ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލަށް ލައިގެން އެމަނިކުފާނަށް އަނިޔާކުރަމުންދަނީ ސީދާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަމުރަށް ކަމުގައި އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ކުރިމިނަލް ކޯޓުން އިއްވި 5 އަހަރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓަން ހައިކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިހުގެ އަޣުލަބިއްޔަތުން ނިންމެވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް އަނިޔާކުރަމުންދަނީ ގޮނޑިކޮއްކޮ ސަރުކާރަކުން ކަމުގައެވެ.
އަދި އިންޑިޔާއަކީ ރައީސް ޔާމީނަށް އަނިޔާކުރުމުގެ ފަހަތުގައި އޮތް ޤައުމުކަމުގައި ތުހުމަތުކުރައްވައި ރައީސް ޔާމީން ޖަލަށްލައިގެން އެމަނިކުފާނަށް އަނިޔާކުރަނީ ސީދާ އެ ޤައުމުގެ ބޮޑުވަޒީރުގެ އެންގެވުމަށް ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމުގެ ގޮތުން ކުރާނެ ކަންކަމާމެދުގައި އެ ކޯލިޝަނުގެ ލީޑާޝިޕުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެ ކަމަށާއި، މި ސަރުކާރުގެ އަނިޔާވެރިކަމުން މިންޖުވުމަށް އޮތް ހަމައެކަނި މަގަކީ މަގުމަތީ ހަރަކާތްތައް ވަރުގަދަކުރުން ކަމުގައި އަދުރޭ ވިދާޅުވިއެވެ.
އަދި މިއަދުގެ ހުކުމާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ މިއީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް އަނިޔާކުރުމުގެ ގޮތުން އިއްވި ހުކުމެއް ކަމުގައެވެ. އެގޮތުން ފާހަގަކުރެއްވީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައިވާ ބޭފުޅުންނަކީ މި މައްސަލާގައި ހެކިބަސް ދެވޭނެ ބައެއް ނޫންކަން މިއަދު އެނގުނު ކަމުގައި އަދުރޭ ވިދާޅުވިއެވެ.
އަދި މި ހުކުމަކީ ރައީސް ޔާމީނުގެ ސިޔާސީ ހަޔާތް ނިންމައިލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު ޖޭއެސްސީ ބޭނުންކުރައްވައިގެން އިއްވާފައިވާ ހުކުމެއް ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އަދިވެސް ޤަބޫލުކުރައްވަނީ ޝަރުޢީ ނިޒާމުގެ ތެރެއިން އިންސާފު ލިބޭނެ ކަމަށް ކަމުގައެވެ. ނަމަވެސް އިންސާފު ހޯދުމަށް ދަތިތަކެއް އެބަހުރި ކަމުގައި އޭނާ ވިދާޅުވިއެވެ.