67 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ މައި ސަރުކާރުން އަންހެނަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.
ލީސާ މޮންޓްގޮމެރީ ނަމަކަށް ކިޔާ މި އަންހެން މީހާއަށް ހުކުމް ތަންފީޒުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އިންޖެކްޝަނެއް ޖަހައިގެންނެވެ. އޭނާ މަރަން ހުކުމް ކުރީ މީހަކު މަރާލުމުގެ މައްސަލައިގައެވެ.
ލީސާގެ ވަކީލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫނެވެ. އަދި ކުޑައިރު ތަފާތު އަނިޔާތައް އޭނައަށް ލިބުނު ކަމަށް ވަކީލުން ބުނެއެވެ. އަދި އެހެން ކަމުން އޭނާއަށް މަރުގެ ހުކުމް އިއްވައިގެން ނުވާނެކަމަށް ބުނެ އޭނާގެ ވަކީލުން ވަކާލާތު ކުރިއެވެ. ލީސާއަށް މަރުގެ ހުކުމް އިއްވާފައިވަނީ 2004 ވަނަ އަހަރު، މާބަނޑު އަންހެނެއްގެ ބަނޑުފަޅާލައި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނެގި މައްސަލައެއްގައެވެ. އަދި އެ އަންހެން މީހާ ވަނީ ލޭހުސްވެގެން މަރުވެފައެވެ.
މިއަދު ޖީއެމްޓީ ގަޑިން 01:31 ގައި ލީސާ މަރުވި ކަމަށް އިއުލާންކުރެވިފައިވާ އިރު އޭނާގެ ވަކީލުން ވަނީ އޭނާ މަރާލުމަކީ އިންސާފެއް ނޫންކަމަށް ބުނެފައެވެ. އަދި އެކަމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުން ލަދުގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ލީސާއަށް މަރުގެ ހުކުމް ތަންފީޒު މިކުރެވުނީ ހުކުމް ތަންފީޒު ކުރުން ދެފަހަރެއްގެ މަތިން ލަސްވެފައިވަނިކޮށެވެ. ފުރަތަމަ ކޮވިޑު-19 އާއި ގުޅިގެން ލަސްވެފައި ވަނިކޮށް ފަހުން އެމެރިކާގެ ކޯޓަކުންވެސް ވަނީ އެކަން މަޑުޖައްސާލުމުގެ އަމުރެއް ނެރެފައެވެ. އެހެން ނަމަވެސް ފަހުން އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ މަރުގެ ހުކުމް ތަންފީޒުކުރަން އަމުރުކޮށްފައެވެ.
އޭނާގެ ވަކީލުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައެއް ޖަމާޢަތްތަކުން ދަނީ ލީސާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ކުށްވެރި ކުރަމުންނެވެ.
އެހެން ނަމަވެސް ލީސާ މަރާލި އަންހެން މީހާގެ އާއިލާ އިން ވަނީ އޭނާ ކުރި ކުށަކީ ބިރުވެރި އަދި ބޮޑު ކުށެއް ކަމަށާއި އެހެން ކަމުން މަރުގެ އަދަބު އޭނާއަށް ހައްޤުކަމަށް ބުނެފައެވެ.