Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ސޯނޫއާއި އޭޑީކޭގޭ އިހުމާލުން އެތައް ހާސް ބަޔަކު ނުރައްކަލަށް!

މާފަރުގައި ސޮނެވާއިން ތަރައްޤީކުރި ޕީސީއާރު ލެބް. ފޮޓޯ: ސޮނެވާ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑު ނަމެއް ކަމަށްވާ ސޯނޫ ސިވްދާ ސަނީ އާއި އޭޑީކޭ ހޮސްޕިޓަލުން ގުޅިގެން މާފަރުގައި ހިންގި ޕީސީއާރު ލެބު ސަބަބުން އެތައް ހާސް ބަޔަކު ނުރައްކަލަށް ހުށަހެޅިއްޖެއެވެ. މިހާ ހިސާބަށް އައިއިރުވެސް މިކަމާއި ގުޅޭ ގިނަ މައުލޫމާތު ސަރުކާރުން އަދި މިކަމުގައި ޝާމިލުވާ އެހެން ފަރާތްތަކުންވެސް އޮތީ ސިއްރުކޮށްފައެވެ.

ހަބަރު ފެތުރީ ސޯނޫގެ ދީލަތި އެހީއެއްގެ ގޮތުގައި

މާފަރު އެއާޕޯޓުގައި ޕީސީއާރު ޓެސްޓު ހެދޭ ލެބެއް ޤާއިމްކޮށް ހުޅުވީ 13 ޖުލައި 2020 ގައެވެ. މި ލެބަށް ބޭނުންވާ ހުރިހާ ސާމަނެއް ގަތުމަށް ހަރަދުކުރީ ސޮނެވާ ރިސޯޓްސް ގެ ބާނީ އަދި ސީއީއޯ ސޯނޫ ސިވްދާ ސަނީއެވެ. މި ލެބަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ ލެބު ހިންގުމުގެ އަމަލީ މަސައްކަތް ކުރީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ލެބް ހުޅުވުމަށްފަހު މީޑިއާތަކަށް ދިން މައުލޫމާތުގައި މިއީ ސޯނޫ ހިލޭ ސާބަހަށް ކޮށްދޭ ކަމެއްކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. އަދި އެތަނުގެ މެޝިނަރީސް ތަކާއި އެހެން ހުރިހާތަކެއްޗެއްވެސް ސޯނޫ ދީފައިވަނީ ހިލޭކަން ފާހަގަކޮށް ސަރުކާރުންވެސް އޭނާއަށް ޝުކުރު އަދާކުރިއެވެ.
ގިނަ ރިސޯޓުތައް އެކުލެވޭ ސަރަހައްދެއްގައި ހެދި މި ލެބަކީ ހަގީގަތުގައި ސޯނޫ އާއި އޭޑީކޭ ގުޅިގެން ހިންގި ބޮޑު ވިޔަފާރިއެކެވެ. ކޮވިޑު-19 ގައިޑްލައިންތައް ބުނާގޮތުން ރާއްޖެއިން ފުރަންދާ ހުރިހާ ފަތުރުވެރިންވެސް ޕީސީއާރު ޓެސްޓެއް ހަދަންޖެހެއެވެ. މާފަރަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެފައި ގިނަ އަދަދެއްގެ ފަތުރުވެރިން ޓެސްޓު ހަދަން ބޭނުން ކުރީ އެ ލެބެވެ. ކޮންމެ ޓެސްޓަކަށް އެ ލެބުން ދިޔައީ 130 ޑޮލަރު ޗާޖު ކުރަމުންނެވެ. ފަތުރުވެރިން ޒިޔާރަތްކުރަމުން ދިޔަ ނިސްބަތަށް ބަލާއިރު ޓެސްޓުތައް ހަދައިދީގެން އެކަނި ދުވާލަކަށް 2-3 މިލިއަން ރުފިޔާ އެ ލެބަށް ލިބެމުން ދިޔައެވެ. ލެބުގައި ޓެސްޓު ހަދަން ބޭނުން ކުރީ "ރޯޝް ލައިފް ސައިކްލާ 96" މަރުކާގެ ޕީސީއާރު ޓެސްޓިން މެޝިނެކެވެ. އަދި ދެން ބޭނުން ކުރަނީ "ތާމޯ ފިޝާ އެކްސްޓްރެކްޝަން" މެޝިނެކެވެ. މި ދެ މެޝިނުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 75،000 އެމެރިކާ ޑޮލަރެވެ. އެންމެ ހަފްތާއަކު ފަތުރުވެރިން ޓެސްޓްކޮށްގެން ލެބު ހަދަން ދިޔަ ހުރިހާ ހަރަދެއް ސޯނޫ ވަނީ ފޫބައްދާފައެވެ. ހިލޭ އެހީއެއްގެ ގޮތުގައި މާކެޓު ކުރި ނަމަވެސް ބަލިމަޑުކަމެއްގެ ތެރޭގައި ސޯނޫ އާއި އޭޑީކޭ ގުޅިގެން ކުރީ ބޮޑު ވިޔަފާރިއެކެވެ.

