އިދިކޮޅު ޕީއެންސީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުﷲ އަބްދުއްރަހީމް، ހެލްތު މިނިސްޓަރު ނަސީމާއި ބައްދަލުކުރައްވަން އުޅުމުން ހައްޔަރުކޮށްފިއެވެ.
ކޮވިޑު-19 ގެ ވެކްސިންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުންނާއި، ވެކްސިން އާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ނަސީމް އާއި ހިއްސާ ކުރައްވަން އަދުރޭ އާއި އިދިކޮޅުގެ ބައެއް ލީޑަރުން ހެލްތު މިނިސްޓްރީއަށް ދިޔުމުން އެކަންވަނީ ކާމިޔާބުނުވެފައެވެ. އަދި ދެން އިދިކޮޅު ފަރާތްތަކުންވަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގާ ދަރުބާރުގެ ކައިރިއަށް ގޮސް ނަސީމް އާއި ބައްދަލުކުރަން އެދި ޝުއޫރުފާޅުކޮށްފައެވެ.
އެތަނުގައި ހުއްޓާ ފުލުހުން ވަނީ އަދުރޭ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ މި ހަފްތާގެ ތެރޭގައި މި ދެބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ދެވަނަފަހަރެވެ. ކުރީފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މާގިނަ ވަގުތުތަކެއް ނުވެ ދޫކޮށްލާފައެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ މިދުވަސްކޮޅު އެކި ކަންކަމާއި ގުޅިގެން އިހުތިޖާޖުކުރަމުންނެވެ. ދާދި ފަހުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 5 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ވަންދެން ސީދާ ހަރަކާތަށް ނިކުންނަން ފާސްކޮށްފައެވެ.