އަމީނިއްޔާ ސްކޫލުގެ ގްރޭޑު ތިނެއްގެ ޓީޗަރަކު ޕޮޒިޓިވްވެއްޖެއެވެ.
"ދިޔަރެސް" އަށް އެނގިފައިވާ ގޮތުގައި އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ޕޮޒިޓިވްވުމުން އެ ޓީޗަރާއި ކޮންޓެކްޓުވި ހުރިހާ ޓީޗަރުން މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ. މީގެއިތުރުން އެ ގްރޭޑުގެ ހުރިހާ ޓީޗަރުން ވެސް ކަރަންޓީނުވުމަށް އެ ސްކޫލުން ޓީޗަރުންނަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް ޕޮޒިޓިވްވި ޓީޗަރާއި އެއްވެސް ކުއްޖަކާއި ކޮންޓެކްޓު ނުވާ ކަމަށް އެނގިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޭސް އާއި ގުޅިގެން ޑައިރެކްޓު ކޮންޓެކްޓުވި އެއްވެސް ޓީޗަރަކާއި ދަރިވަރުންނާއި އެއްވެސް ވަރަކަށް ކޮންޓެކްޓުވެފައެއް ނުވެއެވެ.
މިހާތަނަށް ސްކޫލުތައް ހުޅުވި ފަހުން މިއީ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވި ފުރަތަމަ ފަހަރެވެ. ސްކޫލުތައް ހުޅުވާލުމުން ގިނަ ބެލެނެވެރިން ވަނީ އެކަމާއި ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި މިހާރުވެސް މި ކޭސް އާއި ގުޅިގެން އަންނަނީ ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14،218 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13،402 ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިހާރު ރާއްޖޭގައި ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 750 މީހަކަށެވެ. އޭގެތެރެއިން 53 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ. މިބަލީގައި މިހާތަނަށް 49 މީހަކު ވަނީ މަރުވެފައެވެ.