އިހުމާލުން އެތައް ބަޔަކު ޕޮޒިޓިވް

ވިޔަފާރި ކުރުމަކީ އޭގެ ޒާތުގައި ގޯސްކަމެއް ނޫނެވެ. އެހެން ނަމަވެސް ވިޔަފާރި މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގައި އެތައް ހާސް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަކީ ބޮޑު ޖަރީމާއެކެވެ. މާފަރު އެއާޕޯޓު ލެބުން އެތައް ހާސް ބަޔަކު ކޮވިޑު-19 އަށް ޓެސްޓު ކުރިއިރު ވައިރަސްއަށް ޕޮޒިޓިވްވި އެތައް ބަޔަކު ޕޮޒިޓިވް ނުވާކަމަށް ނަތީޖާތަކުން ދެއްކިއެވެ. ކަމާއި ބެހޭ މާހިރަކު "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ގޮތުގައި ގިނަ އަދަދެއްގެ ޓެސްޓު ހަދާއިރު ބައެއް ފަހަރު ފޯލްސް ނެގެޓިވްއެއް (ޕޮޒިޓިވް ކޭސް އެއް ނެގެޓިވް ކަމަށްދެއްކުން) ފެނުން އެއީ ވެދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް އެތައް ސަތޭކަ ސާމްޕަލްއަށް އެގޮތަށް ދިމާވުން އެއީ އިހުމާލުން ނޫނީ ފަރުވާކުޑަކަމުން ދިމާވާނެ ކަމެއް ކަމަށެވެ.
މާފަރު ލެބަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުތައް ހެދި އެއް ރިސޯޓަކީ އާނަންތަރާ ކިހާވަށް ރިސޯޓެވެ. އެ ރިސޯޓުން ފޮނުވި ސާމްޕަލްތަކުގެ ތެރެއިން އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވް ނުވާކަމަށް ލެބުން ހެދި ޓެސްޓު ތަކުން ދެއްކިއެވެ. އެހެން ނަމަވެސް ރިސޯޓުން ގިނަ ބަޔަކު ބަލިވެގެން އެހެން ފަރާތެއް މެދުވެރިކޮށް ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުތަކެއް ގެނެސްގެން އަލުން ޓެސްޓު ކުރިއިރު ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ރިސޯޓުން އެހެން ބަޔަކަށް ސާމްޕަލް ފޮނުވައިގެން ޓެސްޓު ހެދިއިރުވެސް މާފަރު ލެބުން ނެގެޓިވްވި ކޭސްތައް ވަނީ ޕޮޒިޓިވް ވެފައެވެ. އާނަންތަރާ ރިސޯޓުގައި ކޮވިޑު-19 ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް ރިސޯޓަށް 8 މިލިއަން ޑޮަލަރުގެ ގެއްލުން ލިބުނެވެ.
މީގެ އިތުރުން ސީދާ އޭޑީކޭގެ އެހެން ލެބްތަކަށް ސާމްޕަލް ފޮނުވައިގެން ޓެސްޓު ހެދި ފަރާތްތަކަށްވެސް ވަނީ ހަމަ މި މައްސަލަ ކުރިމަތިވެފައެވެ. މިގޮތުން އޯ ބްލޫ ސަންގެލި ރިސޯޓުގައި ކޮވިޑު-19 ފެތުރިފައިވާއިރު، އެ ރިސޯޓުން ނަން ނުޖަހާގޮތަށް ވާހަކަ ދެއްކި މުވައްޒަފަކު ބުނީ "ނަތީޖާތަކުގައި ގޯސް އުޅޭ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ" ކަމަށެވެ.
"އެއް ކުންފުންޏަކުން ޓެސްޓް ހަދަމުން ދިޔަ ރިސޯޓުތަކުގައި ހާލަތު މިހާ ގޯސްވެގެން މި އުޅެނީ. އަނެއްކާ އެ މީހުން ހިންގި ލެބުން ވެސް މި ދޫކުރީ ހުސް ނެގެޓިވް. އެހެންވީމާ ޓެސްޓު ކުރުމުގައި ގޯސްތަކެއް އުޅޭ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،"
"އަޅުގަނޑުމެންގެ ކުއްޖަކު އަލާމާތްތައް ހުރެގެން ރެޕިޑް ޓެސްޓް ކިޓުން ޗެކް ކުރި އިރު ޕޮޒިޓިވް އެކަމަކު ހަމަ އެ ކުއްޖާ އޭޑީކޭ އިން ޕީސީއާރު ހަދާއިރު ނެގެޓިވް. އެހެންވީމާ ވެސް ވަރަށް ޔަގީން ކޮންމެވެސް މައްސަލައެއް އުޅޭކަން،" އެ ތަނުން ރިސޯޓެއްގެ އިސް ވެރިއަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.
އޭނާ ބުނީ ބައެއް ހާލަތްތަކުގައި އޭޑީކޭ އިން ނެގެޓިވް ވުމުން އެ ސާންޕަލް އައިޖީއެމްއެޗުން ޓެސްޓް ކުރުމުން ޕޮޒިޓިވް ވެފައި ހުރި ކަމަށެވެ.
އޭޑީކޭގެ ޓެސްޓިން ޕްރޮސީޖާ ތަކާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ބުނިގޮތުގައި، ޓެސްޓް ކުރަން އެ ކުންފުނިން ގެންގުޅޭނީ ކޮލެޓީ ރަނގަޅު މެޝިނުތައް ކަމަށެވެ. ނަމަވެސް އޭޑީކޭން ވައިރަސް އެކްސްޓެރެކްޓް ކުރަނީ މެނުއަލް ކޮށް ކަމަށާއި، ގިނަ ޓެސްޓުތަކެއް މެނުއަލް ކޮށް އެކްސްޓްރެކްޓް ކޮށްގެން ހަދަން ޖެހުމުން ނަތީޖާތަކުގައި މައްސަލައެއް ޖެހުން އެކަށީގެންވާ ކަމަށެވެ.

