Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނަރެންދުރަ މޯދި

ދަނޑުވެރިންގެ މުޒާހަރާއާ ގުޅިގެން މޯދީ ނުރުހުން ފާޅުކޮށްފި

އިންޑިޔާގެ ދަނޑުވެރިން ވެރިރަށް ނިއުދިއްލީގައި މިހާރު ކުރަމުންދާ ހަލުތާޅުތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަ ދައްކަވައިފިއެވެ.
ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވާ މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް އައިއިރު މޯދީ ހުންނެވީ ހިމޭނުންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބޮޑެތި ޓްރެކްޓަރުތަކުގައި އިންޑިޔާގެ އެންމެ ތާރީޚީ އަދި ސަޤާފީ އެއް ބިނާކަމުގައިވާ ރެޑް ފޯޓަށް ވަދެގަތުމާއި ގުޅިގެންނެވެ. މޯދީ ވިދާޅުވި ގޮތުގައި މުޒާހަރާގެ ބައިވެރިންގެ މި އަމަލަކީ ޤައުމަށް ކުރި ފުރައްސާރައެއް ކަމުގައެވެ.
އިންޑިޔާގެ އެތައް ލައްކަ ދަނޑުވެރިން ނިއުދިއްލީއާއި ނިއުދިއްލީގެ ކައިރި ހިސާބުތަކުގައި ކޭމްޕް ޖަހައިގެން ތިބޭތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ދަނޑުވެރިން މުޒާހަރާ ކުރަމުން ގެންދަނީ ދަނޑުވެރިކަމުގެ ޤާނޫނަށް ފަހުން ގެނެވުނު އިސްލާޙްތަކުގައި ދަނޑުވެރިންގެ މަސްލަހަތަށްވުރެ އެމީހުންގެ އަތުން ތަކެތި ގަންނަ ވިޔަފާރިވެރިންގެ މަސްލަހަތު އިސްކޮށްފައިވާތީ ކަމަށް ބުނެއެވެ.
މި ހަމަނުޖެހުންތައް ހިނގާފައިވަނީ އިންޑިޔާގެ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން މުޒާހަރާގެ ބައިވެރިން ޓްރަކް ތަކުގައި ބޭއްވި ޕެރޭޑްގައި ކުރިން އެއްބަސްވެފައިވާ މަގުތަކުގެ ބަދަލުގައި އެހެން މަގުތަކަކުން ރެޑް ފޯޓް ސަރަހައްދަށް ވަދެގަނެ ފުލުހުންނާއި ކުރިމަތިލުމާއި ގުޅިގެންނެވެ. އެ ހާދިސާގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވެ އެކަކު މަރުވެފައިވާކަމަށް ނޫސްތަކުން ރިޕޯޓް ކުރެއެވެ.
"ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އިންޑިޔާގެ ޤައުމީ ދިދައަށް ކުރި ފުރައްސާރައާއި ގުޅިގެން މުޅި ޤައުމު ހިތާމަކުރޭ. ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަން ޒަމާނީކުރުން. ދަނޑުވެރިކަމުގެ ޤާނޫނަށް ގެނެވިފައިވާ އިސްލާޙްތަކަކީ އެމަގަށް ކުރިއަށް ދިއުމަށް އެޅިފައިވާ ފިޔަވަޅުތަކެއް" ރޭޑިއޯ ހިތާބެއްގައި މޯދީ ވިދާޅުވެފައިވެއެވެ.
ދަނޑުވެރިންގެ މުޒާހަރާ އިންތިޒާމްކުރާ ލީޑަރުން ވިދާޅުވި ގޮތުގައި ރެޑް ފޯޓްގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް އެފަރާތްތަކުން ޒިންމާނުވާނެކަމަށާއި، އެކަމަކީ ޕެރޭޑްގައި ބައިވެރިވި މަދު ބައެއް ހިންގި އަމަލުތަކެއް ކަމުގައެވެ.
އިދިކޮޅު ލީޑަރުންނާއި މޯދީއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ސަރުކާރުން ބުނެފައިވަނީ ދަނޑުވެރިކަމުގެ ޤާނޫނަށް ގެނެވުނު އިސްލާޙްތަކަށް ޢަމަލުކުރުން އަށާރަ މަސް ދުވަހަށް ލަސްކުރުމުގެ ހުށަހެޅުން އަދިވެސް އޮތްކަމުގެ ޔަޤީންކަން މޯދީ އިދިކޮޅުފަރާތްތަކަށް އެރުވިިކަމަށެވެ.
އިންޑިޔާގެ މަސައްކަތްކުރާ އާބާދީގެ ދެބައިކުޅަ އެއްބައިމީހުންނަކީ ދަނޑުވެރިންނެވެ. އެހެންކަމުން 150 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ދަނޑުވެރިންގެ އިހުތިޖާޖުތަކަކީ 2014 ވަނަ އަހަރު މޯދީ ވެރިކަމަށް އަރައިވަޑައިގެންނެވި ފަހުން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމުގައި ބެލެވެއެވެ.
މި ލިއުމާއި ގުޅޭ