Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިމާވެށި

ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ 5 ޖަނަވާރު!

އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ ނުވަތަ އައި.ޔޫ.ސީ.އެން އިން އެންމެ ފަހުން އާންމު ކުރައްވާފައިވާ ހިމާޔަތްކުރެވިފައިވާ ޖަނަވާރުންގެ ލިސްޓުގައި 5،766 ޖަނަވާރުގެ ބާވަތް ހިމެނެއެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ނެތިގެންދާނެ ކަމުގެ ބިރު އެންމެ ބޮޑު 5 ޖަނަވާރުގެ ބާވަތަށެވެ.

އޭޝިއަން އެލެފެންޓް

1968 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކުރެވިފައިވާ އޭޝިއަން އެތުގެ 3 ބާވަތެއް ވެއެވެ. އެއީ އިންޑިއަން، ސްރީލަންކަން އަދި ސުމަޓްރަން އޭޝިއަން އެލެފެންޓެވެ. މި ތިން ބާވަތުގެ ތެރެއިން އެންމެ ބޮޑީ ސްރީލަންކަން އެތެވެ. ބަރުދަނުގައި 5 ޓަން ހުންނަ މި އެތް، އިންޑިޔާ، ސްރީލަންކާ އަދި އިންޑޮނޭޝިއާގެ އިތުރުން އޭޝިއާ ބައްރުގެ އެހެން ގައުމުތަކުން ވެސް ފެންނެއެވެ. މި އެތުގެ އާބާދީ ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެތްތައް ދިރިއޫޅޭ މާހައުލު ނެތި ދިޔުމެވެ. މިހާރު ދުނިޔޭގައި އުޅޭ އެތުގެ އަދަދު ވަނީ 50،000 ވުރެ މަދުވެފައިއެވެ. އެންމެ ގިނަ ބާވަތަކީ އިންޑިއަން އެތެވެ. ސްރީލަންކާގެ މިންނޭރިޔާ ނެޝަނަލް ޕާކް އިން އޮގަސްޓް މަހު މިބާވަތުގެ 300 އާ ގަތްކުރާ އަދަދަކަށް އެތް އެއްވާތަން ފެންނެއެވެ. މިއީ އެކީ އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އެތް އެއްވާ ހަމައެކަނި ސަރަހައްދެވެ.

މިނިކާވަގު

20 ވަނަ ގަރުނު ފެށިގެން އައިއިރު މިނިކާވަގު ގެ އާބާދީ އަކީ 10،000 އެވެ. އެހެން ނަމަވެސް މިއަދު މި އަދަދު ވަނީ 3900 އަށް ދަށްވެފައެވެ. މިނިކާ ވަގު އާންމުކޮށް ފެންނަނީ އިންޑިޔާއިން ނެވެ. 1975 ވަނަ އަހަރުން ފެށިގެން މިނިކާވަގު ވަނީ ހިމާޔަތްކުރެވިފައެވެ. މިނިކާވަގުގެ ވިޔަފާރި މަނާކުރެވިފައި ވީނަމަވެސް އޭތި ޝިކާރަކޮށް، އަހަރެއްގެ މައްޗަށް 20 ބިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ކުރެވެއެވެ. މިއީ އޭގެ އާބާދީ ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. މިނިކާވަގު ދިރިއުޅޭ މާހައުލު ނެތިގެން ދިޔުމަކީ ވެސް އެއް ސަބަބެވެ. އިންޑިޔާ ގެ އިތުރުން ބަންގްލަދޭޝް، ނޭޕާލް އަދި ޗައިނާގައި ވެސް މިނިކާ ވަގު އުޅެއެވެ.

މައުންޓެއިން ގޮރިއްލާ

މައުންޓެއިން ގޮރިއްލާ މިހާރު ފެންނަނީ އެފްރިކާ ބައްރުގެ 2 ސަރަހައްދެއްގައިވާ ހިމާޔަތްކުރެވިފައިވާ ނެޝަނަލް ޕާކު ތަކުންނެވެ. ދުނިޔޭގެ ގޮރިއްލާގެ އާބާދީއަކީ 1063 އެވެ. ނިމިގެން ދިޔަ 30 އަހަރުތެރޭގައި ގޮރިއްލާގެ އާބާދީ މަޑުމަޑުން އިތުރުވާކަން ފާހަގަކުރެވެއެވެ.

ވަކީޓާ

ދުނިޔޭގެ އެންމެ ކުޑަ މެރިން މެމަލް ވަކީޓާ ފެންނަނީ މެކްސިކޯގެ ގަލްފް އޮފް ކެލިފޯނިޔާއިންނެވެ. 1958 ވަނަ އަހަރު ހޯދިފައިވާ މި ކުޑަ ޕޯޕޮއިޒްގެ ބާވަތް ނެތި ދިޔުން ވަނީ ވަރަށް ގާތް ވެފައެވެ. ވަކީޓާ ދިރިއުޅޭ ސަރަހައްދު ހިމާޔަތްކުރެވިފައިވީ ނަމަވެސް ގަވާއިދާ ހިލާފަށް އެ ސަރަހައްދުގައި ދަލުގެ މަސްވެރިކަން ކުރުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ވަކީޓާގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ދުނިޔޭގެ ވަކީޓާގެ އާބާދީއަކީ އެންމެ 10 އެވެ.

ޖާވަން ރައިނޯސެރޮސް

ރައިނޯގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިހާރު މި ޖަނަވާރު ފެންނަނީ ހަމައެކަނި އިންޑޮނޭޝިއާގެ ޖާވާގެ ނެޝަނަލް ޕާކްއަކުންނެވެ. ރައިނޯ ގެ އިތުރު އާބާދީއެއް ވިއެޓްނާމްގައި އޮތް ނަމަވެސް 2010 ވަނަ އަހަރު އެ އާބާދީ ވަނީ ނެތިގެން ގޮސްފައިއެވެ. މިހާރު ދުނިޔޭގައި ހުރީ އެންމެ 58 ރައިނޯއެވެ.
އައި.ޔޫ.ސީ.އެން ގެ ލިސްޓުގައި ހިމާޔަތްކުރެވިފައިވާ ބާވަތްތަކަށް ބަލާއިރު މި ބާވަތްތައް ނެތިގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ އިންސާނުންގެ އަމަލުތަކެވެ. ވަގު ވިޔަފާރިއަށް ޝިކާރަ ކުރުމާ، ދިރިއުޅޭ މަހައުލު ނައްތާލުމުގެ ސަބަބުން މިއަދު އެތައް ބާވަތެއްގެ ޖަނަވާރު ވަނީ ނެތިގެން ގޮސްފައެވެ. ނުވަތަ ނެތިގެންދިއުމާ ގާތްވެފައެވެ.

މި ލިއުމާއި ގުޅޭ