އާންމު ރައްޔިތުންގެ ބަޔަކު ހެލްތު މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރަން ފަށައިފިއެވެ.
މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ކޮވިޑު-19 ވެކްސިން ޖެހުން އަވަސް ކުރުމަށާއި އަދި ވެކްސިން ޖެހުމުގެ ކުރިން އޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލާފައެވެ. އަދި އެންމެ ފުރަތަމަ ރައީސް ސޯލިހަށާއި ސަރުކާރުގެ އިސްވެރިންނަށް ވެކްސިން ޖަހައި ވެކްސިން ރައްކާތެރިތޯ ޓެސްޓު ކުރުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ހެލްތު މިނިސްޓްރީ ބޭރުގައި މުޒާހަރާ ކުރަމުންދާއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން މިވަގުތު ތިއްބެވީ ހެލްތު މިނިސްޓަރާއި ބައްދަލުކުރަން އެދިވަޑައިގެން ހެލްތު މިނިސްޓްރީގެ އެތެރޭގައެވެ. އެ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ބޭފުޅުން ބޭނުންވަނީ ވެކްސިންގެ ރައްކާތެރި ކަމާއި، ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ގުޅޭ ގޮތުން ރައްޔިތުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާ ގުޅިގެން އެކަން ހެލްތު މިނިސްޓަރާއި ހިއްސާ ކުރުމަށެވެ.
އަދި ހެލްތު މިނިސްޓަރު އެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައިނުވެއެވެ.
ރާއްޖޭގައި ކޮވިޑު-19 ގެ ހާލަތު ދަނީ އަނެއްކާވެސް ގޯސް ވަމުންނެވެ. މިގޮތުން ފާއިތުވި 3 ދުވަހުވެސް 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 1000 އިން މައްޗަށް ވަނީ އަރާފައެވެ. އަދި މިކަމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އަނެއްކާވެސް ކާފިއު އިއުލާންކޮށްފައެވެ.