފައެވެ.
މި ލިސްޓުގައި ތިންވަނަ ބޭފުޅަކީ އެކުވެރި ޢަރަބި އިމާރާތުގައި ދިވެހިރާއްޖޭގެ އެމްބަސީގައި ފަސްޓް ސެކްރެޓަރީއެއްގެ މަޤާމުގައި ހުންނަވާ މުހައްމަދު ފައިޞަލް ނަމަކަށް ކިޔާ ބޭފުޅެކެވެ. އޭނާއަކީ އިރުއެމްވީގެ ނަމުގައި ނޫހެއް ހިންގަވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެވެސް އަރިސް ބޭފުޅެކެވެ. އެ ނޫސް ފެންނަނީ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ޕްރޮމޯޓުކޮށް އެމަނިކުފާނަށް ފާޑުކިޔާ ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކުން ދަފަރާކޮށްދިނުމުގެ ހަރަކާތުގައި ވަރަށް ހަލުއި ނޫހެއްގެ ގޮތުގައެވެ.
ޔޫއޭއީގެ އެމްބަސީގައި މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުން މައުލޫމާތު ދެއްވި ގޮތުގައި މަޤާމުގެ މަސައްކަތްތަކަށްވުރެ ފައިސަލް ގިނަ ވަގުތު ހޭދަކުރައްވަނީ މި ނޫސް ހިންގެވުމުގައި އާއި ސޯޝަލް މީޑިއާގައި ސަރުކާރު ދިފާއު ކުރެއްވުމުގައެވެ. ފައިސަލް ނޫސް ހިންގެވުމުގެ މަސައްކަތުގައި ބައެއް އިދާރާތަކުގެ މީޑިއާ ގުރޫޕުތަކުގައިވެސް އަމިއްލަފުޅަށް ސުވާލުވެސް ކުރައްވާ ހައްދަވައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ހަދާފައި އޮންނަ ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލުގެ ދަށުން ރަސްމީ ވަގުތުތަކުގައި އަމިއްލަ މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އެހެން ނަމަވެސް އެކަމަށް ބެއްލެވުމެއް ނެތި ފައިސަލް ނޫސް ހިންގެވުމުގައި ގިނަ ވަގުތު ހޭދަކުރައްވައެވެ.

މިނިވަން ނޫސްވެރިކަމާއި މަސްލަހަތު ފުށުއެރުން

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނޫސްތައް ހައްދަވައިގެން އުޅުއްވުމަކީ އެކަމުގައި މަޞްލަޙަތު ފުށުއަރާ ކަންކަން އެކުލެވޭ ކަމެކެވެ. ސަރުކާރުގެ ތެދު ޚަބަރުތައް ގެނެސްދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. ދައުލަތް ޖަވާބުދާރީކުރުވުމުގައި، ދައުލަތުގެ ރަސްމީ އިދާރާތަކާއި މުއައްސަސީ އިންތިޒާމުތައް ފެއިލުވެ، ނުކުޅެދުންތެރިވާ ޙާލަތުގައި އެކަންކުރުމުގެ މުޅި ޒިންމާ މަތިވަނީ ނޫސްވެރިންނާއެވެ. ނޫސްތަކަށް އެ ވާޖިބު މިނިވަންކަމާއެކު އަދާކުރެވެނީ ނޫސްތަކުގެ ވެރިން އެ ޖާގަ ދެއްވައިގެންނެވެ.
ނަމަވެސް ސަރުކާރުގެ މަޤާމުތަކުގައި، އަދި އަމުދުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ހިންގަވާ ނޫސްތަކަށް މި ވާޖިބު އަދާކުރެވިދާނެތޯ އެއީ ކުރުން ރަނގަޅު ސުވާލެކެވެ. އަދި ބައެއް ނޫސްތަކުގެ ވެރިން ފާހަގަކުރާ ގޮތުގައި ގިނަ ކުދި ނޫސްތައް ބަރޯސާވަނީ ސަރުކާރު ކުންފުނިތަކުން ލިބޭ ސްޕޮންސާއަށެވެ. އެހެންކަމުން ސިޔާސީ މަޤާމުތަކުގައި ތިއްބެވި ސަރުކާރުގެ އެތެރޭގައި ނުފޫޒު ހުރި، ސިޔާސީ ގުޅުންތައް ވަރުގަދަ ބޭފުޅުން ނޫސް ހެއްދެވުމުން އެހެން ނޫސްތަކަށް އެ ފުރުޞަތުވެސް ގެއްލެއެވެ.
ކޮންމެއަކަސް ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާއިން މުސާރަ ނަންގަވައިގެން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނޫސްތައް ހައްދަވައިގެން ކުރައްވަނީ ކީއްހެއްޔެވެ؟ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ހެއްޔެވެ؟ ނުވަތަ ސިޔާސީ ގޮތުން އެ ބޭފުޅުން ތިއްބެވި ސަރުކާރުގެ މަޤާމުތައް ދިފާޢުކުރެއްވުމަށް، ސަރުކާރުގެ ދިފާޢަށް ނޫސްތައް ބޭނުންކުރައްވަނީ ހެއްޔެވެ؟ މިހުރީ ހައްތާވެސް ރައްޔިތުން ވިސްނައިލަން ރަނގަޅު ކަންކަމެވެ.
މި ލިއުމާއި ގުޅޭ