އަފްޣާނިސްތާނުގެ ސުޕްރީމްކޯޓުގައި މަސައްކަތްކުރާ 2 އަންހެން ފަނޑިޔާރަކަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.
މި ހަމަލާ ދީފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ދެ ފަނޑިޔާރުން ކޯޓުގެ ވެހިކަލެއްގައި ކޯޓަށް ދަނިކޮށެވެ. އެ ހަމަލާގައި އެ ދެމީހުންވެސް މަރުވެފައިވާއިރު ޑްރައިވަރު ވަނީ ޒަހަމްވެފައެވެ. ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައިނުވެއެވެ.
ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގައި މަތީފަންތީގެ މިފަދަ މީހުން މެރުން ވަނީ އާންމުވެފައެވެ.
2001 ވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނަށް އަރާ އެ ޤައުމުގެ ވެރިކަން ބަދަލުކޮށް އެމެރިކާއިން ރުހޭ ބަޔަކާއި ވެރިކަން ހަވާލުކުރިފަހުން އެ ޤައުމަށް ހަމަޖެހުމެއް އައިސްފައިނުވެއެވެ. އަފްޣާނިސްތާނުގައި ތިބޭތާ 20 އަހަރުފަހުން އެމެރިކާ އިން ވަނީ އެ ޤައުމުގައި ތިބޭ ސިފައިންގެ އަދަދު 2500 އަށް މަދުކުރަން މީގެ ދެދުވަސް ކުރިން ނިންމާފައެވެ.