ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ތެރެއިން ސަރުކާރުގެ މެންބަރުން މިއަދު މަޖިލިހަށް ވަޑައިނުގަތުމުގެ ސަބަބުން މަޖިލިސް ނުފެށި 40 ވަރަަކަށް މިނިޓު ލަސްވި ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލިހުގެ ޖަލްސާގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. ޝިޔާމު ވިދާޅުވީ އެކަމުން އެނގެނީ ސަރުކާރުން އިންތިޚާބު ބާއްވަން އިޚުލާޞްތެރި ނިޔަތެއްގައި މަސައްކަތްކުރަމުން ނުދާކަން ކަމުގައެވެ.
ހަތްދިހަ ފަސް އިންސައްތަ އޮތް މަޖިލިހެއްގައި މިއަދުވެސް މަޖިލިސް ނުފެށިގެން ސާޅީހަކަށް މިނިޓު ލަސްވެގެން (ދިޔައީ) ސަރުކާރު މެންބަރުން ނައިސްގެން. އެމްޑީޕީ ތެރޭގައިވެސް އެބަ ތިބޭ ސަރުކާރު މެންބަރުންނާއި އެމްޑީޕީ މެންބަރުންނާ. އޭގެ ތެރެއިން ސަރުކާރުގެ މެންބަރުން ވަޑައިނުގަނެގެން މަޖިލިހުގެ ޖަލްސާ ލަސްވެގެން ދިޔަ ދިއުމަކީ ދިވެހި ރައްޔިތުން ހިތާމަކުރާނެ ކަމެއް.ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް
އޭގެ އިތުރަށް ޝިޔާމު ފާހަގަކުރެއްވީ އެމްޑީޕީގައިވެސް އެމްޑީޕީގެ މެންބަރުންނާއި ސަރުކާރުގެ މެންބަރުން ތިއްބަވާ ކަމަށެވެ. މިއަދު މަޖިލިހަށް އެ ބޭފުޅުން ވަޑައިގަތުން ލަސްވުމުގެ ސަބަބުން ޖަލްސާ ނުފެށި ލަސްވީ އެމްޑީޕީ މެންބަރުންގެ ތެރެއިން ސަރުކާރު މެންބަރުން ޖަލްސާއަށް ވަޑައިނުގަނެގެން ކަމުގައި ޝިޔާމު ވިދާޅުވިއެވެ. މިކަހަލަ ކަންކަންވާތީ ސަރުކާރުގެ އިޚުލާޞްތެރިކަމާމެދު ސުވާލުއުފައްދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ޝިޔާމު ވިދާޅުވީ މި ސަރުކާރަށް ސައްތައިން ސައްތަ ޔަޤީންވާ ކަމަކީ ރައްޔިތުން ބޮޑުތަނުން އެމްޑީޕީގެ މި ނާޤާބިލު ސަރުކާރަށް ނޫނެކޭ ބުނާނެކަން ކަމުގައެވެ.