Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

ޖަޕާނު މީހުންގެ އުމުރު ދިގުވުމާ ތިލަފަތްހަމަ ޑައެޓުގެ ގުޅުން ބޮޑު

ޖަޕާނަކީ ދުނިޔޭގެ ނިސްބަތުން މީހުންގެ އުމުރު އެންމެ ދިގު އެއް ޤައުމެވެ. އެގޮތުން އެ ޤައުމުގެ އާބާދީގެ އުމުރު ދިގުވަމުންދާއިރު މިހާރުވެސް އެ ޤައުމުގައި 100 އަހަރަށްވުރެ ދޮށީ 80،000 މީހުން އެބަތިއްބެވެ.
ޖަޕާނުގެ މީހުންގެ އުމުރު ދިގުވުމުގެ އެއް ސިއްރަކީ އެ މީހުން ކާ ކާނާއެވެ. ނަމަވެސް ހުޅަނގު މީހުންގެ ކެއުން ޖަޕާނުގައި ނުކެއުމާ ޖަޕާނުގެ އާބާދީގެ އުމުރު ދިގުވުމާ ގުޅުވުމަކީ އެންމެ ހަރުދަނާ ގޮތެއް ނޫން ކަމަށް ޖަމާކުރެވިފައިވާ މައުލޫމާތުތަކުން ސާފުވެއެވެ. ފަހުގެ ދިރާސާތަކުން ފެންނަ ގޮތުގައި ޖަޕާނުގެ މީހުންގެ އުމުރު ދިގުވުމުގައި ހުޅަނގުގެ ކެއުމުގެ އުޞޫލުތައް އެ ޤައުމަށް ތައާރަފުވުމުގެ ދައުރެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
ޖަޕާނަކީ އަބަދުވެސް އުމުރު ދިގުވުމުގެ ދާއިރާގައި ފާހަގަކުރެވޭ ޤައުމެއް ނޫނެވެ. 1970ގެ ތެރޭގައި ޖަޕާނުގެ މީހުން މަރުވާ ނިސްބަތްހުރީ އޯއީސީޑީގެ ޤައުމުތަކުގެ ތެރޭގައި އެވެރޖު ގޮތެއްގައެވެ. އެއިރު އެ ޤައުމުގައި ކެންސަރާއި ހިތުގެ ބަލީގައި މަރުވާ މީހުންގެ އަދަދު މަދު ނަމަވެސް ލޭ ދައުރުކުރުމުގެ މައްސަލަތަކުގައި މަރުވާ މީހުންގެ ނިސްބަތް އޯއީސީޑީގައި އެންމެ މަތީ ޤައުމަކީ ޖަޕާނެވެ. އެއީ ސިކުނޑިއަށް ލޭ ދައުރުނުކޮށްގެން މަރުވާ މީހުންގެ ނިސްބަތެވެ.
ނަމަވެސް 1970 ވަނަ އަހަރާއި 1990ގެ ދެމެދުގައި ލޭ ދައުރުނުކުރުމުގެ މައްސަލަތަކުގައި މަރުވާ މީހުންގެ އަދަދު އޯއީސީޑީގެ ޤައުމުތަކުގެ އެވެރެޖު މިންވަރަށް ޖަޕާނުގައި ތިރިވިއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ ހިތުގެ ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދު މަދުވުމާއެކު، ސްޓްރޯކުޖެހޭ މީހުންގެ އަދަދުވެސް ދަށްވުމާއެކު ޖަޕާނުގެ މީހުންގެ އުމުރު ދިގުލައިގެންދާ މިންވަރު އިތުރުވިއެވެ.
ޖަޕާނުގައި މީހުންގެ އުމުރު ދިގުލައިގެން ދިއުމަށް މެދުވެރިވި އެއް ސަބަބަކީ ކެއުމަށް އައި ބަދެލެވެ. 1،200 އަހަރު ވަންދެން ޖަޕާނުގައި އެއްގަމު މަސް ކެއުން އޮތީ މަނާވެފައެވެ. މިހާރުވެސް ޖަޕާނުގެ މީހުން ޖަނަވާރުގެ މަސް ކާ މިންވަރު އެހެން ޤައުމުތަކަށްވުރެ މަދެވެ.
ޖަޕާނުގައި ލޭ ދައުރުކުރުމުގެ މައްސަލަތަކުގައި މަރުވާ މީހުންގެ އަދަދު މަދުވާން ފެށި ދުވަސްވަރުގެ ތެރޭގައި 1960 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ދެމެދުގައި ޖަޕާނު މީހަކު އެވެރެޖުކޮށް މަސް ކާ މިންވަރު ސުމަކާ ގާތްކުރާ މިންވަރަކުން 52 ކިލޯއަށް އިތުރުވިއެވެ. އެއީ އެމެރިކާ މީހަކު މަސް ކާ މިންވަރުގެ 45 އިންސައްތައެވެ.
ޖަޕާނުގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކެއުމުގެ އާދަތައް ބަދަލުވި އެ ޤައުމުގެ ސަރަހައްދުތަކުގައި، ލޭ ދައުރުކުރުމުގެ މައްސަލަތަކުގައި މަރުވާ މީހުންގެ ނިސްބަތްވެސް ދަށަށް ދިޔައެވެ. އެހެން ދިރާސާއެއްގައި 1995 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދުގައި 80،000 ޖަޕާނު މީހުންގެ މައުލޫމާތު އެއްކުރުމުން އެނގުނު ގޮތުގައި ލޭ ދައުރުކުރުމުގެ މައްސަލަތަކާއި ސްޓްރޯކު ޖެހޭ ނިސްބަތް އެންމެ ގިނައީ އެންމެ މަދުން މަހާއި ކިރުގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ މެދުގައެވެ.
ޖަޕާނުގައި ޞިއްޙީ ޙާލަތަށް އައި ކުރިއެރުމާއެކު އެ ޤައުމަށް ކުރިމަތިވެފައިވާ ހިތްދަތި އެއް ކަމަކީ އެ ޤައުމުގައި އަލަށް އުފަންވާ ކުދިންގެ ނިސްބަތް މަދުވުމާއި އުމުރުން ދުވަސްވީ މީހުން އިތުރުވުމުގެ ސަބަބުން އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ބޮޑުކަމެވެ. އެގޮތުން 2060 ވަނަ އަހަރު އެ ޤައުމުގެ އާބާދީގެ 60 އިންސައްތަވާނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ކަމުގައި ލަފާކުރެވެއެވެ.
މި ލިއުމާއި ގުޅޭ