Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ޙާމިދު ސޭޓާ ދެކޮޅަށް އަދީބުގެ ހެކިބަސް ސުޕްރީމް ކޯޓުން ބަލައިނުގަތް

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މ.ޝޫރާމަންޒިލް، ޙާމިދު އިސްމާޢީލް (ޙާމިދު ސޭޓު)އާ ދެކޮޅަށް ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ޙާމިދުގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލާގައި ދައުލަތުގެ ފަރާތުން އައު ހެކީގެ ގޮތުގައި އަދީބު ދެއްވާފައިވާ ބަޔާނެއް ހުށަހެޅިއެވެ. ޙާމިދުގެ ފަރާތުން އަދީބަކީ ޙާމިދަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާއާއެކު ބައިވެރިކަމަށް ތުހުމަތުވާ ބޭފުޅެއްކަން ފާހަގަކުރިއެވެ.

ޙާމިދުގެ މައްޗަށް ދައުވާކޮށްފައިވަނީ ޅ.މާބިހުރާ ރިސޯޓު ހެދުމަށް ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް ނެގި 5 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައެވެ. މި މައްސަލާގައި އަދީބުގެ އިތުރަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކުރިއެވެ. ދެ ބޭފުޅުންވަނީ ދައުލަތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެ ތުހުމަތަށް އިއުތިރާފުވެފައެވެ.

އެ ފައިސާއަށް ޚިޔާނާތްތެރިވެ އެ ފައިސާ ޖަމާކޮށްފައިވަނީ ޙާމިދު ސޭޓުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް މެނޭޖުމެންޓު ޕްރައިވެޓް ލިމިޓެޑުގެ ބޭންކު އެކައުންޓަކަށެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އެ ފައިސާ ބޭނުންކުރި ކަމަށެވެ.

މި މައްސަލާގައި ޙާމިދުގެ މައްޗަށް ދައުލަތުން ދައުވާކޮށް އެ ދައުވާ ސާބިތުވެ، ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވިއެވެ. އެ ދައުވާ ސާބިތުވި 2 އަހަރާއި 18 މަސް ދުވަހުގެ ހުކުމެއް އެ ކޯޓުން އިއްވައި އެ ހުކުމް ތަންފީޒުކޮށް ނިންމާފައިވެއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުން ދަށު ކޯޓުގެ ޙުކުމް ހައިކޯޓުން ދެމެހެއްޓިއެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ކަންކަމުގެ ތެރޭގައި އައު ހެއްކެއްގެ ގޮތުގައި އަދީބުގެ ހެކިބަސް ހުށަހެޅިއެވެ. ޙާމިދުގެ ވަކީލުން އަދީބަކީ އެ ކުށުގައި ޙާމިދާއެކު ބައިވެރިވިކަމަށް ތުހުމަތުވާ ފަރާތެއް ކަމަށާއި އަދީބުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ބުންޏެވެ.

އަދީބުގެ ހެކިބަހަކީ އަލަށް ލިބުނު ހެއްކެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމުގައި ފާހަގަކުރައްވައި އަދީބަކީވެސް އެ ކުށުގައި ބައިވެރިވި ފަރާތެއް ކަމުގައި ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އިސް ފަނޑިޔާރަކަށް އިންނެވި ޤާޟީ ޢަލީ ރަޝީދު ފާހަގަކުރެއްވިއެވެ. އެ ނުކުތާ ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން ފާހަގަކުރައްވާފައިވަނިކޮށް އެމަނިކުފާނާ ދެކޮޅަށް އަދީބުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ކުރިމިނަލް ކޯޓުގެ ބެންޗުގައި އިސްކޮށް އިންނެވީވެސް ފަނޑިޔާރު ޢަލީ ރަޝީދެވެ.

ސުޕްރީމް ކޯޓުގައި މިއަދު މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޢަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރެވެ.

މި ލިއުމާއި ގުޅޭ