Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލޯކަލް ކައުންސިން އިންތިޚާބު

މިހާ ދަތި ދަނޑަވަޅެއްގައި މިހާ ބޮޑު ޚަރަދުކޮށްގެން އިންތިޚާބު ބޭއްވުން މުހިއްމުތޯ؟: ސަލީމް

ލޯކަލް ކައުންސިލު އިންތިޚާބު ބޭއްވުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމަށާއި، މިފަދަ ތާށި އަދި ދަތި ދަނޑިވަޅެއްގައި ބޮޑު ޚަރަދުކޮށްގެން އިންތިޚާބު ބޭއްވުމަކީ މުހިއްމު ކަމެއްތޯ ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމު މިއަދު ވިދާޅުވެއްޖެއެވެ.
ސަލީމް މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތައި، އިންތިޚާބަށް މަގުފަހިކުރުމުގެ ގޮތުން ލޯކަލް ކައުންސިލުތަކުގެ ޚާއްޞަ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން މަޖިލިހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ދެއްކެވި ވާހަކަފުޅުގައެވެ. ކައުންސިލް އިންތިޚާބު އަވަސްކުރުމާ ދެކޮޅުހައްދަވާކަން ދޭހަވާ ގޮތަކަށް ސަލީމުވަނީ ވާހަކަދައްކަވާފައެވެ.
އެގޮތުން ސަލީމު ފާހަގަކުރެއްވީ މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އޮތީ އިލެކްޝަން ކޮމިޝަނުގެ ރައީސާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަރަށް ބޮޑަށް ގުޅިވަޑައިގެން މަސައްކަތްކުރައްވާ ގޮތަކަށް ކަމުގައެވެ. އެއިން އެއް ބޭފުޅަކީ ކޮންޓެކްޓުވުން މަދުކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި، އެނެއް ބޭފުޅެއްގެ މަސައްކަތަކީ ކޮންޓެކްޓުނުވެ ނުކުރެވޭ ބާވަތުގެ މަސައްކަތެއް ކަމުގައެވެ.
އޭގެ އިތުރަށް ސަލީމު ވިދާޅުވީ އިންތިޚާބާ ބެހޭ ޤާނޫނަށް ބަލާލާއިރު ފެންނަނީ އިންތިޚާބުގެ އަސާސަކީ މިނިވަންކަމާއެކު ކެމްޕޭން ކުރެވުމާއި ދަތުރުފަތުރުކުރެވުމާއި، އިންތިޚާބުގައި ވޯޓުލާ މީހުންނަށްވެސް މިނިވަންކަން އޮތުން ކަމުގައެވެ. މިހާރުގެ ހާލަތަށް ބަލާއިރު ފާއިތުވި 15 ދުވަހުގެ ތެރޭގައި 600 މީހުން ރާއްޖެއިން ޕޮޒިޓިވްވެއްޖެ ކަމަށެވެ. އަދި މި ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ދެވޭނެ ލުއިތަކަށް ބަލައިނުލާ އިސްލާހުތަކާއެކު ކުރިއަށް ދިއުމަކީ ތާއީދުކުރައްވާ ގޮތެއް ނޫން ކަމުގައި ސަލީމު ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް އިންތިޚާބަކީ ވަރަށް އަގު ބޮޑު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި އަހަރު އިންތިޚާބަށް 50 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެ އިތުރަށްވެސް ބަލިމަޑުކަމާ ގުޅިގެން އިތުރު ޚަރަދުތައް ހިނގާނެ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓުކުރުމަށް 3 މިލިއަނަަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށާއި، ހުރިހާ ސަފެއްގައި ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި ހޫނުމިން ބަލަންޖެހޭއިރު ތާމޯމީޓަރުތައް ގަތުމަށް އެކަނި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި އިންތިޚާބުގައި މަސައްކަތްކުރާ 6،000 އޮފިޝަލުންގެ ތެރެއިން ކޮންމެ އޮފިޝަލަކަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޝަން އިކުއުޕްމެންޓު ގަތުމަށް އިތުރު 3 މިލިއަން ރުފިޔާ ހޭދަވާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ސަލީމު ވިދާޅުވީ މިފަދަ ދަތި ދަނޑިވަޅެއްގައި މި ހޭދަތައް ކޮށްގެން އިންތިޚާބު ބޭއްވުމަކީ ހަމަ އެހާ މުހިއްމު ކަމެއްތޯ ސުވާލުކުރައްވާ ކަމަށެވެ. އަދި އެއްވެސް ގައިޑްލައިނެއްގެ ދަށުން މަސައްކަތްކުރަން ޖެހުމަކީ މިނިވަންކަމާއެކު އިލެކްޝަންސް ކޮމިޝަނަށް މަސައްކަތްކުރެއްވޭނެ ގޮތެއް ނޫން ކަމަށްވެސް ސަލީމު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