"ޕީސީއާރު ޓެސްޓް ހަދާއިރު ފުރަތަމަ ސާންޕަލް ނަގާފައި އޭގެން ވައިރަސް އެކްސްޓްރެކްޓް ކޮށްފައި ދެން މި ޓެސްޓް ކުރަނީ. އެކްސްޓްރެކްޓް ކުރާނީ މެޝިނުން ނޫނީ މެނުއަލް ކޮށް، އޭޑީކޭގައި ކުރަނީ މެނުއަލް ކޮށް. އެހެންވީމާ ގިނަ ސާންޕަލްތަކެއް މެނުއަލްކޮށް ކުރަން ޖެހުމުން، ލެބް ޓެކްނީޝަނުންނަށް ގޯހެއް ހެދުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދާނެ،" އޭނާ ކިޔައިދިނެވެ.

އޭޑީކޭން ހަދާ ޕީސީއާރު ނަތީޖާ ތަކާއި މެދު ބޮޑެތި ސުވާލުތައް އުފެދިފައިވާއިރު، އެ ސުވާލުތަކަށް އިތުރަށް ބާރު ލިބިގެން ދަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ބަޔަކަށް ކޮވިޑް ޖެހިފައިވާ ވެސް މާ ފަހުން އެނގިގެން ދިޔުމެވެ. އެ ކޭސްތައް އައިޑެންޓިފައި ކުރެވުނު އިރު އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނާ ކޮވިޑް ޖެހިފައި ތިބި ބަލި މީހުންނާ ކޮންޓެކްޓް ވެފައި ވެސް ވެއެވެ. މިކަމާއި ގުޅޭގޮތުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް އާއި ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.
ރިސޯޓު މުވައްޒަފުންގެ ހައްޤުގައި މަސައްކަތްކުރާ ޓީމް އިންކޮށްފައިވާ ޓުވީޓެއް.
ރިސޯޓުތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އަންނަނީ، ފަތުރުވެރިންގެ ޕީސީއާރު ނަތީޖާ އޮޅުވާލާ ކަމަށް ތުހުމަތު ވެސް ކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ވެސް ބައެއް އެކައުންޓްތަކުން ވަނީ، މާފަރު އެއާޕޯޓް ލެބްގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިކޮށް، އެ ތަނުން ގޮސްތަކެއް ހަދަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ރިސޯޓް މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެޗްޕީއޭ އިން ހެދީ ދޮގު!

