ތޯމަސް ކުކް އިންޑިއާއާ އެކު އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފިއެވެ. މިއީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ކުންފުންޏެވެ.
މި ކެމްޕެއިންގެ ދަށުން އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުމަށް ޝައުގުވެރިކަން އުފެއްދުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ. އަދި އިންޑިއާގެ އޮންލައިން ޗެނަލްތައް މެދުވެރިކޮށް ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ.
މި ކެމްޕެއިން ކުރިޔަށް އޮތް ތިން މަސް ދުވަހު ކުރިޔަށް ގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން މައުލޫމާތުދެއެވެ. އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރަނީ އެގައުމަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެވަނަ ގައުމު ކަމަށްވާތީ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވިއެވެ.
ތޯމަސް ކުކް އާއެކު އިޝްތިހާރު ކުރަން ފެށުމުން މިއަހަރު އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.
އިންޑިއާގެ ތޯމަސް ކުކް ކުންފުންޏަކީ އިނގިރޭސިވިލާތުގެ ތޯމަސް ކުކް ކުންފުނީގެ ދަށުން ހިންގަމުން އައި ކުންފުންޏަކަށްވީ ނަމަވެސް އިނގިރޭސިވިލާތުގެ ތޯމަސް ކުކް ކުންފުނި ބަނގުރޫޓު ވުމާއި ގުޅިގެން ކެނެޑާގެ ކުންފުންޏަކުން ވަނީ އިންޑިއާގެ ކުންފުނި ގަނެފައެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އެއް ގައުމަކީ އިންޑިއާއެވެ. އޭގެކުރީ އަހަރުވެސް އެގައުމަކީ ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ.