Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ތުނބުޅި ދިގުކޮށް ފައިކުރި ކުރުކުރުމުން ވަޒީފާއިން ވަކިކުރި 4 މީހަކަށް ވަޒީފާ ދޭން އަންގައިފި

ޔުނިފޯމުގެ މިންގަނޑާ ޚިލާފުވެފައިވާ ކަމުގައި ބުނެ، މޯލްޑިވްސް އިމިގްރޭޝަނުގެ ވަޒީފާއިން ވަކިކުރި 4 މީހަކަށް އަނބުރާ ވަޒީފާ ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ތުނބުޅި ދިގުކޮށް ފައިކުރި ކުރުމުގެ ސަބަބުން އިމިގުރޭޝަނުގެ ޔުނިފޯމް ކޯޑާ ޚިލާފުވެގެން 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ވަޒީފާއިން ވަކިކުރި މި މީހުންގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރިބިއުނަލުގައި އެ މައްސަލަ ޖެއްސުމުން އެ ޓްރިބިއުނަލުން ނިންމާފައިވަނީ އެ މީހުން ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
މިއަދު ހައިކޯޓުން މި މައްސަލާގައި ނިންމި ނިންމުމުގައި ބުނެފަިއވަނީ އެ މީހުންނާމެދު ފިޔަވަޅު އަޅާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި އަމަލުކުރަން ފެށި ޤަވާޢިދަކާ ޚިލާފުވެގެން ކަމަށެވެ. އަދި އެ މުވައްޒަފުންނަށް އިންޒާރުދީ ފޮނުވި ލިޔުން ފޮނުވީ އެ ޤަވާޢިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށެވެ. އަދި ފިޔަވަޅު އެޅިއިރު، އަމަލުނުކުރާ ޤަވާޢިދެއްގެ ދަށުން އަޅާ ފިޔަވަޅު ސައްހަނުވާނެ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.
މި މައްސަލައިގެ ހުކުމުގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ ފިޔަވަޅު އަޅާފައިވަނީ ޔުނިފޯމު ކޯޑުގެ ކޮން ބަޔަކާ ކިހިނެއް ޚިލާފުވެގެންކަން އިމިގުރޭޝަނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރެވޭނީ ކުށެއް ތަކުރާރުކޮށްގެން ކަމަށްވާއިރު، އެ މީހުންނަށް ފިޔަވަޅު އެޅީ ޔުނިފޯމާ ގުޅޭ އިމިގުރޭޝަނުގެ އައު ޤަވާޢިދަށް އަމަލުކުރަން ފެށި ދުވަހު ކަން ފާހަގަކޮށް ހައިކޯޓުން ބުނެފައިވަނީ އެމީހުން ކުށެއް ތަކުރާރުކުރި ކަމުގައި ބެލޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އަދި އިމިގުރޭޝަނުގެ ޔުނިފޯމުގެ ޤަވާޢިދަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ޤަވާޢިދެއް ކަމުގައި ބުނެ އެ މީހުން ފާހަގަކުރި ނުކުތާގައި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި ފަތުވާދޭ އެންމެ މަތީ މަޖިލިހުން ކޯޓަށް ފޮނުވާފައިވާ ސިޓީއަށް ބިނާކޮށް އެއީ އެފަދަ ކަމެއް ނޫން ކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ނިންމާފައިވަނީ އެ މީހުންނަށް އަނބުރާ ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ނުކުތުމާ ހަމައަށް ފާއިތުވާ މުއްދަތަށްވާ މުސާރައާއި އިނާޔަތް ދިނުމަށެވެ.
މި ލިއުމާއި ގުޅޭ