މި ކަމާއި ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އާއި ސުވާލުކުރުމުން އެޗްޕީއޭ އިން ވަނީ ކަމުގެ ހަގީގަތް އޮޅުވާން މަސައްކަތްކޮށްފައެވެ. މިގޮތުން އެ ލެބުގެ ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ ލެބުގެ މެނޭޖްޖެމެންޓު ބަދަލުވުމާއި ގުޅިގެންކަމަށާއި ލެބް ހިންގާ ފަރާތް ބަދަލުކުރުމުގެ ކުރިން ހެދި އެސެސްމެންޓުން ރަނގަޅު ކުރަން ހުރި ބައެއް ކަންތައް ފާހަގަވުމުން އެކަންތައް ރަނގަޅު ކުރަމުން އަންނަކަމަށް "ސަން" ނޫހަށް މައުލޫމާތު ދެމުން އެޗްޕީއޭ އިން ބުނެފައިވެއެވެ. އަދި އެ ލެބުން ފޯލްސް ނެގެޓިވް ނަތީޖާތަކެއް ދޫކުރެވުނުކަން އެޗްޕީއޭގެ ސަމާލުކަމަށް އައިސްފައި ނުވާކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
"ދިޔަރެސް" އިން އެ ކަމާއި ގުޅިގެން ސުވާލުކުރުމުން، ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޝަނުން އިނިސްޕެކްޝަން ޓީމެއް އެ ލެބަށް ގޮސް އެތަން ބަލާފައިވާ ކަމަށާއި ކަމެއް ރަނގަޅުކުރަން ޖެހޭނަމަ އެ ޓީމުން އެކަން ފާހަގަކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޓީމުން ހެދި ރިޕޯޓު ލިބިފައި ނުވާކަމަށް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ މިހެން ވިދާޅުވި ނަމަވެސް އޭޑީކޭ އިން މާފަރުގައި ހިންގި ލެބް ބަންދުކޮށްފައިވަނީ އެތަނުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަވެގެން، އެޗްޕީއޭ އިން އަނގައިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން އޭޑީކޭއަކީ ސިއްހީ ދާއިރާގެ ތަޖުރިބާހުރި ކުންފުންޏަކަށް ވާއިރު، އެ ހޮސްޕިޓަލުން ހިންގަމުން އައި ލެބެެއްގައި މިފަދަ ކަންކަން ހިނގަމުން އައި އިރު އެ ހޮސްޕިޓަލަށް އެކަން ނޭނގި އޮވެދާނެ ކަމަށް ޤަބޫލުނުކުރެވެއެވެ. އަދި މި މައްސަލަ ފެންމަތިވެގެން އޭޑީކޭ އަދި ސޯނޫ އާއި ވެސް ބައެއް ރިސޯޓުތަކުން މިކަން ހިއްސާކުރިއެވެ. ބައެއް ފަރާތްތަކުން އެޗްޕީއޭ އާއި ވެސް މި މައްސަލަތައް ހިއްސާކުރިއިރު އެޗްޕީއޭ އިން އެކަމާއި ގުޅިގެން ފިޔަވަޅެއް އެޅިކަން އަދިވެސް ރަސްމީކޮށް އިއުލާންކޮށްފައި ނުވެއެވެ.

"ސޯނޫ އަކާއި ނުކުޅެވޭނެ"

