ކ.މާފުށީގައި ދުއްވި ކާރެއް ކޮންޓުރޯލުން ނެއްޓި ހަންމަތަނުކުރެވި މޫދަށް ވެއްޓުނު ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި ޙާދިސާ ހިނގީ ރޭގެ ވަގުތެއްގައި ކަމަށާއި، މާފުށީގައި ދުއްވަމުން ދިޔަ ކާރެއް ހަންމަތަނުކުރވި މޫދަށް ވެއްޓުމުން އެ ކާރުގައި ތިބި ދެ މީހަކަށް އަނިޔާވެ އެ ރަށުގެ ޞިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ކޮންޓުރޯލުން ނެއްޓިގެން މޫދަށް ކާރު ވެއްޓުނުއިރު، އެ ކާރުން ބަނދަރުގައި އަޅާފައިވާ ލޯންޗެއްގައި ޖެހި އެ ލޯންޗަށް ގެއްލުންވެފައިވާ ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
މި ޙާދިސާގައި ކާރު ދުއްވަން އިން މީހަކީ ކާރު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރަށް ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.