މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރަ 7 ދުވަސްތެރޭގައި އާންމު ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ސިޓީ ކައުންސިލްއަށް އަންގައިފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރައި މުވައްޒަފުންގެ މުސާރަ ހޯދަން އެދިފައެވެ. ޤާނޫނު ބުނާގޮތުން ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ އަމިއްލައަށް އިސްނަގައިގެން އެ މުއައްސަސާތަކުން ހާމަކުރަންވާނެއެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން އެގޮތަށް އަމަލުކޮށްފައިނުވެއެވެ.
އެ މައުލޫމާތު ހޯދަން އެދުމުން ސިޓީ ކައުންސިލުން ވަނީ އެ މައުލޫމާތު ނުދީ ހިފަހައްޓާފައެވެ. އަދި ފަހުން ވެބްސައިޓުގައި އާންމު ކުރާނެކަމަށް ބުނެފައެވެ. އެ ޖަވާބާއި މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ ޤާނޫނުގައި ލިިބިދޭ ހައްޤުގެ ދަށުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިސްތިއުނާފުކޮށްފައެވެ.
މިއަދު ބޭއްވި އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު ވަނީ އެ މައުލޫމާތު 7 ދުވަސް ތެރޭގައި ހާމަކުރުމަށް ސިޓީ ކައުންސިލަށް އަންގާފައެވެ. މިއަދުގެ އަޑު އެހުމުގައި އެ މައުލޫމާތު ނުދޭން ވަރަށް ގިނަ ބަހަނާތައް ސިޓީކައުންސިލްގެ ފަރާތުން ދެއްކިކަން ފާހަގަކުރެވެއެވެ.
ސިޓީ ކައުންސިލްގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ މުސާރަ ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގަވާފައިވާއިރު އުސޫލުތަކާއި ހިލާފަށް ބައެއް ފަރާތްތަކަށް ކައުންސިލުން ވަޒީފާ ދިން މައްސަލައެއްވެސް މީގެކުރިން ވަނީ ފެންމަތިވެފައެވެ.