ރާއްޖޭގައި ކޮވިޑު-19 ގެ ތިން ވަނަ ރާޅެއް އެރުމުގައި މާފަރު ލެބާއި އޭޑީކޭގެ މައި ލެބުގެ ޒިންމާ ބޮޑުކަމަށް ބުނެވިދާނެއެވެ. އެތައް ހާސް ބަޔަކު އެ ލެބްތަކުން ޓެސްޓު ކުރިއިރު އެތަން ތަނުން ޕޮޒިޓިވް ނޫން ކަމަށް ދެއްކި މީހުން މާލެ ސަރަހައްދަށްވެސް ދަތުރުކޮށް އިތުރު އެތައް ބަޔަކާއި ބައްދަލުވެފައިވެއެވެ. އަދި އެކަން އެޗްޕީއޭގެ ސަމާލުކަމަށް ގެނެވުނު ނަމަވެސް ކަންތައްތައް ބޮއްސުންލައިގެން ދަންދެން ފިޔަވަޅެއް ނާޅައެވެ.
އެޗްޕީއޭ އިން ލެބު ބަންދުކުރަން އެންގީ ދެން އެހެން އެއްގޮތެއްވެސް ނެތިގެންނެވެ. ބަންދުކުރަން އެނގި ނަމަވެސް އިތުރު ފިޔަވަޅެއް ނާޅާއެވެ. ސަބަބަކީ ލެބުގެ ވެރިފަރާތް ކަމުގައިވާ ސޯނޫގެ ނުފޫޒު ކަމަށް ބެލެވެއެވެ. ސޯނޫ އަކީ ވެރިކަން ކުރާ އެމްޑީޕީގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. މިގޮތުން އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުންގެ ކެމްޕެއިންނަށް ސީދާ ސޯނޫ ހަރަދުކޮށްދީފައިވާއިރު 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ސޯނޫ މިލިއަނުން ހަރަދުކޮށްދީފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. އަދި ސޯނޫ އަކީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއިވެސް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.
ސޯނޫ އާއި ސަރުކާރާއި އޮންނަ ގުޅުން ރަނގަޅަށް އެނގޭ ފަރާތަކުން "ދިޔަރެސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެއްވެސް ބަޔަކަށް "ސޯނޫ އަކާއި ނުކުޅެވޭނެ" ކަމަށެވެ. އެޗްޕީއޭ އިން މިކަމުގައި ފާޅުގައި އެއްޗެއް ބުނަން ޖެހިލުންވާ މައިގަނޑު ސަބަބަކީ އެއީ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ލެބު އޮޕަރޭޓު ކުރި އޭޑީކޭ ކުންފުންޏަކީވެސް ސިޔާސީ ގޮތުން ބާރުގަދަ ކުންފުންޏެކެވެ. އޭޑީކޭގެ ވެރިޔާ އަދި ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އަކީ އެމްޑީޕީއަށް ހަރަދުކުރާ ފަރާތެކެވެ. އަދި ފާއިތުވި ދައުރުގައި މަޖިލީހުގައި ހުންނެވީވެސް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ. އެހެން ކަމުން ބާރުގަދަ ދެފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމެއްގައި އެޗްޕީއޭ އިން ފިޔަވަޅު އަޅަން ބޭނުންވި ނަމަވެސް ފިޔަވަޅު އެޅޭނެ ގޮތެއް ނެތް ކަމަށް ބެލެވެއެވެ.

ލެބް ހިންގުން އަނެއްކާވެސް ނުފޫޒު ގަދަ ބަޔަކަށް!

މާފަރު ލެބްގެ ކަންތައް ބޮއްސުން ލައިގެން ގޮސް، އޭޑީކޭ އާއި އެކު ކުރިއަށް ނުދާން ސޯނޫ ނިންމައި، އެ ލެބް ހިންގަން މިހާރު ހަވާލުކުރަން ނިންމާފައިވަނީ ކްރިސްޓަލް މެޑިކަލްސް ނަމަކަށް ކިޔާ ކުންފުންޏަކާއިކަމަށް އިތުބާރު ހުރިގޮތަކަށް "ދިޔަރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ ހުޅުމާލެ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދު ކުންފުންޏެކެވެ. އަދި މާރިޔާ ސައީދަކީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ޑރ.އަބްދުލް މަލިކުގެ ދައްތަކަން ފާހަގަކުރެވެއެވެ.

