Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ދަށު ކޯޓަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމުގައި ބޮޑެތި ގޯސްތަކެއް އެބަހުރި: ޑރ.ޖަމީލް

ހައިކޯޓުން މިއަދު ދަށު ކޯޓުގެ ހުކުމް ނެގެހެއްޓި ނެގެހެއްޓުމަކީ ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު ވިދާޅުވީ މިއަދު ކޯޓުން އިއްވި ހުކުމަކީ ވަރަށް ގިނަ ގޯސްތައް އެ ހުކުމުގައި އެކުލެވޭ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުލް ޢުޤޫބާތާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި، މަނީލޯންޑަރިންގެ ޤާނޫނު މާނަކުރުމާއި ތަޠުބީޤުކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ޤާނޫނީ ގިނަ ޢައިބުތަކެއް އެކުލެވޭ ހުކުމެއް ކަމުގައެވެ.

މިއަދު ހައިކޯޓުގެ މިދެންނެވި ދެ ފަނޑިޔާރުން ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން ބަލައިގަންނަ ހުކުމެއް ނޫން ކަމުގައި ވަރަށް ސާފުކޮށް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އަރިހުގައި ދަންނަވަން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޔަޤީންކަން އެބައޮތް ފަނޑިޔާރުންނަށް ފެނިވަޑައިނުގެންނެވި މައްސަލަތަކާއި އައިބުތަކާއި ނިންމުންތައް ރައްޔިތުންނަށް ފެންނާނެ ކަން.
ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

އަދި ފަނޑިޔާރުން ނިންމެވި ނިންމެވުމުގައި އެކުލެވޭ އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފަނޑިޔާރު ޙުސައިން ޝަހީދުގެ ނިންމެވުމުގައި ތަފުސީލުކޮށްފައިވާ ކަމަށެވެ. އަދި އަޣުލަބިއްޔަތުން ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނިންމެވި ދެ ފަނޑިޔާރުންވަނީ ޕްރޮސެކިއުޝަނުން ދެއްކި ވާހަކަ ލަފްޒުން ލަފްޒަށް ބަލައިގަނެފައިވާ ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އެގޮތުން އިޖުރާއީ ގޮތުން ހުރި ބޮޑެތި ގޯސްތަކަށް އެއްވެސް މިންވަރަަކަށް މި މައްސަލަ ނިންމެވި ދެ ފަނޑިޔާރުން ބައްލަވާފައިނުވާ ކަމަށާއި، އެ ކަންކަމާމެދު ހަމައެކަނި ބައްލަވާފައިވަނީ ޕީޖީން ދެއްކި ވާހަކައަށް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މިއަދު ހައިކޯޓުގެ ދެ ފަނޑިޔާރުން ނިންމެވި ހުކުމް ދަމަހައްޓައިފިނަމަ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤެއް ގެއްލި، ކުށެއް ސާބަތުނުވާހާ ހިނދަކު ކޮންމެ މީހަކީ މަޢުޞޫމު މީހެއް ކަމުގައި ބަލަންޖެހޭ އުޞޫލު އެކީގައި ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމުގައި ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ.

ޑރ.ޖަމީލު އިތުރަށް ވިދާޅުވީ މިއަދު ރަނގަޅު ރައުޔައެއްގެ ގޮތުގައި ފެނިގެންދަނީ ތަފާތު ރައުޔަ ދެއްވި ފަނޑިޔާރު ޝަހީދުގެ ރައުޔަ ކަމަށެވެ. އަދި މިއަދު ފެނުނީ ޤާނޫނު ތަޠުބީޤުކުރުމުގައާއި ޤާނޫނު މާނަކުރުމުގައި ރަނގަޅު ރައުޔައަކީ އެ ރައުޔައަކީ އެ ރައުޔަ ކަމުގައި ދަންނަވަން ޖެހޭ ކަމަށެވެ.

އަދި މި ނިންމުން އިސްތިއުނާފުކުރުމުގެ މަސައްކަތް ލަސްނުކުރައްވައި ކުރައްވާނެ ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކިބައިން ހިތްވަރުކުރެއްވުމަށް އެދިވަޑައިގެން ޑރ.ޖަމީލު ވިދާޅުވީ ހައިކޯޓުގެ މިއަދުގެ ހުކުމް އިއްވި ދެ ފަނޑިޔާރުން ހެއްދެވި ބޮޑެތި ގޯސްތަކާއި އައިބުތައް ސުޕްރީމް ކޯޓުގައި ސާބިތުކޮށްދެއްވޭނެ ކަމުގެ ޔަޤީންކަން ވަރަށް ބޮޑަށް އެބައޮތް ކަމުގައެވެ.

މި ލިއުމާއި ގުޅޭ