ރަޝިޔާ އިން ޔޫރަޕަށް އަޅާ ގޭސް ހޮޅި ކަމަށްވާ ނޯޑް ސްޓްރީމް 2 އެޅުމަށް އެހީވާ ޔޫރަޕުގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފިއެވެ.
ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނޯޑް ސްޓްރީމް 2 ހެދުމަށް އެހީވާކަމަށް ޝައްކު ކުރެވޭ ޔޫރަޕުގެ ކުންފުނިތަކަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ މި މަސްތެރޭގައި އިންޒާރުދީފައެވެ. މިގޮތުން އެ ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާއިން ބުނެފައިވާކަމަށްވެއެވެ.
އަދި ބުރާސްފަތި ދުވަހު ނޫނީ ހުކުރު ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އާންމުކުރާ ރިޕޯޓެއްގައި އެ މަޝްރޫއުއަށް އެހީވަކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކުގެ ނަން ހިމަނާނެކަމަށްވެސް އެމެރިކާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ.
ގޭސް ހޮޅި އަކީ ރަޝިޔާއިން ސިޔާސީ މަޤްސަދުތަކެއްގައި އަޅާ ހޮޅިއެއް ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. މީގެ ކުރިން އެމެރިކާ އިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮބިން ކުއިންވިލް ޖަރުމަނުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މިއީ ޖަރުމަނާއި އީޔޫ އިން އެ ގޭސް ހޮޅީގެ މަސައްކަތް ހުއްޓުވަންވީ ވަގުތުކަމަށެވެ. އަދި އެކަމުން ރަޝިޔާއިން އަމަލުކުރަމުންދާ ގޮތް ޔޫރަޕުން ބަލައިނުގަންނަ ކަމުގެ ސިގްނަލް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާ އިން މިހާރުވެސް ޔޫރަޕަށް ގޭސް ހޮޅިއެއް އަޅާފައި އޮވެއެވެ. ނޯޑް ސްޓްރީމް 1 ގެ ނަމުން ނަން ދީފައިވާ މި ހޮޅީގެ ސަބަބުން ޔޫރަޕަށް ބޭނުންވާ 40 އިންސައްތަ ގޭސް ލިބެއެވެ. ރަޝިޔާއިން ނޯޑް ސްޓްރީމް 2 ގެ ނަމުގައި ގޭސް ހޮޅިއެއްގެ މަސައްކަތް ފަށާފައިވާއިރު، އެމެރިކާއިން އެ ހޮޅީގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުމެއް ނުވެއެވެ.
އެ ހޮޅީގައި އަދި 160 ކިލޯމީޓަރު ނުނިމި އެބަހުއްޓެވެ. އެ މަސައްކަތް ކުރުމަން އައި ސްވިސް-ޑަޗް ކުންފުންޏަކުން އޭގެ މަސައްކަތް ހުއްޓާލާފައި ވަނީ އެމެރިކާއިން އެ ކުންފުންޏާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމުންނެވެ
ނޯޑް ސްޓްރީމް 2 ގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމިރް ޕުޓިން ވިދާޅުވެފައިވެއެވެ. ރަޝިޔާ ސަރުކާރުން ވަނީ، އެމެރިކާ އިން އަޅަން އުޅޭ ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހިލާފު ކަމެއް ކަމަށް ބުނެފައެވެ.
ރަޝިޔާ އިން ފޮނުވާ ގޭސް ހޮޅި ޔޫރަޕުން ގޮސް ގުޅޭނީ ޖަރުމަނާއިއެވެ. ޖަރުމަނުގެ ހަކަތަ އުފައްދާ ކުންފުނިތަކުން، މި މަޝްރޫއުއަށް ތާއީދުކުރެއެވެ.