ޑިޕާޓުމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ މުވައްޒަފަކު ކޮވިޑް އަށް ޕޮޒިޓިވްވެއްޖެއެވެ.
ޑީއެންއާރްގެ މުވައްޒަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާއި އެއްގޮތަށް އެ އިދާރާގެ މަސައްކަތްތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އަދި އިތުރަށް މަސައްކަތް ފަށާނީ އެޗްޕީއޭ އިން އެކަމަށް ވަކި ގޮތެއް ނިންމުމުން ކަމަށް ޑީއެންއާރް އިން ބުނެއެވެ.
އަލުން މަސައްކަތްތައް ފަށާއިރު އެ މަސައްކަތްތައް ފަށާނީ، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް ޑީއެންއާރް އިން މައުލޫމާތުދެއެވެ. މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 100 އިން މަތީގައެވެ. އިއްޔެ ވެސް 145 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މުޅި ޖުމްލަ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 15،247 ހުރަސް ކޮށްފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 13،916 އަށް ވަނީ އަރާފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 93 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 51 މީހަކު ވަނީ މަރުވެފައެވެ.