ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ މައްސަލާގައި، ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން، އެކަމުގައި ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށް ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވާ މަޖިލީހުގައި، ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުން ޝަހީދު ވިދާޅުވީ ރައީސް ޔާމީން އަމިއްލައަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދައި އެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރެއްވުމަށް އިސް ނެންގެވުމުން އެމަނިކުފާނުގެ ކިބައިގައި ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ.
ހަމައެހެންމެ އެސްކްރޯ އެކައުންޓާ ގުޅޭ މަޝްވަރާތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިފައިވަނީ ބޭނުންވެއްޖެ ހާލަތެއްގައި ދައުލަތަށް ނެގޭ ގޮތަށް 1 މިލިއަން ޑޮލަރު ބަހައްޓަން ކަން އެއިރު އޭސީސީގެ ނައިބުރައީސްގެ މަޤާމުގައި ހުންނެވި މުއައްވިޒު ރަޝީދުގެ ހެކި ބަހުން އެނގޭ ކަމަށް ފަނޑިޔާރު ޝަހީދުގެ ރައުޔާގައި ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ ދައުލަތުގެ ފައިސާކަމަށް ދައުލަތުން ތުހުމަތު ކުރިނަމަވެސް އަދި މިހާތަނަށް އެއީ ދައުލަތުގެ ފައިސާކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.