މި ލެބާއި ބެހޭގޮތުން މާރިޔާ ސައީދާއި "ދިޔަރެސް" އިން ސުވާލުކުރުމުން ވަރަށް ކޯފާއިސްވެ ހުންނަވައި ވިދާޅުވީ އެ ލެބަކީ އޭޑީކޭގެ ލެބެއްކަމަށެވެ. އަލަށް ހަދާ ލެބަކީ މާރިޔާގެ ބައިވެރިވުން އޮތް ތަނެއްތޯ ސުވާލުކުރުމުން މާރިޔާ ވިދާޅުވީ އެކަން އެނގޭނީ އެތަން ހެދުނީމައި ކަމަށެވެ. އަދި އެއަށްފަހު ވަނީ އެބޭފުޅާ އާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށްވެސް ބުނެފައެވެ. އެހެން ނަމަވެސް އެ ލެބަށް ބޭނުންވާ ސާމާނު ހޯދަން ރާއްޖޭގެ ބައެއް ކުންފުނިތަކަށް ސީދާ މާރިޔާ ގުޅާފައިވާ ކަމަށް "ދިޔަރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޑރ.މަލިކާއި މާރިޔާ ސައީދާއި ދެ ބޭފުޅުންނަކީވެސް ސަރުކާރުގެ ސިއްހީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވޭނެ ފަދަ މަޤާމެއްގައި ތިބި ދެ ބޭފުޅުންނަށް ވާއިރު، އެ ދެބޭފުޅުންގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ވިޔަފާރި އުސޫލުން މިފަދަ ލެބެއް ހިންގުމަކީ މަސްލަހަތު ފުށޫއަރާކަމެކެވެ. އޭޑީކޭ އިން ލެބް ހިންގި އިރު ދިމާވި ކަންތައްތަކާއި ގުޅިގެންވެސް އެޗްޕީއޭއިން ފިޔަވަޅު އެޅުމުގައި ފަހަތުފަޔަށް ބުރަވީ ލެބު ހިންގި ފަރާތްތަކަކީ ބާރުގަދަ ފަރާތްތައް ކަމުގައިވާތީއެވެ. އެފަދަ ކަމެއް ތަކުރާރުވެއްޖެނަމަ، ދެންވެސް އެޗްޕީއޭއަށް ޤާނޫނު ލިބިދީފައިވާ ބާރުތަކުގެ ފުރިހަމަ ބޭނުން ހިފާ ފިޔަވަޅު އަޅަން ކެރޭނެތޯ ސުވާލު އުފެދެއެވެ.

އެޗްޕީއޭ އަކީ ދަތް ނެތް ސިންގާއެއް؟

ކޮވިޑު-19 ބަލިމަޑުކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެކިފަރާތްތަކުގެ އިހުމާލުން ގިނަ ކަންތައްތަކެއް މިހާތަނަށް ވެފައިވެއެވެ. މިގޮތުން ޕޮޒިޓިވް ވެފައިވާ ފަތުރުވެރިއަކު ފުރުވާލުމާއި، ކޮވިޑު-19 ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި މީހާގެ އާއި މެދު އަމަލު ކުރި ގޮތާއި ޕޮޒިޓިވްވި ބިދޭސީންތަކެއް ފިލައިގެން އުޅުމާއި ކުރެއްދޫ ރިސޯޓުން ފަތުރުވެރިއެއް ޕޮޒިޓިވްވި އިރު އެކަން ފޮރުވައިގެން އުޅުނު ނަމަވެސް ދައުވާ ނުކުރުން ފަދަ އެތައް ކަމެއް ވަނީ ވެފައެވެ. އެހެން ނަމަވެސް މިކަހަލަ ކަންތައްތަކުގައި އެޗްޕީއޭ އިން ވަނީ އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިފައެވެ.
ނުފޫޒުގަދަ، ބާރުގަދަ ފަރާތަކުން ކަމެއްގައި އިހުމާލުވިޔަސް، އެކަންތައްތަކަށް އެޗްޕީއޭ އަދި ޖުމްލަކޮށް މުޅި ސަރުކާރުވެސް ދެނީ ކަނު ލޮލެކެވެ. އެހެން ނަމަވެސް އާދައިގެ ރައްޔިތަކު މާސްކު ނާޅާ އުޅުން، ނޫނީ ކާފިއު ގަޑީގައި ބޭރަށް ނިކުތުން ފަދަ ކަންތައްތަކުގައި ލަހެއްފަހެއް ނެތި ފިޔަވަޅު އަޅާތަން ފެނެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގިނަގުނަ ބާރުތަކެއް ލިބިފައިވީނަމަވެސް އެ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން މިކުރެވެނީ އާރެއް ބާރެއް ނެތް އާންމު ރައްޔިތުންނާއި ދެކޮޅަށެވެ. ނުފޫޒުގަދަ ފަރާތްތަކުގެ ކުރިމަތީގައި އެޗްޕީއޭ ޖެހެނީ ކުޑަކަކޫ ޖަހާށެވެ.
މި ލިއުމާއި ގުޅޭ